
މަސް ބާނަން ދިޔަ މުސްލިމު މީހާ އާއި ކާފިރު މިހާ
އިމާމް އަޙްމަދު ބްނި ޙަންބަލްގެ ދަރިކަލުން ޢަބްދުﷲ ބްނި އަޙްމަދު، އިމާމް އަޙްމަދުގެ ކިތާބުއްޒުހްދުގައި ވިދާޅުވެފައިވެއެވެ. ނަވްފު އަލްބިކާލީީއްޔު ކިޔާއިދެއްވިއެވެ.
އެއް ދުވަހެއްގައި މުއުމިނު މީހަކާއި ކާފިރަކު މަސް ބޭނުމަށް ނިކުތެވެ. ދެން ކާފިރު މީހާ މަސް ބޭނުމަށްޓަކައި އޭނާ އަޅުކަން ކުރާ އިލާހުގެ ނަންގަނެފައި އޭނާގެ ދާ އެއްލިއެވެ. އެހިނދު މަސްތަށް ޖަމާވެ އޭނާގެ ދާ ބަރުކޮށްލިއެވެ. ދެން މުއުމިނު މީހާ މަސް ބޭނުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅު ގަނެފައި އޭނާގެ ދާ އެއްލިއެވެ. ނަމަވެސް އޭނާގެ ދަލުގައި އެއްވެސް މަހެއް ނުޖެހުނެވެ.
މި ގޮތުގައި މި ދެމީހުން އިރު އޮއްސެންދެން މަސް ބޭނުމުގައި ތިއްބެއެވެ. ކާފިރު މީހާއަށް މަސް ބޭނެމުން ދިޔައެވެ. ނަމަވެސް މުއުމިނު މީހާއަށް އެއްވެސް މަހެއް ބޭނޭ ގޮތެއް ނުވިއެވެ. އެ ގޮތުގައި މުއުމިނު މީހާ އިސާހިތަކު ހުއްޓާ މަހެެއް ބޭނިއްޖެއެވެ. ނަމަވެސް އެ މަސް އަތަށް ނެގިތަނާ، ތެޅިގަނެފައި އެ މަސް ފުންމާލީއެވެ. އެހެން ކަމުން މުއުމިނު މީހާ އޭނާގެ ގެޔަށް ދާން ޖެހުނީ ހުސް އަތާއެވެ.
ދެެން މުއުމިނު މީހާގެ ރައްކާތެރިކަމުގެ މައްޗަށް. ﷲ ކަނޑައަޅުއްވާފައިވާ މަލައިކަތާ މިކަމާ ވަރަށް ދެރަފުޅުވެގެން ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވައިފިއެވެ. ”އޭ ރައްބެވެ! އިބަ ﷲ އަށް ދުޢާކުރާ އަޅާ އެ ދިޔައީ އެއްވެސް އެއްޗެެއް ނުލިބިއެވެ. ނަމަވެސް އިބަ ﷲ އަށް ކާފިރުވި މީހާ އެ ދިިޔައީ އޭނާގެ އޮޑި ފުރާލައިގެެންނެވެ.“
ދެން ﷲ ސުބްޙާނަހޫ ވަތަޢާލާ، މުއުމިނު މީހާގެ މައްޗަށް ކަނޑައަޅުއްވާފައިވާ މަލައިކަތާއަށް ވަޙީ ކުރެއްވިއެވެ. ”ވަޑައިގަންނަވާށެވެ!“ އެހިނދު މުއުމިނު މީހާއަށް ސުވަރުގޭގާއި ބިނާ ކުރައްވާފައިވާ ގަނޑުވަރު (ޖައްނަތު) ދައްކަވައިފިއެވެ. އަދި ވަޙީ ކުރެއްވިއެވެ. ”ތިމަން ﷲ ގެ މުއުމިނު އަޅާއަށް މި ގަނޑުވަރު (ޖައްނަތު) ލިބުމަށްފަހު، ދެން ދުނިޔޭގައި އޭނާއަށް ލިބުނު ދަތިކަމުން އޭނާއަށް ލިބޭނެ ގެއްލުމެއް އެބަ އޮތް ހެއްޔެވެ؟“
އަދި ކާފިރު މީހާއަށް ނަރަކާގައި ތައްޔާރު ކުރައްވާފައިވާ އޭނާގެ ޢަޒާބުގެ ދާން، ދައްކަވައިފިއެވެ. އަދި ވަޙީ ކުރެއްވިއެވެ. ”ދުނިޔޭގައި އޭނާއަށް ލިބުނު އެއްވެެސް ކަމަކުން އޭނާއަށް ފައިދާއެއް ކުރާނެ ހެއްޔެވެ؟“
އެހިނދު މަލައިކަތާ ދެންނެވިއެވެ. ”އޭ އަޅުގެ ވެރި ރައްބެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ.“
މި ވާހަކައިން ލިބޭ ޢިބުރަތްތައް:
1. ދުނިޔެ މަތީގައި މީހަކަށް މުދާ ގިނަވެގެން ދިއުމަކީ، އޭނާގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އޮތްކަމުގެ ދަލީލެއް ނޫންކަން.
2. ދުނިޔެ މަތީގައި މީހަކަށް މުދާ މަދުވުމަކީ، އޭނާގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތް ބަންދުވެގެން ދިއުން ނޫންކަން.
3. އަސްލު ރަޙްމަތަކީ، އާޚިރަތުގެ ގޯތީގާއި އޭނާއަށް ޖައްނަތުގެ މަތިވެރިކަން ހާސިލުވުންކަން.
4. ދުނިޔޭގެ މުދަލަކީ ނެތިވެ ފަނާވެދާނެ އެއްޗެއްކަމާއި، އާޚިރަތުގެ ގޯއްޗަށް ގެއްދިއުމަށް ތައްޔާރު ކުރެވޭ ހެޔޮ ޢަމަލަކީ ދެމިގެންދާނެ އެއްޗެއްކަން.
5. ދުނިޔޭގެ އަރާމާއި އުފަލަކީ ކެހިވެރިކަމުގެ ދަޅައެއްކަން.
6. މީހަކަށް ޖައްސަވާއި އުނދަގުލާއި މުޞީބާތަކީ އޭނާއަށްވާ ފާފަ ފުއްސެވުމެއް ކަމާއި، އޭނާގެ ދަރަޖަ އާޚިރަތުގައި އެކަމުގެ ސަބަބުން މަތިވެރި ކުރައްވާނެކަން.



