ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗަކަށް އެޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗުގެ މަޤާމުގައި ހުރި އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފި އެވެ.
ސަމްޕަތު ނިއުރޭޑިއެންޓް ގެ ހެޑް ކޯޗަކަށް ހަމަޖެއްސާފައިވަނީ ނިއުއިން މިސީޒަނަށް އެޓީމުން ގެނައި ބަލްގޭރިއާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް މަގާމުން ވަކިކުރުމުން ނެވެ. އޭނާ މަގާމުން ވަކި ކޮށްފައިވަނީ އެޓީމުން ނެރެމުންދާ ނަތީޖާތައް ދަށްވުމުންނެވެ. އޭގެފަހުން ޓީމަށް އިރުޝާދު ދެމުން ގޮސްފައިވަނީ ސަމްޕަތެވެ.
އޭގެ ފަހުން އެޓީމުން ވަނީ މިދިޔަ އަހަރު އެޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކަވަޒޮވިޗް ގެނަސްފައެވެ. އެކަމަކު ސަސްޕެންޝަނެއްގައި ހުރުމުން އޭނާއަށް ވަނީ ޓީމަށް އިރުޝާދުދޭން ބެންޗަށް އާދެވޭގޮތް ނުވެފައެވެ. އޭނާ މި ސަސްޕެންސަނުގައި ވަނިކޮށް އޭނާއަށް ވަނީ ބަންގްލަދޭޝްގެ ޓީމަކުން ކޯޗު ކަމުގެ ފުރުސަތު ލިބުމުން އެޓީމާ ގުޅިފައެވެ. އެހެން ކަމުން އޭނާ ނެތި ސީޒަންގައި ކުރިއަށް އޮތްބައި ނިއުގެ ކޯޗިން ލައިންގައި ފުރިހަމަ ޒިންމާ ނަގާނީ އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.
އޭނާ އެ މަގާމުގައި ދެމިހުންނާނީ މި ސީޒަނުގެ ނަޔަލަ ށެވެ. އަދި ސަމްޕަތު ދަށުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަހުމަދު ނިޔާޒް (ޓެޑް) އެވެ. އޭނާވެސް މި މަގާމުގައި ދެމި ހުންނާނީ މި ސީޒަނުގެ ނިޔަލަށެވެ.
މިދިޔަ އަހަރުން ފެށިގެން ނިއުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރަމުން އަންނަ ސަމްޕަތު ވަނީ ނިއުގެ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ދުވަސްވަކެއް ވަންދެއް މަސައްކަތް ކޮށްފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ނިއު ވަނީ 2003 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ހޯދައިފަ އެވެ. ގައުމީ ޓީމަށް 1995-2005 އަށް ކުޅުނު ސަމްޕަތު ވަނީ ނިއުގެ އިތުރުން ލެގޫންސާއި ވިކްޓަރީ އާއި އައިއެފްސީ އާއި ވެލެންސިއާ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ.
މިދިޔަ ހަތަރު އަހަރު ލީގު ޗެމްޕިއަންކަން ހޯދި ނިއު މިހާރު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ 6 ވަނަ މަގާމުގަ އެވެ.