ޒަކާތް ލިބޭ ފަރާތްތައް އިޤްތިޞާދު ކުރިއެރުވުމުގައި ޙިއްސާވާ ފަރާތްތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކަށް އިންޒެކް 2026ގެ ފަހު ސެޝަނުގައި އަލިއަޅުވާލައިފި

ޒަކާތް ލިބޭ ފަރާތްތަކަށް ދެމެހެއްޓެނިވި މިނިވަންކަމެއް ހޯދައިދިނުމަށް ޓަކައި، ކުއްލި އެހީއާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، ހުނަރު ތަރައްޤީކުރުމާއި، އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުޞަތުތައް އެއްކޮށްލުމުގެ މުހިންމުކަމުގެ މައްޗަށް އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ތިންވަނަ އަދި ފަހު ސެޝަނުގެ ކީނޯޓް ސްޕީކަރ ޔޫސުފް ބިން އަޙްމަދުގެ ތަޤުރީރުގައި އަލިއަޅުއްވާލައްވައިފިއެވެ.

މެލޭޝިއާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ) ގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ އަލްފާޟިލް ޔޫސުފް ބިން އަޙްމަދުގެ ތަޤުރީރުގައި ވަނީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން ބޭރުވެ، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް މިސްރާބު ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ފުދުންތެރިކުރުވުމުން މުޅި އިޤުތިޞާދަށް ކުރާ ހެޔޮ އަސަރު: އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަށް ބަރޯސާވެފައިވާ ފަރާތްތައް އުފެއްދުންތެރި އަދި ޤައުމުގެ އިޤުތިޞާދަށް ފައިދާކުރާ މުހިއްމު ބައިވެރީންނަށް ހެދުމަށް ދުނިޔޭގައި ބޭނުންކޮށްފައިވާ ކާމިޔާބު ނަމޫނާ ޕުރޮގުރާމުތައް“ގެ ނަމުގައި ދެއްވި މި ތަޤުރީރުގައި، ޔޫސުފް ވަނީ ޒަކާތް ބެހުމާއި އިޖުތިމާޢީ-އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން މެލޭޝިއާގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އަދި ޒަކާތް ލިބޭ ފަރާތްތަކަށް ވަގުތީ ބޭނުންތައް ފުއްދުމުން ފެށިގެން ދިގު މުއްދަތުގެ އިޤްތިޞާދީ އަމިއްލަ ފުދުންތެރިކަން ޙާޞިލުކުރުމާ ހަމައަށް ވާސިލުވެވޭނެ ފަދަ އިންތިޒާމުވެފައިވާ އެހީތެރިކަމުގެ ނިޒާމުތަކެއްގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަކާތް އެންމެ ފުރިހަމަ ގޮތުގައި ބެހުމަށްޓަކައި، ޒަކާތް ލިބޭ ކޮންމެ ފަރުދެއްގެ ޙާލަތާއި ޤާބިލުކަމާއި ކުރިއެރުމުގެ ފުރުޞަތުތައް ދެނެގަތުން މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގޭބިސީގެ ބޭނުންތަކާއި ޞިއްޙަތާއި ޢާއިލީ މަސްއޫލިއްޔަތުތަކާއި ހުނަރުތަކާއި އިޤްތިޞާދީ ފުރުޞަތުތައް ލިބެންހުރި މިންވަރު ވަޒަންކުރުމަކީ، އެ ފަރާތްތަކުގެ ވަކިވަކި ޙާލަތްތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

އެހީތެރިކަމުން ބާރުވެރިކުރުވުމަށް:

މި ތަޤުރީރުގެ މައިގަނޑު އެއް މަޢުޟޫޢަކީ، ޒަކާތުގެ ދައުރު ބަޔާންކޮށްދޭ ތިން މިންގަނޑު އެކުލެވޭ ’3ކޭ ފްރޭމްވޯކް’އެވެ. އެއީ ލުއިފަސޭހަކޮށްދިނުން (އަލް-ކަފާފު)، ރައްކާތެރިކަން ދިނުން (އަލް-ކިފާޔާ) އަދި ބާރުވެރިކުރުވުން (އަލް-ކަފާއާ)އެވެ.

ލުއިފަސޭހަކޮށްދިނުމުގެ މަރުޙަލާގައި އަވަސް އެހީތެރިކަމާއި ކާބޯތަކެތީގެ އެހީއާއި އަސާސީ ދިރިއުޅުމުގެ އެހީ މެދުވެރިކޮށް ދިމާވާ ކުއްލި ދަތިތަކަށް ޙައްލު ހޯދައިދެއެވެ. ރައްކާތެރިކަމުގެ މަރުޙަލާގައި ބޯހިޔާވަހިކަމާއި ތަޢުލީމާއި ޞިއްޙީ އެހީތެރިކަން މެދުވެރިކޮށް ގޭބިސީތަކުގެ ހަމަޖެހުން ވަރުގަދަކުރެއެވެ. އަދި ބާރުވެރިކުރުވުމުގެ މަރުޙަލާގައި މައިގަނޑު ގޮތެއްގައި އަމާޒުހިފަނީ ހުނަރު ދަސްކޮށްދިނުމާއި ވިޔަފާރިވެރިކަމާއި އުފެއްދުންތެރި ވަސީލަތްތަކާއި މާލީ އެހީތެރިކަމާއި މާކެޓްތަކަށް ވާސިލުވެވޭނެ މަގުތައް ފަހިކޮށްދީގެން ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށެވެ.

