ސިޔާސީ ޖަޒުބާތަށްވުރެ ޤައުމީ އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ސިޔާސީ ޖަޒުބާތުތަކަށްވުރެ ޤައުމީ އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ޙައްޤުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއްކުރެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ޤުރުބާނީގެ މަތިން ހަނދާންއައުކުރައްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.

ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ތާރީޚުން ފިލާވަޅު ލިބިގަނެ މުސްތަޤްބަލު އުޖާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހިފައިއޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީއާއި އާރޯކަން ދެއްވައި، މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މެސެޖެއް ހިއްސާ ކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ހުރަވީ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައި، މިނިވަންކަމުގެ ނިޢުމަތުގައި ތާއަބަދު ދިވެހިން ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ދިވެހި ޤައުމީ އަބްޠާލުންގެ ޒިކުރާ، އަމަލީ ގޮތުން ދިރުވައި އާލާކޮށް، އެ ބަޠަލުން ހޯއްދަވައިދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި، ޖޯޝް، ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ މަޤުޞަދުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.