
އިދިކޮޅު ފަރާތްތަކަށް މޯދީގެ ފާޑުކިޔުން އަމާޒުކޮށްފި
އިދިކޮޅު ފަރާތްތަކުން އެފަރާތްތަކުގެ ދުސްތޫރީ ޒިންމާ އަދާކުރުމުގެ ބަދަލުގައި މާޔޫސްކަމާއި ނާއުންމީދުގެ ތެރެއިން ހުރަސްއެޅުމުގެ ސިޔާސަތު އިސްކުރަމުންދާތީ އެކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ފާޑުކިޔައިފި އެވެ.
ސަރުދާރު ވައްލަބްބާއި ޕަޓޭލްގެ އުފަންދުވަހާ ގުޅުވައިގެން ކޮންމެ އަހަރު ބާއްވާ ރާޝްތުރިޔާ އެކްތާ ދިވަސް ޕެރޭޑުގައި ވާހަކަ ދައްކަމުން ޤާނޫނުއަސާސީ އެކުލަވައިލިއިރު ސަރުދާރު ޕަޓޭލާއި ބީ.އާރު އަމްބޭދުކަރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޒިންމާތައް ސާފުކޮށް ބަޔާންކޮށްފައިވާކަން މޯދީ ހަނދާންކޮށްދިނެ އެވެ.
އިދިކޮޅު ފަރާތްތަކުން ދުސްތޫރީ އިންތަކާއި އުސޫލުތަކަށް ބެލުމެއްނެތި ”ހުރަސްއެޅުމުގެ“ ސިޔާސަތެއް ގެންގުޅެމުންދާކަމަށް މޯދީ ފާހަގަކުރި އެވެ.
ސިޔާސީ ގޮތުން ކުރިމަތިވި ނާއުންމީދާއެކު ފާޅުގައި ނުކުމެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ރޭވުންތައް ރާވައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރައި އިންޑިއާގެ އަބުރު ކިލަނބުކުރަން މަސައްކަތްކުރާ ބާރުތަކާމެދު ސަމާލުވުމަށް މޯދީ ގޮވާލި އެވެ. އަދި ބޭރުގެ ފަރާތްތަކާ ސިއްރިއްޔާތުގައި ބައްދަލުކޮށް ޤައުމުގެ ދުޝްމަނުންގެ ބަސްމަގު ބޭނުންކުރާ ފަރާތްތަކުގެ ހަރަކާތްތައް ދެނެގަތުމަށް ރައްޔިތުންނަށް ބާރުއެޅި އެވެ.
”އަހަރުމެން ވާނީ އެކަހެރި ސަރަހައްދުތަކުގައި އޮތް ހަނގުރާމަވެރި ފިކުރުތައް ނައްތާލާފައި އެކަމަކު ފިކުރީ ގޮތުން ހަރުކަށި ފަރާތްތަކުގެ ނުރައްކާ އަދިވެސް އެބައޮތް އެފަދަ ފަރާތްތަކާމެދު ޤައުމު އަބަދުވެސް ހޭލާ ތިބެންޖެހޭނެ“ މޯދީ
ޤައުމީ އެއްބައިވަންތަކަމާއި ވަރުގަދަ އިންޑިއާއެއް ބިނާކުރުމުގެ މުހިންމު މަސައްކަތް ހުރަސްތަކާއެކުވެސް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކޮށް ކުރިއަށް އޮތް މުހިންމު ސިޔާސަތުތަކުގެ ތެރޭގައި އިންޑިއާގެ ބޯޑަރުތައް ފުރިހަމައަށް ރައްކާތެރިކުރުމާއި ޤަވާއިދާ ޚިލާފަށް އެތެރެވުން ހުއްޓުވައި އާބާދީއަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމާއި ސެކިއުލާ ސިވިލް ކޯޑު އެކުލަވައިލުމަށް މަސައްކަތްކުރުން ހިމެނޭކަމަށް މޯދީ ބުންޏެވެ.



