
ސަންޓޯސް އެފް.ސީގެ ސީ.އީ.އޯ އަކަށް ނޭމާގެ ބައްޕަ
ބްރެޒިލްގެ ސަންޓޯސް އެފް.ސީ އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި ނޭމާގެ ބައްޕަ އަދި އޭނާގެ އެޖެންޓް ނޭމާ ސީނިއާ އެ ކްލަބުގެ ސީ.އީ.އޯގެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ.
ނޭމާ ސީނިއާ އަކީ އޭނާގެ ދަރިފުޅުގެ ފުޓްބޯޅަ ކެރިއަރުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސަންޓޯސްގެ ކުޅުންތެރިޔާގެ ނަމާއި ތަަސްވީރު ބޭނުންކުރުގެ ހައްގުތައް އޮންނަ ’އެން.އާރު ސްޕޯޓްސް‘ އެޖެންސީ އުފެއްދެވި ފަރާތްވެސް މެއެވެ.
ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާ ސީނިއާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަށެވެ.
ނަމަވެސް އަންނަ މަހު އޮންނަ އިންތިޚާބުގައި ސަންޓޯސްގެ ރައީސް މާސެލޯ ޓެއިޝެއިރާ އަލުން ހޮވިވަޑައިގެންފިނަމަ އޭނާ އެ މަގާމުގައި ދެމިހުންނަވާނެ އެވެ.
ސަންޓޯސް މިވަގުތު އޮތީ ބްރެޒިލްގެ ސެރީ އޭ ތާވަލުގެ ނުވަވަނައިގަ އެވެ. އެއީ ކުޅުނު 34 މެޗުން 47 ޕޮއިންޓާއެކުގަ އެވެ.
”ކްލަބުގެ ހާލަތު ރަނގަޅުކޮށް މެނޭޖްމަންޓް ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް އަންނަނީ މަސައްކަތް ކުރަމުން، އާ ސީ.އީ.އޯގެ ގޮތުގައި ނޭމާ ސީނިއާ ގުޅުމަކީ މި މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް. އޭނާގެ ތަޖުރިބާއާއި އިލްމުގެ އެހީގައި ކްލަބު އިތުރަށް ކުރިއަރައި ކުރިއަށްވުރެ ވަރުގަދަ ކްލަބެއްގެ ގޮތުގައި ބިނާކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް.“ ޓެއިޝެއިރާ
ބާސެލޯނާ އަދި ޕީ.އެސް.ޖީގެ ކުރީގެ ކުޅުންތެރިޔާ ނޭމާ އަކީ ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.
އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުނު 130 މެޗުން 80 ލަނޑު ކާމިޔާބުކޮށްފަ އެވެ. ނޭމާ އޭނާގެ ކުޑައިރުގެ ކްލަބު ކަމަށްވާ ސަންޓޯސްއާ އަލުން ގުޅުނީ 2025 ވަނަ އަހަރު އެވެ.
މި އަހަރު އުތުރު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕްގައި ބްރެޒިލް ސްކޮޑުގައި ނޭމާ ހިމެނުނެވެ.
ނަމަވެސް މުބާރާތުގެ ގަދަ 16 ގައި ނޯވޭ އަތުން ބްރެޒިލް ބަލިވިތާ ހަފުތާތަކެއް ފަހުން ޖުލައި މަހުގެ ފަހުކޮޅު އޭނާ ވަނީ ދެން ޤައުމީ ޓީމަށް ކުޅެން ބޭނުންނުވާކަން ހާމަކޮށްފަ އެވެ.



