
ކާޑުގެ ބާވަތްތައް ކުރީގެ އަގަށް ބަދަލު ކުރުމަށް އެމްޕީ ސަލީމް ގޮވާލައްފައިވި
ކާޑުގެ ބާވަތްތައް ކުރީގެ އަގަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.
އޭނާ ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރަންޖެހުނީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ބޭކާރު ޚަރަދުތައް އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ސަރުކާރުގެ ފައިސާ ޚަރަދު ކުރުމުގެ ނިޒާމް ގޯސްވެގެން ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް މިކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށާއި ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ކުރަން މެމްބަރުން ދޫ ދެއްވަމުން ގެންދާތީ އެ ހުރިހާ ކަމަކަށް މެމްބަރުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭކަމަށެވެ.
ކާޑުގެ އަގު ބޮޑުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައި ކަމަށްވެސް އެމްޕީ ސަލީމް ވަނީ ވިދާޅުވެފައެވެ.



