
ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ދެވަނައަށް އެންމެ ދުވަސްވީ ވެރިޔަކީ ފަލަސްތީނުގެ ރައީސް
ފަލަސްތީނުގެ ރައީސްގެ އުމުރުފުޅުން 91 އަހަރު ފުރިއްޖެ، ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ދެވަނައަށް އެންމެ ދުވަސްވީ ވެރިޔާގެ ލަގަބު އެމަނިކުފާނަށް ލިބިއްޖެ އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އުމުރުފުޅުން 91 އަހަރު މިދިޔަ އާދީއްތަ ދުވަހު ފުރުމާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ ދުނިޔޭގައި މިވަގުތު ދައުލަތެއްގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވި ދެވަނައަށް އެންމެ ދޮށީ ބޭފުޅަށެވެ.
15 ނޮވެމްބަރު 1935 ގައި ފަލަސްތީނުގެ ސަފަދުގައި އުފަންވެވަޑައިގެންނެވި އައްބާސްއަށްވުރެ އުމުރުގެ ގޮތުން ދޮށީ ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ކެމަރޫންގެ ރައީސް ޕޯލް ބިޔާ (93 އަހަރު) އެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް (90 އަހަރު) އަކީވެސް ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ ޒައީމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
1948 ވަނަ އަހަރުގެ ”ނަކްބާ“ ނުވަތަ ބޮޑު ކާރިސާގެ ދުވަސްވަރު އައްބާސް އާއި އެމަނިކުފާނުގެ އާއިލާއަށް މަޖުބޫރުވީ ސަފަދު ދޫކޮށް ސީރިއާއަށް ހިޖުރަކޮށް ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭށެވެ.
އެމަނިކުފާނުގެ ރަސްމީ ވަނަވަރުގައިވާ ގޮތުން 1958 ވަނަ އަހަރު ދިމިޝްގު ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު 1982 ވަނަ އަހަރު މޮސްކޯއިން ތާރީޚުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި އެވެ.
1950 ގެ އަހަރުތަކުގައި ފަލަސްތީނުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި އައްބާސްއަކީ ޔާސިރު އަރަފާތާއި އެހެން ލީޑަރުންނާއެކު ފަތަޙަ ޖަމާޢަތް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މީގެއިތުރުން، 1993 ވަނަ އަހަރު ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާއަތް (ޕީއެލްއޯ) އާއި އިސްރާއީލާ ދެމެދު ވެވުނު އޮސްލޯ އެއްބަސްވުމުގެ މަޝްވަރާތަކުގައި އައްބާސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.



