
ތަކުރާރުކޮށް ވައުދުތަކާ ޚިލާފުވާ އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާއެއް ބޭއްވުމުގެ އެއްވެސް ވިސްނުމެއް ނެތް – އިރާން
ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވަމުންދާއިރު އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާތަކެއް ބޭއްވުމުގެ އެއްވެސް ”ވިސްނުމެއް ނެތް“ ކަމަށް އީރާނުން ބުނެފި އެވެ.
ދެޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަރުގަދަވަމުންދާއިރު ވޮޝިންގޓަނާއެކު ސިޔާސީ ގޮތުން ކުރިއެރުމެއް ލިބިދާނެ ކަމަށް ބުނާ ވާހަކަތައް ތެހެރާނުން ވަނީ ދޮގުކޮށްފަ އެވެ. އަދި އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމާމެދު ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ”އެއްވެސް ނިޔަތެއް ނެތް“ ކަމަށް އީރާނުން ބުނެފައިވަނީ ދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ މަޖިލީހުގެ ނައިބު ރައީސް އަލީ ނިކްޒާދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބާއްވާ އެއްވެސް މަޝްވަރާއެއްގައި އެމެރިކާއަށް އަލަށް ހުށަހެޅޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
”އީރާނުގެ ބާރު ގަބޫލުކުރުން ނޫން އެހެން އެއްވެސް އިޚްތިޔާރެއް އެމެރިކާއަށް ނެތްކަން އެމީހުން ގަބޫލުކުރަންވާނެ،“ ނިކްޒާދު ވިދާޅުވި އެވެ.
”މި ހަނގުރާމައިގައި އެންމެ ފަހުން ކިޔަމަންވާން ޖެހޭނީ އީރާނުގެ ރައްޔިތުންނެއް ނޫން، އެމެރިކާ މީހުން. ކިތަންމެ ބޮޑު ނުފޫޒެއް ކުރިމަތިވި ކަމުގައިވިޔަސް ނިއުކްލިއަރ މައްސަލާގައި މަޝްވަރާކުރުމުގެ އެއްވެސް ވިސްނުމެއް ތެހެރާނުން ނުގެންގުޅޭ.“ ނައިބު ރައީސް އިތުރަށް ވިދާޅުވީ މި މަތިވެރި ޤައުމުން މިހާތަނަށް ދުޝްމަނުންނަށް މަޝްވަރާގެ އެތައް ފުރުސަތެއް ދީފައިވާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދިޔައީ ތަކުރާރުކޮށް ވައުދުތަކާ ޚިލާފުވުމާއި އީރާނުގެ ސުލްހަވެރި ނިއުކްލިއަރ މަރުކަޒުތަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ބޮން އެޅުން ކަމަށެވެ.
ނިކްޒާދުގެ މި ވާހަކަތައް އައިސްފައިވަނީ އެމެރިކާގެ ފަރާތުން ދޭ ކޮންމެ އާ ހަމަލާއަކަށް ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވައުދުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާދީއްތަ ދުވަހުގެ ކުރީކޮޅު އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާ ވިދާޅުވީ އީރާނުގެ ހަނގުރާމައިގެ ސިޔާސަތު ހަމައެކަނި ދިފާއީ ސިޔާސަތަކުން ހަމަލާދޭ ސިޔާސަތަކަށް މީގެ ދުވަސްތަކެއް ކުރިން ބަދަލުކޮށްފައިވާ ކަމަށެވެ.
”އާ ހަނގުރާމައެއް ފެށިއްޖެނަމަ ހަމަލާތައް ހަމައެކަނި ހުޅަނގު އޭޝިއާ ސަރަހައްދަކަށް ނޯންނާނެ،“ އަކްރަމީނިއާ އީރާނުގެ ދައުލަތުގެ މީޑިއާއަށް ވިދާޅުވި އެވެ. ”ކުރިމަތިވެދާނެ އެފަދަ ހަނގުރާމައެއް މާޒީގެ ހަނގުރާމަތަކަށްވުރެ މާ ބޮޑަށް ދިގުލައިގެން ހިނގައިދާނެ.“
ޓްރަމްޕް ހޮނިހިރު ދުވަހު ބުނީ އީރާނުގެ އަސްކަރިއްޔާގެ ބޮޑު ބައެއް އެމެރިކާއިން ނައްތާލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކެއް ނުވަތަ ދެ އަމާޒަކަށް ”ފިޔަވަޅު އަޅަން“ ޖެހޭ ކަމަށެވެ.
