
އީރާނުގެ ދެކުނު ސަރަހައްދުތަކަށް ބާރުގަދަ ގޮވުންތަކެއް: މުޅި ސަރަހައްދު ގުގުމާލާފައިވެ
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެ ޤައުމުގެ ދެކުނު ސަރަހައްދުތަކަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި މުޅި ސަރަހައްދު ގުގުމާލާފައިވެ އެވެ.
މި ގޮވުންތައް އިވިފައިވަނީ ގިޝްމް އައިލެންޑާއި ބަންދަރު އައްބާސް ކައިރިންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ކައިރިން ކަނޑުމަތީގެ ކުރިމަތިލުމެއް ހިނގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމުގެ ރިޕޯޓްތައް ވެސް ވަނީ ލިބިފަ އެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާގެ ރިޕޯޓަރުން ބުނާގޮތުގައި ގިޝްމް އައިލެންޑުން ހަތަރު ގޮވުމެއްގެ އަޑު އިވިފައިވެ އެވެ. މިއީ އެ ރަށުގެ އެކި ސަރަހައްދުތަކަށް ދެވުނު ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.
އީރާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ގިޝްމް އަކީ ހޮރްމޫޒް ކަނޑުއޮޅީގެ މުހިންމު ސަރަހައްދެއްގައި އޮންނަ އިސްތިރާތީޖީ ގޮތުން ނުފޫޒުގަދަ ރަށެކެވެ.
މި ހާދިސާތަކާ އެކު ބަންދަރު އައްބާސް އާއި ގިޝްމްގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުންނަށް ވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ.
އެ ސަރަހައްދުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި އަޑުތަކަކީ ކަނޑުމަތީގެ ޤަވާޢިދުތަކާ ޚިލާފުވި އުޅަނދުތަކަކަށް އަމާޒުކޮށް ފޮނުވާލި އިންޒާރުގެ ހަމަލާތަކެއްގެ އަޑެވެ.
ނަމަވެސް މި ގޮވުންތަކުގެ އަސްލު ސަބަބާއި ލިބުނު ގެއްލުން ނުވަތަ މީހަކަށް އަނިޔާވިކަމުގެ އެއްވެސް ރަސްމީ ތަފްސީލެއް ސަރުކާރުގެ އިދާރާތަކުން އަދި ހާމަކޮށްފައެއްނުވެ އެވެ.
މި ގޮވުންތައް އިވިފައިވަނީ އީރާނުގެ ދެކުނު ބޯޑަރުގެ ސަރަހައްދުތައް ކަމަށްވާ ޖާސްކް، ސިރިކް، ގިޝްމް އަދި ބަންދަރު އައްބާސް އިން ވެސް ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމުގެ ރިޕޯޓްތައް ކުރިން ލިބިފައިވަނިކޮށެވެ.
އީރާނުގެ މީޑިއާތަކުން މިކަމާ ގުޅޭގޮތުން ތަފާތު މައުލޫމާތުތައް ފަތުރަމުންދާއިރު އެ ޤައުމުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ ބައެއް ގޮވުންތަކަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކަކާ ގުޅުންހުރި ކަންކަން ކަމަށެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ އެމެރިކާގެ ފައުޖުތަކުން ގިޝްމް އައިލެންޑްގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމަކަށް އަމާޒުކޮށް މަދު ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުތިރާފުވެފައިވާތާ މަދު ދުވަސްކޮޅެއްގެތެރޭގަ އެވެ.
މަސްރަހު އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސިރިކް ސަރަހައްދުގައި ”ޤަވާޢިދާ ޚިލާފު އުޅަނދުތަކަކާ“ ކުރިމަތިލުމެއް ހިނގައި ބަޑީގެ ތިން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވެ އެވެ.
މި ހާދިސާގައި ހިމެނޭ އުޅަނދުތަކުގެ ތަފްސީލާއި އެއީ ކޮން ޤައުމެއްގެ ނުވަތަ ކޮން ބައެއްގެ އުޅަނދުތަކެއް ކަމެއް އަދި މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ.



