އެމެރިކާގެ ޑްރޯނެއް އީރާނުގެ އާ ވައިގެ ދިފާޢީ ނިޒާމަކުން ވައްޓާލައިފި

ހޯރްމުޒް ކަނޑުއޮޅި މަތިން އުދުހެމުންދިޔަ އެމެރިކާގެ ރީޕަރ ޑްރޯނެއް، އީރާނުގެ އާ ވައިގެ ދިފާއީ ނިޒާމަކުން ވައްޓާލާފައިވާ ކަމަށް އެޤައުމުން ބުނެފިއެވެ.

މިދިޔަ އޮގަސްޓް މަހާ ހަމައަށް އެމެރިކާގެ މަދުވެގެން 45 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް އެމެރިކާ އިން ރިޕޯޓްކޮށްފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 58 ޑްރޯން އީރާނުގެ ފައުޖުތަކުން ހަލާކުކޮށްލާފައިވާ ކަމަށް އެޤައުމުން ބުނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޯރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް އާ ހަވާލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާތަކުން ހޮނިހިރު ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

އައި.އާރު.ޖީ.ސީ އިން ހާމަކުރި ގޮތުގައި މިއީ ހަނގުރާމަ ފެށުނު ފަހުން އީރާނުން ވައްޓާލި 58 ވަނަ އުޅަނދެވެ. އަދި މި ޑްރޯން ދެނެގަނެ އޭގެ ހަރަކާތްތަކަށް ފާރަވެރިވެ ހަމަލާދީ ވައްޓާލާފައިވަނީ އީރާނުގެ އާ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ކަމަށްވެސް އެ ފައުޖުން ބުނެފައިވެ އެވެ.

ވޮޝިންގޓަން ޕޯސްޓުން އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ މަދުވެގެން 45 އެމް.ކިއު-9 ރީޕަރ ޑްރޯން ވަނީ ގެއްލިފަ އެވެ.

މިއީ އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ މިފަދަ އުޅަނދުތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަ އެވެ.

އެ ނޫހުން ލަފާކުރާ ގޮތުގައި މި ގެއްލުންތަކުގެ އަގު 1.3 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ވޮޝިންގޓަން އާއި ތެހެރާންގެ ގުޅުން ގޯސްވެ ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ހަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އޯމާންގެ ޚަސަބް ބަނދަރުގެ އުތުރުން 11 ނޯޓިކަލް މޭލު ބޭރުން ހޯރްމުޒް ކަނޑުއޮޅީގެ ތެރެއިން ދަތުރުކުރި މުދާ އުފުލާ ޓޭންކަރަކަށް ކާކުކަން ނޭނގޭ މިސައިލް ހަމަލާއެއް އަރާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނި ގޮތުގައި އެމެރިކާގެ ސިފައިންނާއި މުދަލަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އެގައުމުގެ ގޭޝްމް އައިލެންޑްގައި ހުރި މިސައިލް ފޮނުވާ ސައިޓަކަށް ވަނީ ހަމަލާދީފަ އެވެ.

އޭގެ ފަހުން އީރާނުން ބުނީ ކުވެއިތުގައި ހުންނަ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ޑްރޯން އަދި މިސައިލް ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ކުވެއިތުން ވަނީ އެޤައުމަށް އަމާޒުވި ”ދުޝްމަނުންގެ ޑްރޯން ހަރަކާތްތަކަށް“ ރައްދުދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ބަހްރޭނުން ބުނީ އީރާނުން ވައިގެ މަގުން ދިން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ފެށި މި ހަނގުރާމައިގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ކަނޑުދަތުރުފަތުރަށް ވަނީ ބުރޫ އަރާފަ އެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް ސަރަހައްދެވެ.

2025 ވަނަ އަހަރު ކަނޑުމަގުން ކުރާ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާކުރީ ހޯރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުންނެވެ.

ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރުމާއި އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ގާބިލްކަމާއި އަދި އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދުގައި ޖޫން މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ދާއިމީ ހައްލެއް ލިބިފައި ނުވާއިރު ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި ފުޅާ ދާއިރާއެއްގައި އެކުލަވާލަންޖެހޭ އެއްބަސްވުމުގެ މާއްދާތަކާ މެދު ދެފަރާތުގެ މެދުގައި އަދިވެސް ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.