
ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރާނަން – ވީ.ޕީ ފައިޞަލް
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ރައްޔިތުންގެ ތާއީދާ އެކު ހޮވިވަޑައިގެންފި ނަމަ ދިވެހިރާއްޖޭގައި ވަރުގަދަ އިޤްތިޞާދެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ކެންޑިޑޭޓް ފައިޞަލް ނަސީމު ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ފުނާޑޮ އަވަށުގެ ކުއީންސް ށޭޑްގައި ހެދި ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގައި މާލޭގައި ހުންނަވައިގެން ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއްވެސް މީހަކު ބާކީ ނުވާނެ ފަދަ އިޤްތިޞާދީ އޮނިގަނޑެއް ބިނާކުރަންޖެހޭ ކަމަށެވެ.
އެ ގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާ އާއި އިޖުތިމާޢީ ދާއިރާ އަދި ތަޢުލީމާއި ވިޔަފާރިގެ ދާއިރާ ތަރައްޤީ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ފައިޞަލް ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަންކަން އެކީއެކުގައި ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.
އެ ގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި އައު ވިޔަފާރިތައް ފަށައިގެން ކުރިއަށް ގެންދިއުމާއި މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވެދޭ ހުރިހާ ދާއިރާއެއް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފައިޞަލް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ވަޒީފާގެ ފުރުސަތާއި ވިޔަފާރިގެ ފުރުސަތުން އެއްވެސް މީހަކު ބާކީވެގެން ނުދާނެ ކަމަށާއި އެންމެންނަށް ވެސް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެކަންތައް ކުރައްވަން ބޭނުންފުޅުވަނީ އެންމެންގެ އިތުބާރާއި ބައިވެރިވުން ހޯއްދަވައިގެން އާންމު ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކެމްޕޭން އޮފީސް ހުޅުވުމުގެ ހަފްލާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު ފައިޞަލް ވިދާޅުވީ އާންމު ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ވަރުގަދަ އިޤްތިސާދެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ފައިޞަލް ވިދާޅުވީ ވަޒީފާގެ ދާއިރާއިން ވިޔަސް އަދި ވިޔަފާރީގެ ދާއިރާ އިން ވިޔަސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ ދިވެހިންނަށް އިސްކަންދޭ ނިޒާމެއްގެ ދަށުން ދިވެހިންނަށް އިސްކަންދޭ އުސޫލަކަށް ކަމަށެވެ.
”ތިބޭފުޅުން މިއަދު އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ ހަމަ ކޮންމެ މީހަކުވެސް އިތުބާރާ އެއްކޮށް ތިބޭފުޅުން މަސައްކަތް ކޮށްދެއްވަންވީ ޕްރައިމަރީ (ކާމިޔާބު ކޮށްދިނުމަށް). ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޕްރައިމަރީ އަކީ ވަރަށް ވާދަވެރިކޮށް އޮންނާނީ. އެމްޑީޕީގެ ތެރެއިން އެކިއެކި ކެންޑިޑޭޓުން ނުކުންނާނެ. މީ އެންމެ ގިނަ ވޯޓު ހޯދަން މި ޖެހެނީ (ޕްރައިމަރީ ކާމިޔާބު ކުރުމަށް). އެހެންވީމާ އެންމެ ގިނަ އެމްޑީޕީ މެންބަރުންގެ ތަރުހީބު ލިބޭ މީހާ އެއީ ކާމިޔާބުކުރާނެ މީހަކީ،“ – ފައިޞަލް
ފައިޞަލް ވިދާޅުވީ އެމަނިކުފާނަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްދިނުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ފުވައްމުލަކު ރައްޔިތުންނަށް ކަމަށެވެ. ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމުން މިހާރު ވެސް އެ މަސައްކަތް އެބަ ކުރައްވާ ކަމަށާއި ފުވައްމުލަކުގައި ވެސް އަދި މާލޭގައި ވެސް ވަކިވަކި ބޭފުޅުން ވެސް އެ މަސައްކަތް ކުރައްވާ ކަން ފައިސަލް ފާހަގަކުރެއްވި އެވެ.



