
ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީ 2 ބިލިއަން ރުފިޔާ އަށްވުރެ އިތުރުވެއްޖެ
ފާއިތުވި ޖުލައި މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 54.8% އިތުރު އަދަދެކެވެ. މި އަހަރުގެ ޖަނަވަރީ މަހުވެސް މީރާއަށް ލިބުނު އާމްދަނީ ވަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވެފައެވެ.
މި އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ ޖުލައި މަހު ލިބުނު ޖުމުލަ އާމްދަނީގެ %42.9 ނުވަތަ 892.8 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ (%30.9 ނުވަތަ 642.4 މިލިއަން ރުފިޔާ) އިންނެވެ.
މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސް (8.3% ނުވަތަ 171.8 މިލިއަން ރުފިޔާ) ޓޫރިޒަމް ލޭންޑް ރެންޓް (%6.7 ނުވަތަ 158.2 މިލިއަން ރުފިޔާ) އަދި ގްރީން ޓެކްސްގެ ގޮތުގައި (%2.5 ނުވަތަ 51.1 މިލިއަން ރުފިޔާ) ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.
ޖުލައި 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 53.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.



