
ޔޫކޭގެ ކިޔަވާ މުސްލިމުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަށް އިސްލާމޯފޯބިއާ
ޔޫކޭގެ ޔުނިވަރސިޓީތަކުގައި ކިޔަވާ މުސްލިމް ދަރިވަރުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަށް އިސްލާމޯފޯބިއާ ނުވަތަ އިސްލާމްދީނާ ދެކޮޅުވެރިކަމުގެ އަމަލުތަކާ ކުރިމަތިލާންޖެހޭކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފެޑަރޭޝަން އޮފް ސްޓޫޑަންޓް އިސްލާމިކް ސޮސައިޓީސް އިން ކުރި ސާވޭއަކުން އެނގޭ ގޮތުގައި އިނގިރޭސިވިލާތުގެ ”ރަސަލް ގްރޫޕް“ ގެ ޔުނިވަރސިޓީތަކުގައި ކިޔަވާ މުސްލިމް ދަރިވަރުންނަށް ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރެވެ.
މި ރިޕޯޓުގައިވާ ގޮތުން ޔޫކޭގައި ކިޔަވާ ކޮންމެ ތިން މުސްލިމް ދަރިވަރަކުން އެކަކަށް ޔުނިވަރސިޓީ މާހައުލުގައި އިސްލާމޯފޯބިއާގެ ތަޖުރިބާ ކުރަންޖެހިފައިވާއިރު އޭގެ ތެރޭގައި ފުރައްސާރަކުރުމާއި ބިރުދެއްކުމާއި ދީނީ ގޮތުން ތަފާތުކުރުން ހިމެނެ އެވެ.
”ބިލޯންގިން އިން ކުއެސްޗަން“ ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ސާވޭގައި ބައިވެރިވި މުސްލިމް ދަރިވަރުންގެ 38 އިންސައްތަ ކުދިންނަށް ކެމްޕަސް ތެރޭގައި އިސްލާމްދީނާ ދެކޮޅުވެރި އަމަލުތަކާ ކުރިމަތިވެފައިވެ އެވެ. އަދި މިފަދަ ހާދިސާތައް ދިމާވި ކުދިންގެ ތެރެއިން 68 އިންސައްތަ ކުދިން ބުނެފައިވަނީ ދިމާވި ކަންތައްތައް ރިޕޯޓުކުރަން ނުކެރޭ ނުވަތަ އެކަމުގެ ފުރުސަތު އޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ފޯސިސްގެ ވައިސް ޕްރެޒިޑެންޓް ރަޙްމާ ހެގީ ވިދާޅުވި ގޮތުގައި ޔުނިވަރސިޓީތަކުން މަރުޙަބާ ނުކިޔާކަމުގެ އިހުސާސް ކުރެވުނު ނަމަވެސް މުސްލިމް ދަރިވަރުން ދަނީ ޔުނިވަރސިޓީގެ މާހައުލަށާއި އިނގިރޭސި މުޖުތަމައަށް ބޮޑެތި ޚިދުމަތްތަކެއް ކުރަމުންނެވެ.
”ވަރަށް ގިނަ ދަރިވަރުން ބުނަނީ އެކުދިން ބަލައިގަންނަންޖެހޭ މާހައުލުން އެކުދިން ބަލައިގަންނަ ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް، އެކުދިންނަށް ތަފާތުކުރުންތަކާ ކުރިމަތިވޭ، ނަމަވެސް އެކަމާ މެދު ފިޔަވަޅެއް އެޅޭނެ ކަމުގެ އުންމީދެއް ނެތުމުން ގިނަ ފަހަރަށް ތިބެނީ ހިމޭނުން.“ ހެގީ
މިފަދަ ކަންކަން ކުރާ މީހުން ޖަވާބުދާރީ ނުކުރެވޭ މައްސަލައަކީ އެ ޖަމްއިއްޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް ހެގީ ފާހަގަކުރެއްވި އެވެ. އަދި ޔުނިވަރސިޓީތަކާއި ދަރިވަރުންގެ ޔޫނިއަންތަކާއި ސަރުކާރުން މިކަމަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.
މި ހޯދުންތަކަކީ ޔޫކޭގެ 63 މަތީ ތައުލީމުދޭ މުއައްސަސާއަކުން 715 ދަރިވަރުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފަހުގެ ތާރީޚެއްގައި މުސްލިމް ދަރިވަރުންގެ ތަޖުރިބާތަކާ ގުޅޭގޮތުން ކުރެވުނު އެންމެ ބޮޑު އެއް ސާވޭއެވެ.
ދަރިވަރުން ކިޔައިދީފައިވާ ބައެއް ހާދިސާތަކުގެ ތެރޭގައި ކެމްޕަސް ތެރޭގައި އެކުދިންގެ ގަޔަށް ކުޅުޖެހުމާއި މަރުގެ އިންޒާރު ދިނުމާއި ބުރުގާ އަޅައިގެން ތިއްބާ ގަޔަށް ކުޑަކަމުދާ ތަކެތި އުކުން ފަދަ ހިތާމަވެރި ކަންތައްތައް ހިމެނެ އެވެ.
މީގެ އިތުރުން ހުކުރު ނަމާދަށް ދިއުމަށް ވަގުތު ހޯދުމުން ލެބޯޓްރީ ސެޝަންތަކުން ބޭރުކުރުމާއި ކްލިނިކަލް ޕްލޭސްމަންޓްތަކަށް ދިއުމުގެ ކުރިން ބުރުގާ ބޭލުމަށް މަޖުބޫރުކުރުމާއި ސުލްހަވެރި އެއްވުންތަކުގައި ބައިވެރިވުމުން ”ޓެރަރިސްޓުން“ ގެ ނަމުން މުޚާތަބުކުރުން ފަދަ ތަފާތުކުރުންތައް ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.



