އިޓާލިއަން ސެރިއޭ: ޔުވެންޓަސް އިން މިލާން ބަލިކޮށްފި
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ މިލާނުންނެވެ. މި ގޯލް މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒިސްޓޯފް ޕިއަޓެއެކްއެވެ.
މިލާނުން މެޗުގެ ފުރަތަމަ ހާފް ލީޑުގައި އޮވެ ނިންމާލިނަމަވެސް ، މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޑިބާލާ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ގޯލަށްފަހު ޔުވެންޓަސްގެ ފަރާތުން އަވަސް ކުޅެމެއް ފެނިގެންދިޔައިރު ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގާފައެވެ. ޕިޔަނިޗް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް މޮއިސް ކީންއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 5 ވަނަ ގޯލެވެ.
މި ގޯލަށްފަހު ވެސް ޔުވެންޓަސް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު ޔުވެންޓަސް އޮތީ 84 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައެވެ. އޭސީ މިލާން އޮތީ 52 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނާގައެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ޕާމާ އަދި ޓޮރީނޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ޔުވެންޓަސް ދެން ކުޅޭނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ނެދަލެންޑްސްގެ އަޔެކްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ އަޔެކްސްގެ ދަނޑުގައި މިމަހުގެ 10 ވާ ބުދަދުވަހުއެވެ.