
މޮޑްރިޗް އާއި މާސެލޯއަށް ވެސް އަނިޔާވެ ދުވަސްކޮޅަކަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ
ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ އެޓީމުގެ މުހިންމު ދެކުޅުންތެރިން ކަމުގައިވާ ލޫކަ މޮޑްރިޗް އާއި މާސެލޯ އަށް އަނިޔާވެ ދުވަސްކޮޅަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެއެވެ.
މި ދެ ކުޅުންތެރިންނަށް އަނިޔާވީ ސްޕެނިޝް ލީގުގައި އެންމެފަހުން މަލާގާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައެވެ.
މޮޑްރިޗް އަދި މާސެލޯއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާއިރު މި ދެކުޅުންތެރިން ކުޅުމާއި ދުރުގައި ހުންނަން ޖެހޭ ވަކި މުއްދަތެއް ރެއާލް އިން ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް ސްޕެއިންގެ މީޑިޔާ ރިޕޯޓުތަށް ބުނާގޮތުން މާސެލޯ އެއް މަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. މޮޑްރިޗް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ އެއް ހަފްތާއަށް ކަމަށެވެ.
މޮޑްރިޗް އާއި މާސެލޯއަށް އަނިޔާވިއިރު ރެއާލްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ، ޕެޕޭ އާއި ކަވަހާލް އަދި ގެރެތް ބޭލް ވެސް މިވަގުތު ތިބީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.
މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވެފައިވާއިރު، ރެއާލްއަށް ކުރިއަށް އޮތީ ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ސެލްޓަވީގޯ އާއި ބައްދަލުކުރާ މެޗެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު، ފުރަތަމަ ލެގުގެ މެޗު 1-2 ގެ ނަތީޖާއަކުން ރެއާލް ވަނީ ބަލިވެފައެވެ.
މި ދެ ޓީމު ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު ކުޅެވޭނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.



