
އެ ހޮހަޅައަކީ ރަޙްމަތުން ފުރިގެންވާ، ނޫރުން އަލިވެފައިވާ އަދި ބަރަކާތް އޮހެމުންދިޔަ ތަނެއް (2)
އެބައިމީހުން އެ ބުދުތަކާއި އިލާހުންގެ ކުރިމަތީގައި ތެދުވީ ޢިލްމާއި ބުއްދީގެ ގޮންޖެހުންތަކާއެކުގަ އެވެ.
މާތްﷲ އަލިކޮށްދެއްވާފައިވާ އިންސާނީ ބުއްދިއަކުން ގަބޫލުނުކުރެވޭ ފަދަ އާދަކާދަތަކަށް ތަބާވާނީ ކިހިނެއްތޯއެވެ؟
މާތްﷲ ވަޙީކުރައްވާފައިވެއެވެ: {އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް ހިފި މީހުން، އެކަމުގެ މައްޗަށް ފާޅުވެގެންވާ ދަލީލެއް ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ﷲ އާމެދު ދޮގުހަދައި އުޅޭ މީހަކަށްވުރެ ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟} [އަލްކަހްފު: 15]
ފިލައިގެން ދާންޖެހުނު ހާލަތަކީ މާތްﷲއަށް ދުޢާކޮށް އާދޭސްކުރުމަށް އެބައިމީހުންނަށް އޮތް ހުރަހަކަށް ނުވި އެވެ.
މާތްﷲ ވަޙީކުރައްވާފައިވެ އެވެ {އެބައިމީހުން ދެންނެވިއެވެ. ”އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާފާނދޭވެ!“} [އަލްކަހްފު: 10].
މީގެ މާނައަކީ ނުބައިކަމުން ރައްކާތެރިކޮށްދޭނޭ ހެޔޮކަމަށް މަގުދައްކައިދޭނޭ އަދި ފިތުނަތަކާއި ހިތާމަތަކުން ދުރުކޮށްދޭނޭ ރަޙްމަތެއް މިންވަރުކުރައްވައި ސީދާ މަގުގައި އަޅަމެން ސާބިތުކޮށްދެއްވާފާނދޭވެ އެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: {…އަދި އަޅަމެންގެ މިކަންތަކުގައި ސީދާވެގެންވާ ގޮތެއް އަޅަމެންނަށް ތައްޔާރުކޮށްދެއްވާފާނދޭވެ!“} [އަލްކަހްފު: 10].
މީގެ މާނައަކީ ސީދާ މަގަށް ވާޞިލުވާނޭ ހުރިހާ ވަސީލަތްތަކެއް ފަހިކޮށްދެއްވައި އަޅަމެންގެ ދީނީ އަދި ދުނިޔަވީ ކަންކަން އިޞްލާޙުކޮށްދެއްވާފާނދޭވެ އެވެ.
އެގޮތުން އެބައިމީހުންގެ ދީން ސާބިތުކަމުން އިޞްލާޙުވިއެވެ. އަދި ދުނިޔަވީ ދިރިއުޅުން ފުރިހަމަ ލުއިފަސޭހަކަމާއި ހިތްހަމަޖެހުމާއެކު ރަނގަޅުވި އެވެ.
މާތްﷲ އެބައިމީހުންގެ އީމާންކަން އިތުރުކޮށްދެއްވައި އެބައިމީހުންގެ ހިތްތައް ހިދާޔަތާއި ރަޙްމަތުން ފުރުއްވައި އެބައިމީހުންގެ ހެޔޮކަމާއި ސާބިތުކަން ފުރިހަމަކޮށްދެއްވައި މާތްކުރެއްވި އެވެ.
އެއްވެސް އިމްތިޙާނަކުން އެބައިމީހުންނަށް އަސަރެއް ނުކުރެ އެވެ. އަދި އެއްވެސް އަދަބަކަށް ބިރެއް ނުގަނެ އެވެ. ހިތަށް އީމާންކަން ވަދެއްޖެނަމަ އެ އީމާންކަމުން ބޭރުވުމަކީ މުއުމިނަކަށް ވަރަށް އުނދަގޫ ކަމެކެވެ.
