
ކޮޕް 31 ނާކާމިޔާބުވުމުގައި ސަޢޫދީގެ ނުފޫޒު ވަރަށް ބޮޑު
ކޮޕް31 ބައްދަލުވުން ނާކާމިޔާބުވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ނުފޫޒު ވަރަށް ބޮޑަށް އޮތްކަން ހާމަވެއްޖެ އެވެ.
ތުރުކީވިލާތުގެ އަންޓަލްޔާގައި ކުރިއަށްދިޔަ ކޮޕް31 މޫސުމީ ބަައްދަލުވުން ކަނޑައެޅިފައިވާ ވަގުތަށްވުރެ އެތައް އިރެއް ފަހުން ނިމުނުއިރު ކުދި ޖަޒީރާ ޤައުމަކުން ވަނީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި ތުރުކީވިލާތާއި އޮސްޓްރޭލިއާއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ތަކުރާރުކޮށް ކެންސަލްކޮށްފައިވާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
ޔޫރަޕް ކުދި ޖަޒީރާ ޤައުމުތައް ލެޓިން އެމެރިކާ، އޭޝިއާ އަދި އެފްރިކާގެ މަންދޫބުން ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ސަޢޫދީގެ އޮފިޝަލުންނަށް ރިޔާސަތާ ބައްދަލުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ދީފައިވެ އެވެ.
މީގެ ސަބަބުން ބައްދަލުވުމުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަޢޫދީއަށް ލިބިގެންދިޔަ ކަމަށް އެ މަންދޫބުން ބުނެފައިވެ އެވެ.
މަންދޫބުން ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވުމަށް މެދުވެރިވާ އަސާސީ ސަބަބަކީ ތެލާއި ގޭސް އަދި ކޯލް ފަދަ މާއްދާތައް ކަމަށްވާއިރު މިފަދަ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް އެންމެ ބޮޑަށް ދެކޮޅުހެދީ ރިޔާޟު އެވެ.
މިއީ 2009 ވަނަ އަހަރަށްފަހު ސީ.އޯ.ޕީ ބައްދަލުވުމެއްގައި ސިޔާސީ އެއްބަސްވުމަކަށް ނާދެވި ނިންމާލަންޖެހުނު މައިގަނޑު ސަބަބު ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
ޔޫރަޕިއަން ޔޫނިއަން އާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ޤައުމުތަކުން ބުނެފައިވަނީ ތެލާއި ގޭސް ފަދަ ވަސީލަތްތަކުގެ ވާހަކަ ނުހިމެނޭ އެއްވެސް ލިޔުމެއް އެ ޤައުމުތަކަށް ގަބޫލުނުކުރެވޭނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވާހަކަދައްކަވަމުން އަޔަލޭންޑްގެ ކްލައިމެޓް މިނިސްޓަރު ވަނީ މި ބައްދަލުވުމުގެ ކޮންޓްރޯލް އޮތީ ބައެއް ތެޔޮ އުފައްދާ ޤައުމުތަކުގެ އަތްދަށުގައި ކަމަށް ސިފަކުރައްވާފަ އެވެ.
ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި އެއްވެސް ޤައުމަކަށް ނުވަތަ ޖަމާޢަތަކަށް ވަކި ޚާއްޞަ ޢިނާޔަތްތަކެއް ދީފައިނުވާނެ ކަމަށް ބުނެފައިވާއިރު ސަޢޫދީ ޢަރަބިއްޔާ އަދި އޮސްޓްރޭލިއާގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.
ސަޢޫދީއާއި އޯޕެކްގެ ޤައުމުތަކުން އަބަދުވެސް ވަކާލާތު ކުރަނީ މޫސުމީ ބަދަލުތަކާ ގުޅޭ އެއްބަސްވުންތަކުގައި ތެލާއި ގޭސް ފަދަ ވަސީލަތްތަކަށް އަމާޒުކޮށް ވާހަކަދެއްކުމާ ދެކޮޅަށެވެ.
އެ ޤައުމުތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ދުނިޔޭގެ ހަކަތައިގެ ބޭނުންތައް ފުއްދުމުގައި މި ވަސީލަތްތަކަކީ މުހިންމު ބައެކެވެ.
2021 ވަނަ އަހަރު ގްލާސްގޯގައި އަދި 2023 ވަނަ އަހަރު ދުބާއީގައި ބޭއްވުނު ބައްދަލުވުންތަކުގައި މިފަދަ ވަސީލަތްތަކުގެ ވާހަކަ ސާފުކޮށް ހިމަނާފައިވީ ނަމަވެސް މިފަހަރުގެ ބައްދަލުވުމުގައި އެމެރިކާގެ ބައިވެރިވުން ކުޑަވުމާއި އެމެރިކާއާއި ޗައިނާގެ މެދުގައި އޮންނަ ގާތް ގުޅުން ކުޑަވުމުގެ ސަބަބުން ސަޢޫދީގެ ނުފޫޒު ގަދަވުމަށް މަގުފަހިވި ކަމަށް މަންދޫބުން ގަބޫލުކުރައްވަ އެވެ.
ސިންގަޕޫރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ގްރޭސް ފޫ ވިދާޅުވި ގޮތުގައި ކުރީގެ ބައްދަލުވުންތަކުގައި ބޮޑެތި ޤައުމުތަކުން މަޝްވަރާގެ މިސްރާބު ކަނޑައެޅުމުގައި އިސްދައުރެއް އަދާކުރި ނަމަވެސް މިފަހަރު އެ މަންޒަރު ފެނިގެން ގޮސްފައިނުވެ އެވެ.



