ސަޢޫދީގެ ޕީ.އައި.އެފް ޓަވަރަށް 5 ދުވަސްތެރޭ ދެވަނަ ފަހަރަށް ހަމަލާއެއް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ މަޝްހޫރު ’ޕީ.އައި.އެފް ޓަވަރު‘ އަށް ފަސް ދުވަސް ތެރޭ ދެވަނަ ފަހަރަށް ވައިގެ ހަމަލާއެއް ދީފި އެވެ.

ސަޢޫދީގެ ވެރިރަށް ރިޔާޟްގައި ހުންނަ އެ ޤައުމުގެ ސޮވެރިން ވެލްތު ފަންޑު ކަމަށްވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީ.އައި.އެފް) ގެ މައި އޮފީސް ހުންނަ އިމާރާތަށް ހަފުތާއެއް ނުވަނީސް ދެވަނަ ފަހަރަށް މިވަނީ ހަމަލާ އަމާޒުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަންގާރަ ދުވަހު ޔަމަނުގެ ހޫތީން ދިން ކަމަށް ބެލެވޭ މި ޑްރޯން ހަމަލާއަކީ ”ފިނޑި، ޓެރަރިސްޓް ހަމަލާއެއް“ ކަމަށް ސަޢޫދީ ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

ސަޢޫދީ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާގައި 11 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި އެ އިދާރާއިން ވަނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ މައި އޮފީސް ހުންނަ ޓަވަރުގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.

ޕީ.އައި.އެފް ޓަވަރަށް މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ހަމަލާއެއް ދީފައިވެ އެވެ.

މިއީ ރިޔާޟްގައި ހުރި އެންމެ އުސް އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތެވެ. އަދި މިއީ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހިމެނޭ މުހިންމު ބިނާއެކެވެ.

ސަޢޫދީން ޔަމަނަށް ވައިގެ ހަމަލާތައް ދެމުންދާއިރު ވެސް ހޫޘީން ދަނީ ސަޢޫދީގެ މުހިންމު ތަންތަނަށް މެދުނުކެނޑި ހަމަލާދިނުމުގެ ގާބިލުކަން ދައްކަމުންނެވެ.

މި ނޮވެމްބަރު މަހުގެ ކުރީކޮޅު ސަޢޫދީގެ ތެޔޮ ކުންފުނި އަރާމްކޯގެ އިމާރާތަކަށް ވެސް ހަމަލާދީ ގެއްލުން ދީފައިވާއިރު އޮކްޓޫބަރު މަހު ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެފައިވެ އެވެ.

ސަބާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާޟަށް މި ހަމަލާ ދީފައިވަނީ ޔަމަނުގެ ލާހިޖް ޕްރޮވިންސްގެ ވަދީ މަޢްބަޤްގައި ހުރި ބަސްތަކަކާއި ލޮރީތަކަކަށް ސަޢޫދީގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީ 25 މީހުން މަރުވެ 6 މީހުން ޒަޚަމްކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ސަރަހައްދުގެ ރަށްވެހިން ސަބާ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި ހަމަލާ އަމާޒުވި ބަސްތަކުގެ ތެރޭގައި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައި ހުރުމުގެ ސަބަބުން އެއީ ކޮން ބައެއްކަން ދެނެގަތުމަށް ވަނީ ދަތިވެފަ އެވެ.

މީގެ އިތުރުން ސަޢޫދީގެ ހަނގުރާމަމަތީ އުޅަނދުތައް އެ ސަރަހައްދުގެ މަތީގައި އުދުހެމުންދިއުމުގެ ސަބަބުން އެމްބިއުލާންސްތަކަށާއި އާންމުންނަށް އަނިޔާވި މީހުންނާ ހަމައަށް ދިއުމަށް ހުރަސްއެޅި މަރުވި މީހުންގެ އަދަދު އިތުރުވެގެން ދިޔަ ކަމަށް އެ މީހުން ބުންޏެވެ.

ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށްފަހު ސަޢޫދީ ޢަރަބިއްޔާއިން ޔަމަނުގައި އަލުން ހަނގުރާމަ ފަށާފައިވަނީ ޖުލައި މަހުގަ އެވެ.

އޭގެ ފަހުން ހޫޘީން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި ޔަމަނުގެ ދެކުނު އައްސޭރިފަށަށް ވާސިލުވެ ރަތް ކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށްފަ އެވެ.

މި ކަނޑުއޮޅީގެ ކޮންޓްރޯލް ހޫޘީންގެ ދަށުގައި އޮތުމުގެ މާނައަކީ މިޞްރުގެ ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އާގުބޯޓުފަހަރުގެ ކޮންޓްރޯލް ޔަމަނުގެ ސަންޢާ ސަރުކާރުގެ ދަށަށްދިއު މެވެ.

2014 ވަނަ އަހަރު ހޫޘީން ފެށި ހަމަލާތަކާއެކު އުފެދުނު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 400,000 މީހުން ވަނީ މަރުވެފަ އެވެ.

ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ދޭ ވައިގެ ހަމަލާތަކާއި ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ސަޢޫދީން ކުރިމަތިކުރުވާފައިވާ އިގްތިސާދީ ދަތިކުރުންތަކުގެ ސަބަބުން ޔަމަނުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.