އީމާންކަމުގެ ނޫރުން ހިތް ފުރިފައިވާ މީހަކު ދުނިޔޭގެ ލައްޒަތާއި ބާރާއި މުއްސަނދިކަން ހުރިނަމަވެސް ދުވަހަކުވެސް އިޙްސާސް ނުކުރާފަދަ އުފާވެރިކަމެއްގެ ރަހަ ލިބެމުންދާއިރު އެމީހަކު އެ މަގުން އެއްކިބާވާނީ ކިހިނެއްތޯއެވެ؟
މާތްﷲ ވަޙީކުރައްވާފައިވެއެވެ: {…އަދި އެބައިމީހުން ކޮށްއުޅުނު އެންމެ ހެޔޮ ޢަމަލުތަކުގެ ޘަވާބުން ހަމަކަށަވަރުން އެބައިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.} [އައްނަޙްލު: 97]
އެބައިމީހުންގެ ނަފްސުތައް ތާހިރުކޮށް ޢަމަލުތައް އިޞްލާޙުކޮށް އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމާއެކު ހެޔޮ ދިރިއުޅުމުގެ ރަހަ ލިބިގަތެވެ.
އެބައިމީހުންގެ ހިތްތައް މާތްﷲއަށް އޮތް ލޯތްބާއި ކުއްތަންވުމާއި މަޑުމޮޅިކަމުން ފުރުނެވެ. އެހެންކަމުން އެބައިމީހުން ނިދިން ހޭލުމަށްފަހު ހޮހަޅައިގައި ތިބި މުއްދަތުގެ ޢިލްމު މާތްﷲއަށް ނިސްބަތްކޮށް ބުންޏެވެ.
{…ތިޔަބައިމީހުން ތިބި މުއްދަތެއް ދެނެވޮޑިގަތުން ބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ.} [އަލްކަހްފު: 19]
އެބައިމީހުން ބަނޑުހައިހޫނުކަމާއި ނިކަމެތިކަމުގައި ތިބި ނަމަވެސް އަދި ބިރުވެރިކަމާއި މަޖުބޫރު ހާލަތެއްގައި ވީނަމަވެސް އެންމެ ރަނގަޅު އަދި ޙަލާލު ކާނާ ހޯދުމަށް އެދުނެވެ.
ތަޤުވާވެރިކަމާއި މާތްﷲއަށް އޮތް ބިރުވެރިކަން އެބައިމީހުންގެ އުޅުން ކޮންޓްރޯލްކުރި އެވެ. އަދި މާތްﷲ އެބައިމީހުން ބައްލަވާވޮޑިގެންވާކަމާއި އެކަލާނގެ ޢިލްމުފުޅު ހުރިހާ ކަމެއްގެ މައްޗަށް ވަށައިގެންވާކަން ހަނދުމަކޮށްދިނެވެ.
މި ފަޅު އަދި އެކަހެރި ހޮހަޅަ ވެގެންދިޔައީ އެ ޒުވާން މުއުމިނުންނަށް ލިބުނު އާ ދިރިއުޅުމަކަށެވެ.
މާތްﷲ އެބައިމީހުންނަށް އެތަނަށް ދިއުމަށް އިލްހާމްކުރެއްވީ އަނިޔާވެރިންގެ ރޭވުންތަކުން ސަލާމަތްވާނޭ ހިޔާވައްސެއްގެ ގޮތުގަ އެވެ. އަދި އެތަން އެބައިމީހުން ގެއްލުމުން ދުރުކޮށްދިނެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: {…ތިޔަބައިމީހުން ހޮހަޅައަށް ވަންނާށެވެ!} [އަލްކަހްފު: 16]. އެތަން ވެގެންދިޔައީ މާތްﷲ ހަނދުމަކުރުމާއި ހެޔޮކަމާއި ތާހިރުކަމުން ޒީނަތްތެރިވެފައިވާ އީމާންކަމުގެ ރައްކާތެރި ބިނާއަކަށެވެ.
މީގެފަހުން ބިރުވެރިކަމެއް ނެތެވެ. މިހިސާބުން ފެށިގެން އެއްވެސް ކަންބޮޑުވުމެއް ނެތެވެ.
ތިޔަބައިމީހުންނަކީ އެންމެ މަތިވެރި އެންމެ ދީލަތި އަދި އެންމެ ކަރީމްވަންތަ ރަސްކަލާނގެ މެހުމާނުންނެވެ.
އެހެންކަމުން މީސްތަކުންގެ ލޯތަކަށް އެބައިމީހުން ފެނުން މަނާކުރެވި ޝައްކުތައް ފިލުވައިލެވި ދުޝްމަނުން ދުރުކުރެވުނެވެ.
އެންމެހާ ޙަމްދު ތަޢުރީފެއް ހުރީ މާތްﷲ އަށެވެ. ބާޠިލުގެ މޫތައް ބުރިކޮށްލެވި ޙައްޤު ސާބިތުވެއްޖެ އެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް ފުރިހަމަ ޙަމްދު ހުއްޓެވެ.
ނިމުނީ



