
ޣައްޒާގައި އެންމެ ގިނަ އަދަދަކަށް ކުދިން އުފަންވީ އޮކްޓޯބަރު މަހު
2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހަކީ ޣައްޒާގައި އެންމެ ގިނަ އަދަދަކަށް ކުދިން އުފަންވި މަސް ކަމުގައި ރެކޯޑު ކުރެވިއްޖެ އެވެ.
ގައްޒާގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކުދިން އުފަންވެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ.
އެ މަހުގެ ތެރޭގައި އަލަށް އުފަންވި 6,745 ކުދިން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އޮކްޓޫބަރު މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 218 ކުދިން އުފަންވެފައިވެ އެވެ.
މިއީ އޭގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު %3.6 އިތުރު އަދަދެކެވެ.
ހެލްތު މިނިސްޓްރީން ޝާއިއުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އަހަރުގެ ކުރީކޮޅު އުފަންވާ ކުދިންގެ އަދަދަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް 2026 ވަނަ އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި މި އަދަދުތައް އައީ މެދުނުކެނޑި މައްޗަށް ދަމުންނެވެ.
ގައްޒާގައި ޖެނުއަރީ މަހު 5,204 ކުދިން އުފަންވި ނަމަވެސް އޭޕްރީލް މަހު އެ އަދަދު ވަނީ 2,004 އަށް ދަށްވެފަ އެވެ.
މިއީ މުޅި އަހަރުގެ ތެރޭގައިވެސް އެންމެ ދަށް އަދަދަކަށް ކުދިން އުފަންވި މަހެވެ.
އޭގެ ފަހުން ހޫނު މޫސުމުގެ މަސްތަކުގައި އުފަންވާ ކުދިންގެ އަދަދު މަޑުމަޑުން އިތުރުވަމުން ގޮސް އޮކްޓޫބަރު މަހު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފަ އެވެ.



