
އުތުރު ކޮރެއާއިން ކަނޑުގެ ސަރަހައްދަށް ގޮތްނޭނގޭ އާލާތެއް ފޮނުވާލައިފި
އެމެރިކާއާއެކު އޮތް މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން ކަނޑުގެ ސަރަހައްދަށް ކަނޑައެޅިގެން ކޮން އެއްޗެއްކަން ނޭނގޭ އާލާތެއް ފޮނުވާލައިފި އެވެ.
އުތުރު ކޮރެއާގެ ލީޑަރުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް އެމެރިކާގެ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން ވޮޝިންޓަނާއެކު މަޝްވަރާކުރުމަށް އިންކާރުކުރިތާ މާގިނަ އިރެއްނުވަނީސް އެ ޤައުމުގެ އިރުމަތީ އައްސޭރިން މިފަދަ އާލާތެއް ފޮނުވާލާފައިވާކަމަށް ދެކުނު ކޮރެއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގެ އިރުމަތީ އައްސޭރިން ކަނޑުގެ ސަރަހައްދަށް ކަނޑައެޅިގެން ކޮން އެއްޗެއްކަން ނޭނގޭ އާލާތެއް ފޮނުވާލާފަ އެވެ.
މިއީ ޕިއޮންޔަންގްގެ އަސްކަރީ ބާރުވެރިކަން ދައްކާލުމަށް ދާދި ފަހުން ހިންގި ހަރަކާތެއް ކަމަށް ބެލެވެ އެވެ.
އުތުރު ކޮރެއާއިން މިއަހަރު ތެރޭގައި ސިލްސިލާކޮށް ހަތިޔާރުގެ ޓެސްޓުތައް ހަދަމުން އަންނައިރު އޭގެ ތެރޭގައި 900 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރާ މިސައިލްތަކާއި ހައިޕަސޯނިކް ހަތިޔާރުގެ ނިޒާމުތައް ހިމެނެ އެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުން ހެދި ހަތަރުވަނަ މިސައިލް ޓެސްޓު ކަމަށް ބެލެވޭ މި ހަރަކާތުގެ މައުލޫމާތު ސޯލްއިން ހާމަކޮށްފައިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުންގެ ނުފޫޒުގަދަ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް އެމެރިކާގެ ހަރުކަށި ސިޔާސަތުތައް ދޫކޮށްލަންދެން ވޮޝިންޓަނާއެކު ހާރިޖީ މަޝްވަރާތައް ނުބާއްވާނެ ކަމަށް ބުނެފައިވަނިކޮށެވެ.
މީގެ އިތުރުން ކްރިޕްޓޯކަރަންސީ އެކްސްޗޭންޖެއް ކަމަށްވާ ’ބައިނޭންސް‘ އަށް އަމާޒުކޮށް ދިން ސައިބަރ ހަމަލާއެއްގައި ޕިއޮންޔަންގްގެ ބައިވެރިވުން އޮތް ކަމަށް އެފް.ބީ.އައި އިންކުރާ ތުހުމަތުތައްވެސް އޭނާ ވަނީ އަނެއްކާވެސް ދޮގުކުރައްވާފަ އެވެ.
މި ހަރަކާތް ހިންގާފައިވަނީ ކިމް ޖޮންގް-އުން އެ ޤައުމުގެ މަނަވަރު ބަނާ ފެކްޓްރީއަކަށް ކުރެއްވި ޒިޔާރަތެއްގައި ބާރުގަދަ ކަނޑުގެ ސިފައިންގެ ލަޝްކަރެއް ބިނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކެއް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.



