
ގާޒާގައި ވެލިގަނޑެއް ކަނޑައިގެން ގޮސް ކުޑަކުދިން ހިމެނޭހެން 5 މީހަކު މަރުވެއްޖެ
ކަނޑައިގެން ދިޔަ ވެލިގަނޑުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ.
ގާޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަހްގައި ގެދޮރު ގެއްލިފައިވާ އާއިލާތަކުން ދިރިއުޅެމުންދިޔަ ފޭލިގެތަކެއްގެ މައްޗަށް ވެލި ފުންޏެއް ކަނޑައިގެން ދިއުމުގެ ސަބަބުން އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ ފަސް މީހަކު މަރުވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސުން އާދީއްތަ ދުވަހު ބުނެފި އެވެ.
މަރުވި މީހުން ނެރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާއިރު ވެލިގަނޑުގެ ދަށުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ސަލާމަތީ ފަރާތްތަކާއި އެ ސަރަހައްދުގެ އާންމު ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި މަރްޔަމް ނަބްހާން ކިޔާ ކުޑަ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ ތަހްރީރް ނަބްހާން ހިމެނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ތަކުރާރުކޮށް ހާލުގައި ޖެހި ރައްކާތެރިކަމެއް ނެތް ނުރައްކާތެރި ސަރަހައްދުތަކުގައި ވަގުތީ ފޭލިގެ ޖަހައިގެން ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ފާއިތުވި މަސްތަކުގައި ވެސް މިފަދަ ހާދިސާތައް ވަނީ ހިނގާފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޚާން ޔޫނިސްގެ އަލް ގަރާރާ ބަނދަރު ކައިރީގައި ހުރި ފޭލިގެތަކެއްގެ މައްޗަށް ވެލި ފުންޏެއް ކަނޑައިގެން ދިއުމުގެ ސަބަބުން މާބަނޑު އަންހެނަކާއި އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް އިން ރިޕޯޓުކޮށްފައިވެ އެވެ.