”އަހަރެމެން ވާނީ އެމީހުންގެ ނިއުކްލިއަރ ގާބިލުކަން ނައްތާލާފައި. އަދިވެސް އެކެއް ނުވަތަ ދެ މަރުކަޒެއްގެ ކަންތައް ނިންމަން އެބައޮތް، އެކަން 10 މިނެޓު ތެރޭގައި އަހަރެމެންނަށް ކޮށްލެވިދާނެ،“ ޓްރަމްޕް
ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނީ އީރާނަށް އާ ހަމަލާތަކެއް ދިނުމާ މެދު ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށާއި ސިޔާސީ ހައްލަކަށް އެމެރިކާއިން އަދިވެސް ފުރުސަތު ދޭނެ ކަމަށެވެ.
މިދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ބުނީ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވަމުންދާއިރު އީރާނާއި އެމެރިކާއާ ދެމެދު އެދެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
”އަހަރެމެން އުންމީދު ކުރަނީ ސިޔާސީ ގޮތުން ކުރިއެރުމެއް ލިބޭނެ ކަމަށް“ މަނާމާގައި ބޭއްވި ކޮންފަރެންސެއްގައި އެމިރޭޓްސްގެ ރައީސްގެ ސިޔާސީ މުޝީރު އަންވަރު ގަރްގާޝް ވިދާޅުވި އެވެ. ”އިތުރު ހަނގުރާމައަކަށް ދިޔުމަކީ މި ސަރަހައްދުގެ މަސްލަހަތު އޮތް ގޮތެއް ނޫން… އެކަމަކު އަހަރެމެން މިތިބީ ކުރިންވެސް ދައްކާފައިވާ ފަދައިން އެންމެ ގޯސް ހާލަތަކަށްވެސް ތައްޔާރުވެގެން.“
ޤަޠަރުގެ ވަފުދެއް މި ހަފުތާގައި ތެހެރާނަށް ކުރެއްވި ޒިޔާރަތަށްފަހު ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއެކު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކަށް އީރާނުން ވަނީ ޤަޠަރަށް މަންދޫބުން ފޮނުވާފަ އެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ސެނެޓަރ ކްރިސް މާފީ ވަނީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ޓްރަމްޕް ގެންގުޅުއްވާ ރޭވުމަކީ ”މޮޔަ“ ކަމެއްގެ ގޮތުގައި ސިފަކުރައްވައި އޭގެ ސަބަބުން ”ބިރުވެރި ނަތީޖާތަކެއް“ ނުކުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
”އެއީ ކުރު މުއްދަތުގެ ރޭވުމެއް ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް މިހާރު ފެންނަން އެބައޮތް. އަހަރެން ބުނާނީ އެމީހުންގެ ރޭވުމަކީ މޮޔަ ކަމެކޭ،“ ވޮޝިންގޓަން ޑީސީގެ މިޑްލް އީސްޓް އިންސްޓިޓިއުޓުން އިންތިޒާމުކުރި ހަރަކާތެއްގައި ވާހަކަދައްކަވަމުން މާފީ ވިދާޅުވި އެވެ. ”މީގެ ސަބަބުން ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް އަހަރެމެން ވެފައިވާ އިލްތިޒާމުތައް ފުނޑުފުނޑުވެގެންދާނެ.“
ސެނެޓް ފޮރިން ރިލޭޝަންސް އެންޑް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ މެންބަރެއް ކަމަށްވާ މާފީ މިހެން ވިދާޅުވީ ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފާނެތީ ތައްޔާރުވުމަށް ގަލްފުގެ ބައެއް ޤައުމުތަކަށް އެމެރިކާއިން އިންޒާރު ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މި ހަނގުރާމަ ފެށިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ.
އީރާނުން ވަނީ އޭގެ ރައްދުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.



