
އެމްއައިބީގެ ޙިއްސާ ވިއްކަން ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޙިއްސާ ވިއްކަން ފަށައިފިއެވެ.
އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ޙިއްސާ ގަނެވޭ އިރު، އެ ފުރުޞަތު މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
އެމްއައިބީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް ޢާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު، 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެއެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި ޢާންމު ހިއްސާގެ 69975،000 ހިއްސާ އެވެ.
ހިއްސާއެއް 35 ރުފިޔާގެ މަގުން ވިއްކާ އިރު، މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.
ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން 20 ހިއްސާ އެވެ. މި އަދަދު އިތުރު ކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެއެވެ.
އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީ އެވެ.
މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެންވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.
އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން
- ހިއްސާ ގަތުމަށް ހުޅުވާލާ ތާރީހް: 28 ޖުލައި 2019
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހް: 18 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 28 އޮކްޓޯބަރު 2019
- އެލޮކޭޓް ކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019



