
އިނގިރޭސިވިލާތާ ދެކޮޅަށް ހިންގި އިސްލާމްދީނާ އިދިކޮޅު ކެމްޕޭނެއްގެ އަސްލަކީ އިސްރާއީލުކަމަށް ހާމަވެއްޖެ
2024 ވަނަ އަހަރުގެ އިންތިޚާބާއި ހަމަނުޖެހުންތަކުގެ ކުރިން ޤަޠަރުގެ އެހީތެރިކަމާއެކު މުސްލިމުން އިނގިރޭސިވިލާތް ހިފަން އުޅޭކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން އިޝްތިހާރުތަކެއް ވަނީ ފަތުރާފަ އެވެ.
އަލަށް ކުރެވުނު ތަހުގީގަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތަށް އަމާޒުކޮށް ހިންގި އިސްލާމްދީނާ އިދިކޮޅު ބޮޑު ޕްރޮޕެގެންޑާ ކެމްޕޭނެއްގެ ފަހަތުގައި ވަނީ އިސްރާއީލެވެ.
އެކަޑަމިކް މާކް އޯވެން ޖޯންސް އާއި ސޯހަން ދުސޫޒާ ހާމަކުރި މި ކެމްޕޭން އެންމެ ވަރުގަދައަށް ހިންގާފައިވަނީ 2024 ވަނަ އަހަރުގެ އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ކުރިންނާއި އެ އަހަރުގެ ފަހުކޮޅު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގެ ދުވަސްވަރުގަ އެވެ.
މި ކެމްޕޭނުގެ ތެރެއިން ގަތަރުގެ އަޑީގައި އޮވެގެން މުސްލިމުން އިނގިރޭސިވިލާތް ކޮންޓްރޯލް ކުރަން އުޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން އިޝްތިހާރުތައް ދައުރުކޮށްފައިވެ އެވެ.
”ދަ ނާވް“ މަޖައްލާގައި ޖޯންސް އާއި ދްސޫޒާ ލިޔުއްވާފައިވާ ގޮތުގައި 2024 އާއި 2026 އާ ދެމެދު އިނގިރޭސިވިލާތަށް އަމާޒުކޮށް ހިންގި މި ހަރަކާތްތަކަށް 154 މިލިއަނަށް ވުރެ ގިނަ ފަހަރު މީހުން ވަނީ ހުށަހެޅިފަ އެވެ.
މި އިޝްތިހާރުތަކުގެ ފުރަތަމަ ބުރު ހިންގާފައިވަނީ 2024 ގެ އާންމު އިންތިޚާބުގެ އެތައް މަހެއް ކުރިންނެވެ. އަދި ސައުތުޕޯޓްގައި ހިނގި މަރުގެ ހާދިސާތަކާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ހަމައަށް ފިނި މޫސުމާއި ބަހާރު މޫސުމުގައި ވެސް މި އިޝްތިހާރުތައް މެދުނުކެނޑި ފަތުރަމުންދިޔަ އެވެ.
ޖުލައި 2024 ގައި އެކްސެލް ރޫޑަކުބާނާ ތިން އަންހެން ކުދިން މަރާލުމާ ގުޅިގެން މުސްލިމުންނަށް އަމާޒުކޮށް އިނގިރޭސިވިލާތުގެ އެކި ސިޓީތަކުގައި ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގި އެވެ.
އެ މަރުގެ ހާދިސާއަށްފަހު ހިންގި ކެމްޕޭނުގައި ރޫޑަކުބާނާއަކީ މުސްލިމެއް ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައިވެ އެވެ.
”މި ހަމަނުޖެހުންތައް އިތުރަށް ގޯސްވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެތުރި ދޮގު މައުލޫމާތުތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ފާހަގަކުރެވޭ،“ އެކަޑަމިކް މާހިރުން ލިޔުއްވާފައިވެ އެވެ. އަދި އޭރުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ޓެކްނޮލޮޖީ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަފުރަތު އުފެއްދުމަށް ފުރުސަތު ދޭތީ އެ ކުންފުނިތަކަށް އިންޒާރު ދެއްވި ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
2024 ވަނަ އަހަރު މުސްލިމުންނާ ދެކޮޅު މެސެޖުތައް ފަތުރާ ފޭސްބުކް ޕޭޖުތަކުން އިޝްތިހާރު ކުރުމަށް 500,000 އަށްވުރެ ގިނަ ޕައުންޑް (670,000 ޑޮލަރު) ހޭދަކޮށްފައިވެ އެވެ.
މިއީ އިނގިރޭސިވިލާތަށް އަމާޒުކޮށް މިހާތަނަށް ހިންގި އެންމެ ބޮޑު ސިއްރު ނުފޫޒު ފޯރުވުމުގެ ހަރަކާތް ކަމަށް މާހިރުން ސިފަކުރައްވަ އެވެ.
މި ކެމްޕޭން 2025 އަދި 2026 ވަނަ އަހަރު ވެސް ފޭސްބުކް ޔޫޓިއުބް އަދި ޓިކްޓޮކް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި އިޝްތިހާރުތަކުގައި ”އިނގިރޭސިވިލާތް އިސްލާމީ ޤައުމަކަށް ހެދުމަށް ޤަޠަރުން މަސައްކަތްކުރާ“ ކަމަށާއި މިއީ ”އަރައިގަތުމެއް“ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އިނގިރޭސި ޕާލަމެންޓް ކައިރީގައި ހުރި ބޮޑު މިސްކިތަކާއި ބިގް ބެން ކުރިމަތީގައި ޤަޠަރުގެ ދިދައެއް ހުއްޓާ ގޮއްވާލާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ބޭނުންކޮށްފައިވެ އެވެ.
މި ހަރަކާތުގެ ތެރޭގައި ކުރު ޑޮކިއުމަންޓްރީ ސިލްސިލާތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބްރެޑްފޯޑާ ބެހޭ ގޮތުން ތައްޔާރުކުރި އެޕިސޯޑެއްގައި ބުނެފައިވަނީ ވެސްޓް ޔޯކްޝަޔާގެ އެ ސިޓީއަކީ ”މުސްލިމް ހިޖުރަވެރިން ހިފާފައިވާ“ ތަނެއް ކަމަށެވެ.



