
ޔޫތު އޮލިމްޕިކް ގޭމްސްގައި އިސްރާއީލުން ބައިވެރިވާތީ އެކަމަ ދެކޮޅަށް އަޑުއުފުލި އެކްޓިވިސްޓަކު ސެނެގާލުން ހައްޔަރުކޮށްފި
ޔޫތު އޮލިމްޕިކް ގޭމްސްގައި އިސްރާއީލުން ބައިވެރިވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖުކުރި އެކްޓިވިސްޓަކު ސެނެގާލުން ހައްޔަރުކޮށްފި އެވެ.
މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ބުނި ގޮތުގައި ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓަކު ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ ވީޑިއޯއެއް ކަމަށް ބަލައި އޮޅުންއަރާފައިވާ ކަމަށެވެ.
ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ސެނެގާލްގައި މިހާރު ކުރިއަށްދާ ޔޫތު އޮލިމްޕިކް ގޭމްސްގައި އިސްރާއީލުގެ އެތުލީޓުން ބައިވެރިވާތީ އެކަމަށް ސަރުކާރަށް ފާޑުކިޔުމުން ހައްޔަރުކުރި އެކްޓިވިސްޓް ދޫކޮށްލުމަށް އެ ޤައުމުގެ މަދަނީ ޖަމްޢިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.
އުމުރުން 27 އަހަރުގެ އަމާދު ސަރަންގް ދިއާލޯ ހައްޔަރުކުރީ އިސްރާއީލުން މި މުބާރާތުގައި ބައިވެރިވުން ކުށްވެރިކޮށް ޓިކްޓޮކްގައި ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އެވެ.
އޮކްޓޯބަރު 31 އިން ނޮވެމްބަރު 13 ގެ ނިޔަލަށް ކުރިއަށްދާ ޔޫތު އޮލިމްޕިކް ގޭމްސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 2،700 އެތުލީޓުން ބައިވެރިވެ އެވެ.
މިއީ އެފްރިކާ ބައްރުގައި ބާއްވާ މިފަދަ ފުރަތަމަ އޮލިމްޕިކް ހަރަކާތެވެ. އިސްރާއީލުގެ 11 އެތުލީޓުން ކުޅިވަރުގެ އަށް ދާއިރާއަކުން މި މުބާރާތުގައި ވާދަކުރެ އެވެ.
އޭގެ ތެރޭގައި ބޮކްސިން، އެތުލެޓިކްސް، ޖޫޑޯ، ޖިމްނާސްޓިކްސް، ފެންސިން އަދި އާޗަރީ ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލުގެ އެތުލީޓުންނަށް އާންމުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ’ކްލަބް އިންޓަމީޑިއަރީ‘ ގެ ކޯޑިނޭޓަރު އަމީދޫ ސިޑިބޭ ބުނި ގޮތުގައި ދިއާލޯ ހައްޔަރުކުރީ ވެރިރަށް ޑަކާރާ 88 ކިލޯމީޓަރު ބޭރުންނެވެ.
ސިޑިބޭ ބުނި ގޮތުގައި ދިއާލޯ ޓިކްޓޮކްގައި ބުނެފައިވަނީ އިސްރާއީލުގެ ރައްޔިތުންނަށް ”ސެނެގާލުން ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ“ ކަމަށެވެ.
މިއީ އަނިޔާވެރިކަމަށް ގޮވާލި ގޮވާލުމެއް ކަމަށްބަލައި އޮޅުންއަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
”ވޮލޮފް ބަހުން އެއީ ނުރައްކާތެރި މާނައެއް އޮތް ބަހެއް ނޫން،“ ސިޑިބޭ ބުންޏެވެ. އަދި ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރި ނަމަވެސް ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށްވެސް އޭނާ އިތުރުކުރި އެވެ.
މިކަމާ ގުޅިގެން ’ނޭޝަނަލް އެލަޔަންސް ފޯ ދަ ފަލަސްތީނިއަން ކޯޒް‘ އިން ނޮވެމްބަރު 2 ގައި ނެރުނު ބަޔާނެއްގައި އޭނާ ހައްޔަރުކުރުމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ޖަމްޢިއްޔާއިން ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ދިމިގްރާތީ މުޖުތަމައެއްގައިވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށާއި ސިޔާސީ ގޮތުން ނުވަތަ އެކްޓިވިސްޓެއްގެ ހައިސިއްޔަތުން ސުލްހަވެރިކަމާއެކު ޚިޔާލުފާޅުކުރުމަކީ މީހެއްގެ މިނިވަންކަން ނިގުޅައިގަންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ސެނެގާލްގެ އެގްޒެކެޓިވް ޑިރެކްޓަރު ސޭދީ ގަސާމާ ވެސް ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާފަ އެވެ. ގަސާމާ ބުނި ގޮތުގައި ދިއާލޯއަކީ އަނިޔާވެރި މީހެއް ނޫން ކަމަށާއި އޭނާއަކީ ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސުލްހަވެރި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމަށެވެ.
ސެނެގާލްގެ އެކްޓިވިސްޓުން ބުނާ ގޮތުގައި މި ހައްޔަރުކުރުމަކީ ފަލަސްތީނަށް ތާއީދުކުރުމުގައި ސެނެގާލުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތާ ޚިލާފު ކަމެކެވެ.
އިސްރާއީލުން ބައިނަލްއަޤްވާމީ ޤަނޫނުތަކާ ޚިލާފަށް ހިންގާ އަމަލުތަކަށް ޒިންމާދާރުކުރުވުމަށް އުފެއްދި ’ހޭގް ގްރޫޕް‘ ގައިވެސް ސެނެގާލުން ވަނީ ބައިވެރިވެފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސެނެގޯލްގައި ފަލަސްޠީނަށް ތާއީދުކޮށް ގިނަ މުޒާހަރާތަކެއް ވަނީ ބާއްވާފަ އެވެ.
މިދިޔަ ފެބުރުއަރީ މަހު އެ ޤައުމުގެ ފަންނާނުންގެ ގްރޫޕަކުން ވަނީ ގާޒާގައި 74,500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާތީ އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ މެއި މަހު ސެނެގާލްގައި ހުންނަ އިސްރާއީލުގެ ސަފީރު ޔުވާލް ވޭކްސް ޔުނިވަރސިޓީއަކަށް ވަޑައިގަތުމުން ދަރިވަރުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި އެތަނުން ނުކުތުމަށް މަޖުބޫރުކުރުވާފަ އެވެ.
އެވަގުތު ދަރިވަރުން ދިޔައީ ”ފްރީ ފަލަސްތީން“ އަދި ”އިސްރާއީލަކީ ހަނގުރާމައިގެ ކުށްވެރިއެއް“ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.



