
ޓަކާ ޓަކާ މިސްރާބަށް ވަޑައިނުގަތުމަށް ނަޝީދު ގޮވާލައިފި
މިސަރުކާރުގެ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާކަން އިޢުލާން ކުރައްވައި، އަދި އެމަޝްރޫއާއި ދެކޮޅު ފަރާތްތަކަށް މަލާމަތް ރައްދުވާފަދައިން އިޝާރާތް ކުރައްވައި ”ޓަކާ ޓަކާ މިސްރާބަށް“ ވަޑައިނުގަތުމަށް އެމް.ޑީ.ޕީގެ މެމްބަރުންނަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައިފި އެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށްއައިސް އެމް.ޑީ.ޕީ އަމާޒުހިފާފައިވާ މިސްރާބަކީ ނުހަނު ކަންބޮޑުވުން އުފެދޭ މިސްރާބެއް ކަމަށާއި، އެޕާޓީ އުފެދިގެން އައީ އިންސާނީ ހައްޤުތަކާއި ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމްއާއި، އަދި ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފެވެރިކަމާއި، ހަމަހަމަކަން ހޯދުމަށް ވަކާލާތު ކުރަމުން ކަމަށެވެ. ނަމަވެސް އެމް.ޑީ.ޕީ ސިފަވާ މިގޮތްތައް މިހާރު ތަފާތުވާން ފަށާފައިވާ ކަމަށާއި، ބިދޭސީންދެކެ ބިރުގަންނަ، ހައްދުފަހަނައެޅި ވަތަނީ ޤައުމިއްޔަތެއް ކުރިއަރުވާ، އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި އެމް.ޑީ.ޕީ ސިފަވާން ފަށާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިސްލާމީ އުސޫލްތަކުގައި ސާބިތުވެތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖުތަމައެއްގެ ދިވެހިވަންތަކަން ބިނާކުރުމުގެ ވިސްނުމާއި، ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް ދެރަލިބޭ ކަމަށާއި، ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެމް.ޑީ.ޕީގެ މައިގަނޑު އަސާސް ދުރުކުރުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން، އެކަމަކު ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމުގައި ވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ސިޔާސީ ހަތިޔާރެއްގެގޮތުގައި ދީން ނަގައި، ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓްތަކާއި ޒަޔަނިޒަމްއާއި ގުޅުވައި، އަސާސެއްނެތް ވާހަކަތަކެއް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ބުނެފައިވެ އެވެ. މިފަދަ ބަސްމަގުތަކަކީ ހަމައެކަނި އަސާސެއްނެތް ވާހަކަތަކެއް ނޫން ކަމަށާއި، އެއީ އާންމުބަހުސް ހީނަރުކޮށް ޤައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިޔަސްކަން ކުޑަކޮށްދޭ ކަމެއް ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
ޓަކާ ޓަކާ މަގު ކަމަށް މީގެކުރިން އެމް.ޑީ.ޕީއިން ބުނަމުންއައި މަގަށް އެޕާޓީ އެނބުރިއްޖެނަމަ، ޕާޓީގެ ތޮބިއްޔަތާއި ގޮތާއިފޮތް ގެއްލިދިއުމުގެ ނުރައްކާ އެބައޮތް ކަމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ރައީސް ނަޝީދު މިފަދައިން ބަޔާން ނެރުއްވާފައި މިވަނީ، މިސަރުކާރުގެ ރަސްމާލެ މަޝްރޫއާއި ބެހޭގޮތުން އެމް.ޑީ.ޕީގެ ގިނަ މެމްބަރުންނާއި އަދި އިސް ގިނަ މެމްބަރުންވެސް ނުރުހި، ފާޅުގައި އެމަޝްރޫއާއި ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ ދުވަސްކޮޅެއްގައެވެ. އަދި މިމަޝްރޫއާއި ދެކޮޅަށް ގިނަ ދީނީ ޢިލްމުވެރިންވެސް ދަނީ ފާޑުކިޔައި، 99 އަހަރަށް ބޭރުބަޔަކަށް ދިވެހި ފަސްގަނޑުން ބިން ވިއްކުމުން ޒަޔަނިސްޓުންގެ އަތް މިޤައުމަށް ފޯރާފާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ އިތުރުން ސަރުކާރަށް ތާޢީދުކުރާ އެތައް ފަރާތްތަކުންވެސް ދަނީ މިމަޝްރޫއާމެދު ކަންބޮޑުވުން ފާޅުކޮށް، މިމަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ނަޝީދުވަނީ މީގެކުރިންވެސް ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް ”ޓަކާ ޓަކާ“ ގްރޫޕްކަމަށް ނިސްބަތްވާގޮތަށް އިޙްތިރާމް ކުޑަވާގޮތަށް ވާހަކަދައްކަވާފަ އެވެ. ޙާއްސަކޮށް ސިޔާސީ ޕޯޑިއަމްތަކުގައާއި ކެމްޕޭންތަކުގައި މިމޭރުމުން ވާހަކަދައްކަވާފައިވެ އެވެ.



