
ޕިއްޒާއަށް އަލަނާސި ނާޅައިގެން ވަޒީފާއިން ވަކިކޮށްފި
ޕިއްޒާއަށް އަލަނާސި އެޅުމަށް އިންކާރުކުރުމުން އިޓަލީގެ ކައްކާއަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ބްރިސްބޭންގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރި އިޓަލީގެ މި ކައްކާ ވަޒީފާއިން ވަކިކުރީ ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތްތެރިކަމެއް ކަމަށްބުނެ އެކަން ކުރުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
މިހާރު ބަންދުކޮށްފައިވާ ”ލާ ކޮސްޓާ“ ރެސްޓޯރެންޓުން ޑޭވިޑް ޓަމްބުރެއްލާ ވަޒީފާއިން ވަކިކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ އުޅުމާ ގުޅޭގޮތުން މެނޭޖްމަންޓުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ބޭއްވި ބައްދަލުވުމަކަށްފަހު ދެ ހަފުތާ ފަހުންނެވެ.
އޭނާއާ ދެކޮޅަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި ހަފުލާއަކަށް ދިޔަ މީހުންނަށް ހޭމް އާއި އަލަނާސި އެޅި ޕިއްޒާ ތައްޔާރުކޮށްދިނުމަށް އިންކާރުކުރުން ހިމެނެ އެވެ.
އެ ވަގުތު އޭނާ ބުނެފައިވަނީ މެނޭޖްމަންޓުން ދޭ އިރުޝާދަކީ އޭނާގެ ސަގާފަތަށް އުނިކަން އަންނަކަމެއް ނަމަ އެއަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ ތަފުސީލުތައް ފެންމަތިވީ އޭނާ ވަޒީފާއިން ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ އޮސްޓްރޭލިއާގެ ފެއަރ ވޯކް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.
ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕިއްޒާއަށް އަލަނާސި އެޅުމަށް ޓަމްބުރެއްލާ އިންކާރުކުރީ އިޓަލީ މީހަކަށްވެހުރެ އެއީ އޭނާގެ ސަގާފަތަށް ކުރެވޭ މަލާމާތެއް ކަމަށް ދެކޭތީ އެވެ.
މީގެ އިތުރުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޕިއްޒާގައި އަލަނާސި ބޭނުންކުރުމަށް އޭނާ އިންކާރުކުރި މިއީ ތިންވަނަ ފަހަރު ކަމަށްވެސް އެ ނިންމުމުގައިވެ އެވެ. އަދި ޕިއްޒާއަށް އަލަނާސި ނޭޅުމަކީ އިޓަލީ މީހުންނަށް ކިހާ މުހިންމު ކަމެއްތޯ ބަލައިލުމަށް އޭނާ ކުރިން އޭނާގެ ބޮސްގެ ކިބައިން އެދިފައިވެ އެވެ.
މި ރެސްޓޯރެންޓް ހުންނަ ކުއީންސްލެންޑް އަކީ އޮސްޓްރޭލިއާގައި އެންމެ ފުޅާދާއިރާއެއްގައި އަލަނާސި ހައްދާ ސަރަހައްދެވެ. އެ ސަރަހައްދުގައި ހުންނަ 16 މީޓަރު އުސް ”ދަ ބިގް އަލަނާސި“ އަކީ އެ ތަނުގެ މަޝްހޫރު ބިނާއެކެވެ.
ޓަމްބުރެއްލާއާ ގުޅޭގޮތުން މެނޭޖްމަންޓުން ހުށަހެޅި އެހެން މައްސަލަތަކުގެ ތެރޭގައި ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި މުާމަލާތްކުރުމުގައި ހުންނަ ނޭދެވޭ އާދަތަކާއި މަސައްކަތުގެ މާހައުލުގައި ރުޅިގަދަވުން ހިމެނެ އެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ އޭޕްރީލް މަހު މަސައްކަތުގެ ތެރޭގައި އަނިޔާވެ އޭނާގެ ކަނާތުގެ ކަށިގަނޑެއްގައި ރެނދުލާފައިވެ އެވެ.
ޓަމްބުރެއްލާ އުންމީދުކޮށްގެން ހުރީ އެ ރެސްޓޯރެންޓް މެދުވެރިކޮށް ދާއިމީ ރެސިޑެންސީ ވިސާއެއް ހޯދުމަށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމާއެކު ރެސްޓޯރެންޓުން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ.
އޭނާ ހުށަހެޅި މައްސަލަ ކޮމިޝަނުން ބޭރުކޮށްލީ މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ.



