
ޕަނީރު ކަތީ ރޯލް
ޕަނީރު ކަތީ ރޯލަކީ މަސްތުވާކުރި މެރިނޭޓަޑް އަދި ތަވައިގައި ތެލުލާފައިވާ ޕަނީރު، ތަރުކާރީ، އަދި ގްރީން ޗަޓްނީ (ކޮތަނބިރި ފަތް ނުވަތަ ފޮނިތޮށި ފަތުގެ ޗަޓްނީ) އަޅައިގެން ތައްޔާރުކުރާ އިންޑިއާގެ މަޝްހޫރު ރޯލެކެވެ.
މިއީ މަގުމަތީ ކާބޯތަކެތީގެ ގޮތުގައި އުފެދުނު އެއްޗެއް ނަމަވެސް މިހާރު އިންޑިއާގެ ގޭބިސީތަކުގައި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ކެއުމެކެވެ.
މިއީ ސްކޫލް ނުވަތަ އޮފީސް ލަންޗް ބޮކްސްއަށް ލުމަށާއި ޕާޓީތަކުގެ އެޕެޓައިޒަރެއްގެ ގޮތުގައި ނުވަތަ ކޮންމެ ވަގުތަކުވެސް ފުރިހަމަ ކެއުމެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
މަގުމަތީގައި އާންމުކޮށް ވިއްކާ ކަތީ ރޯލް ތައްޔާރުކުރަނީ ފުށްމުގުރައިގެން ހަދާފައިވާ ”ޕަރޮއްޓާ“ ގައެވެ.
ނަމަވެސް ސިއްހަތަށް ފައިދާހުރި ގޮތަކަށް ގޭގައި ތައްޔާރުކުރާއިރު އާޓާ ފުށާއި މަދު ތެޔޮ ނުވަތަ ގީ ބޭނުންކުރެވިދާނެ އެވެ.
މި ރެސިޕީގައި ޕަރޮއްޓާ ފިހުމުން ފެށިގެން ރޯލް އެސެމްބަލް ކުރުމާ ހަމައަށް ހުރިހާ މަރުހަލާއެއް ހިމެނޭނެ އެވެ.
ބޭނުންވާ ތަކެތި
- 250 ގްރާމް ޕަނީރު (ކުދިކޮށް ކޮށާފައި)
- 1 ސައިސަމުސާ ކަޝްމީރީ މިރުސް ޕައުޑަރ
- 1 ސައިސަމުސާ ގަރަމް މަސާލާ
- 1 ސައިސަމުސާ ކޮތަނބިރި ޕައުޑަރ
- 1/2 ސައިސަމުސާ ދިރި ޕައުޑަރ
- 1/2 ސައިސަމުސާ ޗާޓް މަސާލާ
- 1/3 ނުވަތަ 1/2 ސައިސަމުސާ ލޮނު (ރަހަަ ބަލާފައި)
- 2 ސޫޕްސަމުސާ ގްރީކް ޔޯގަޓް
- 1 ސައިސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް (ބޭނުންނަމަ)
- 1 ސައިސަމުސާ ލުނބޯ ހުތް
- 1 ސައިސަމުސާ ކަސޫރީ މެތީ (ބޭނުންނަމަ)
- 1 ސޫޕްސަމުސާ ތެޔޮ
ތަރުކާރީ މީރުކުރުމަށް:
- 1 ސޫޕްސަމުސާ ތެޔޮ
- 1 ޖޯޑު ފިޔާ (ހިމަކޮށް ކޮށާފައި)
- 1 ޖޯޑު ކެޕްސިކަމް (ހިމަކޮށް ކޮށާފައި)
- 1/2 ޖޯޑު ކެރެޓް (ހިމަކޮށް ކޮށާފައި – ބޭނުންނަމަ)
ރޯލް ތައްޔާރުކުރުމަށް:
- 4 ބޮޑު ނުވަތަ 6 މެދު ސައިޒުގެ ޕަރޮއްޓާ ނުވަތަ ރޮށި
- 2 ސޫޕްސަމުސާ ކޮތަނބިރި ޗަޓްނީ ނުވަތަ އެހެން ސޯހެއް
- ކޮށާފައިވާ ފިޔާ، މިރުސް އަދި ލުނބޯ (ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް
1. ޕަރޮއްޓާ ތައްޔާރުކުރުން:
ފުށާއި، ތެޔޮ، ލޮނު އަދި ފެން އެއްކޮށްގެން މަޑު ފުށްގަނޑެއް މޮޑޭށެވެ. 10 މިނެޓު ބެހެއްޓުމަށްފަހު 4 ނުވަތަ 6 ބަޔަށް ބަހާލާށެވެ. ފުށްގަނޑު ދަމާލުމަށްފަހު އޭގައި ތެޔޮ އުނގުޅައި ފުށްކޮޅެއް ބުރުވާލުމަށްފަހު ފަތްޖަހައި ބޮޅެއް ހަދާށެވެ. އަލުން ދަމާލުމަށްފަހު ތަވައިގައި ރަންމުށި ކުލަ އަރަންދެން ފިހާށެވެ.
2. މަސްގަނޑު ތައްޔާރުކުރުން:
ބޯތަށްޓެއްގައި ޕަނީރު ފިޔަވައި މަސްތުވާކުރުމަށް ބޭނުންވާ ހުރިހާ ބާވަތެއް އެއްކޮށްލާށެވެ. ރަހަ ހެޔޮވަރު ކުރުމަށްފަހު ޕަނީރުކޮޅު އަޅައިގެން މަޑުމަޑުން އެއްކޮށްލާށެވެ. މަދުވެގެން 10 މިނެޓު ބަހައްޓާށެވެ.
3. ކައްކާ ގޮތް:
ތަވައަކަށް ތެޔޮކޮޅެއް އަޅައި ހޫނުވުމުން ފިޔާ، ކެރެޓް އަދި ކެޕްސިކަމް އަޅައި ގަދަ ގިނީގައި 3-4 މިނެޓު މީރުކޮށްލާފައި ތަށްޓަކަށް ނަގާށެވެ. އެ ތަވައިގައި ޕަނީރުކޮޅު އަޅައި 4-5 މިނެޓު ކައްކާށެވެ. ޕަނީރު ރަަނގަޅަށް ކެއްކުމުން ކުރިން މީރުކުރި ތަރުކާރީތައް އެއްކޮށްލާށެވެ.
4. ރޯލް އެސެމްބަލް ކުރުން:
ޕަރޮއްޓާ ނުވަތަ ރޮށީގެ މަތީގައި ޗަޓްނީ އުނގުޅާށެވެ. އޭގެ މެދުގައި ތައްޔާރުކުރި ޕަނީރު މަސްގަނޑާއި، ފިޔާ އަދި މިރުސް އަތުރާލާށެވެ. އެއަށްފަހު އޮޅާލައި، ކަރުދާހަކުން ނުވަތަ ފޮއިލްއަކުން ބައްދާލާށެވެ.
މި ޕަނީރު ކަތީ ރޯލަކީ ވަގުތުން ކެއުމަށް ނުވަތަ ފަހުން ކެއުމަށްޓަކައި އައިސްއަލަމާރީގައި 2 ދުވަހު ބެހެއްޓޭނެ އެއްޗެކެވެ. ކެއުމުގެ ކުރިން ރަނގަޅަށް ހޫނުކޮށްލަން ވާނެއެވެ.



