
ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ދެވަނަ ޕްރޮގްރާމް ބާއްވައިފި
ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ދެވަނަ ޕްރޮގްރާމް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މޯލްޑިވްސް ޕޮލީޓެކްނީކްގައި ބާއްވައިފިއެވެ.
ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ ’މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ‘ ގެ ދަށުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އެޗް.ސީ.އެފް.ސީ ފޭސްއައުޓްކުރުމުގެ ޓާގެޓް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގަމުންދާ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކޭޝަން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އަލަށް ދުނިޔޭގެ މާކެޓުގައި ތަޢާރަފު ކުރަމުންދާ ފްލޭމަބަލް ރެފްރިޖެރެންޓް އެކުލެވޭ އެއަރ ކަންޑިޝަނަރ އަދި ރެފްރިޖެރޭޓަރސް އިންސްޓޯލް، މެއިންޓެއިން، އަދި ސާރވިސް ކުރާނެ ގޮތުގެ ޓްރެއިނިންގ ދެވޭނެއެވެ. އަދި އަލަށް އުފެދޭ ފްލޭމަބަލް އަދި ޖައްވު ހޫނުވުމަށް މެދުވެރިކުރުވާ ގޭސްތަކުގެ މަޢުލޫމާތު ދީ އެފަދަ ގޭސްތައް ގެންގުޅުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ މަޢުލޫމާތު ދެވޭނެއެވެ.
ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއަކީ ފަންނީ އަދި ޢިލްމީ ދާއިރާއަކަށް ވުމާއެކު، އަދި މުޅި ސިނާޢަތުގެ އަމާޒު ތިމާވެށްޓާ ރައްޓެހި އީޖާދީ ޢިލްމުގެ މައްޗަށް ބިނާވަމުން އަންނަ ސިނާޢަތަކަށް ވުމުން، ދިވެހިރާއްޖޭގައިވެސް މި މަސައްކަތަކީ ހަރުދަނާ އުސޫލުތަކެއްގެ މަތިން އޭގެ އެންމެ ރަނގަޅު އުސޫލުތަކުގައި ހިފައިގެން ކުރާ މަސައްކަތަކަށް ހެދުމަކީ މުހިއްމުކަމެކެވެ.
މިގޮތުން މި މަސައްކަތަކީ ލައިސެންސް ލިބިގެން އެކަމުގެ ފަންނީ ޢިލްމު ލިބިހުރެ ކުރާ މަސައްކަތަކަށް ހެދުމަކީ މިނިސްޓްރީގެ އަމާޒެކެވެ. ދިވެހިރާއްޖެއަކީ ޔުނެޕްގެ ފަރާތުން ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސް ޕްރޮގްރާމް ފެށި ދެވަނަ ޤައުމެވެ. ”ރެފްރިޖެރޭޝަން ޑްރައިވިންގ ލައިސަންސް“ ގެ ފުރަތަމަ ޕްރޮގްރާމް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވާފައިވާއިރު މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ޓެކްނީޝަނުން ޓްރެއިން ކުރެވި އިމްތިހާނުން ފާސްވެފައިވާ ޓެކްނީޝަނުންނަށް މި މަހުގެ 26 ވަނަ ދުވަހު ވަނީ ”ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސް“ ދީފައެވެ. އަދި މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ޖުމްލަ 16 ޓެކްނީޝަނުން މިވަނީ ޓްރެއިންކޮށްފައެވެ. އެހެންކަމުން ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 28 މީހުން ވަނީ ޓްރެއިން ކުރެވިފައެވެ.



