
ބެއިޖިންގ ގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އަންނަނީ މަދުވަމުން
ބެއިޖިންގ ގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދުވާން ފަށައިފިއެވެ.
އެ ޤައުމުގެ މުނިސިޕަލް ހެލްތު ޚަބަރުފަތުރާ ވަޞީލަތްތަކުން މަޢުލޫމާތުދީފައިވާ ގޮތުގައި ފާއިތުވި 3 އަހަރުގެ ތެރޭގައި 200،00 މީހުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަނީ ދުރުވެފައެވެ. މިއީ އެޤައުމުގެ ރައްޔިތުން ދުންފަތާ ދުރުވުމަށް ސިއްޙަތާއިބެހޭ ވުޒާރާއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.
ޗައިނާގެ 61 ހޮސްޕިޓަލަކާއި އެތައް ކްލިނިކެއްގައި މިހާރު އަންނަނީ ދުންފަތުންކުރާ ނޭދެވޭ އަސަރާއި ގެއްލުން ޢާންމުންނަށް ހިއްސާ ކުރަމުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލުން ދުރުވަން ބޭނުންވާ މީހުންނަށް އެކަމުގެ އިރުޝާދުވެސް ދެމުންނެވެ.
މި މަސައްކަތުގައި ހިލޭ ސާބަހަށް 15،000 މީހުން ހަރަކާތްތެރިވަމުން އަންނަ އިރު، ސްކޫލުތަކާއި ޢާންމުކޮށް މީހުން އެއްވެއުޅޭ ތަންތަނުގައި ދުންފަތުން ލިބޭ ގެއްލުން އަންގައިދޭ ބޯޑުތައްވެސް އަންނަނީ ބަހައްޓަމުންނެވެ.



