
ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
![]()
ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.
އެގޮތުން، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު، ރަޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރަޢީސްވަނީ ސަފީރަށް ތަޙުނިޔާ ވިދާޅުވުމުގެ އިތުރުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާއަކީ ރާއްޖޭގެ ފަރާތުން ވަރަށް ބޮޑު އަހައްމިޔަތެެއް ދޭ ޤައުމެއްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، މިއަހަރަކީ ރާއްޖެއާއި ރަޝިޔާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 51 އަހަރު ފުރޭ އަހަރުކަންވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި، ރަޝިޔާ ސަފީރުގެ މަސައްކަތްކުރައްވާ ދައުރުގެ ތެރޭގައި، ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންނަށް މަންފާކުރާނޭ ގޮތަށް، ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަަަނީ ދެއްވާފައެވެ. އަދި މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



