
ސިފައިންގެ ހަރަކާތެއްކަމަށްވާ “ ރަންނަމާރި ހަންޓް“ ފެށިއްޖެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެން)އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށް ބާއްވާ ހާއްސަ އިވެންޓު މިއަދު ފަށައިފިއެވެ.
މިއަދު މެންދުރުފަހު މާލޭ ކުޑަކުދިންގެ ބަގީޗާ ހިމެނޭ ސަރަހައްދުގައި މި ހަރަކާތްތަށް ފެށިގެން ދިޔައިރު، މިއަދަށް ޚާއްޞަކުރެވިގެން ކުރިއަށް ގެންގޮސްފައި ވަނީ، އައި.އީ.ޑީ އެއް ގޮވައިފި ޙާލަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާނެ ގޮތްތަކާއި ގުޅުންހުރި ފަރިތަކުރުންތަކެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކަމާބެހޭ ހުރިހާ ވުޒާރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއަދު ބޭއްވިގެން ދިޔަ އެހަރަކާތަކީ ކޮންމެ އަހަރަކުވެސް އެމްއެންޑީއެފްއިން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރ ، ކާނަލް އަބްދުލް ރައޫފް ވަނި ވިދާޅުވެފައެވެ. އަދި މިފަދަ ހަރަކާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ކިހާވަރަކަށް ތައްޔާރުވެފައި ވޭ ތޯ ބެލުން ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
މިފަދަ ހަރަކާތެއްގެ ސަބަބުން އެމްއެންޑީއެފްގައި ހުރި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެވި، މުޞްތަޤްބަލުގައި އެކަންކަން ރަގަނޅު ކުރުމަށް އޮތް ވަރަށް ބޮޑު ބާރަކަށް މިހަރަކާތްވެގެންދާނެ ކަމަށްވެސް ކާނަލް އަބްދުލް ރައޫފްވަނީ ވިދާޅުވެފައެވެ. އަދި “ ރަންނަމާރި ހަންޓް“ ގެ ނަމުގައި މިއަދު ފެށިގެން ދިޔަ ހަރަކާތަކީ 5 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ހަރަކާތެއްކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.



