
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ
ރެއިން ފެށިގެން މޫސުން ގޯސްވެ، މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މިކަމާ ގުޅިގެން ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފެން ވަންނަ ބައެއް އިމާރާތްތަކުގައި ވެލިބަސްތާ ޖަހައި، ފެނުން ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މާލެ ސަރަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލުގައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ވިދުން ވެސް ހިމެނިދާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުން ގޯސްވެފައިވާތީ، ކަނޑު މަގާއި އެއްގަމު މަގުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