މި އޮނިގަނޑުން ބާރުއަޅަނީ ޒަކާތް ލިބޭ ފަރާތްތަކުގެ ބޭނުންތައް ތަފާތުވުމުން، އެކި ފަރާތްތަކަށް ބޭނުންވަނީ ތަފާތު އެހީތެރިކަން ކަމެވެ. ވަގުތީ އަވަސް އެހީއަކީ އަދިވެސް ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، ދިގު މުއްދަތުގެ ކުރިއެރުން ބިނާވެފައިވަނީ ޤާބިލުކަން އިތުރުކުރުމަށާއި އާމްދަނީ އިތުރުކުރުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މައްޗަށެވެ.

މީގެއިތުރުން، ގޭބިސީތަކުގެ ފުދުންތެރިކަމަށާއި ރަށު ފެންވަރުގެ އިޤްތިޞާދީ ޙަރަކާތްތަކަށް އެހީތެރިވުމުގައި ބޭނުންކުރުމަށް ދެވޭ ޒަކާތުގެ ދައުރުގެ މައްޗަށްވެސް ޔޫސުފް އަލިއަޅުއްވާލެއްވިއެވެ. ކާބޯތަކެއްޗާއި ދުވަހާދުވަހުގެ ޟަރޫރީ ބޭނުންތަކާއި ފެނާއި ކަރަންޓު ފަދަ ޚިދުމަތްތައް އަދި ތަޢުލީމަށް ދެވޭ އެހީގެ ސަބަބުން، ޢާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭއިރު، އެ މުޖުތަމަޢުތަކުގެ ތެރޭގައި މުދަލާއި ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ދެމެހެއްޓުމަށް ބާރުއަޅައެވެ.

inzac

ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުން:

ޔޫސްފްގެ ތަޤުރީރުގައި ވަނީ، ޒަކާތުން އެހީ ފޯރުކޮށްދީގެން ހުނަރު ތަރައްޤީކުރުމާއި ވިޔަފާރިވެރިކަމާއި އުފެއްދުންތެރި އިޤްތިޞާދީ ޙަރަކާތްތަކާ ގުޅުވައިދޭ އެލް.ޒެޑް.އެން.ކޭގެ އިސްނެގުންތައް ދައްކާލާފައިވެއެވެ.

މީގެ އެއް މިސާލަކީ، މަސްވެރިކަމާއި ކާބޯތަކެތި އުފެއްދުމާއި ދަނޑުވެރިކަމާ ގުޅޭ ފަތުރުވެރިކަން (އެގްރޯ-ޓޫރިޒަމް) ފަދަ، އެ ސަރަޙައްދަކަށް ލިބިފައިވާ ޤުދުރަތީ އަދި މާއްދީ ފުރުޞަތުތަކާ ގުޅުވައިގެން ހިންގޭ މަޝްރޫޢުތަކުގެ ޒަރީޢާއިން، ލަންކާވީގައި ޒަކާތް ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ”ސެލްފް-ރިލަޔަންސް ޑިސްޓްރިބިއުޝަން“ ޕްރޮގްރާމްކަމަށް ޔޫސުފް ވިދާޅުވިއެވެ. މީގެ ތެރޭގައި، އެ ސަރަޙައްދުން ބާނާ މަސް، އަގު އެއްކުރެވިފައިވާ (ވެލިއު އެޑެޑް) އުފެއްދުންތަކަށް ބަދަލުކުރާ ޓޫބާ ކްރޫޕާއި، ދަނޑުވެރިކަމުގެ ޙަރަކާތްތައް ފަތުރުވެރިކަމުގެ ފުރުޞަތުތަކާ ގުޅުވައިދޭ ޓޫބާ ޗިކަން ފާމް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްނެގުންތަކުން ދައްކުވައިދެނީ، މުޖުތަމަޢުގައި މިހާރުވެސް ހުރި ވަސީލަތްތަކާއި ބާޒާރުގެ ޑިމާންޑުގެ ބޭނުން ހިފައިގެން، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދޭ އުފެއްދުންތެރި ޙަރަކާތްތަކަށް ޒަކާތުގެ އެހީގެ ސަބަބުން އެއްބާރުލުން ދެވިދާނެ ގޮތެވެ.

މީގެ އިތުރުން، ޓެކްނިކަލް އަދި ސިނާޢީ ހުނަރުތަކާއި، ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ އާއި، ފެހުމާއި، އަދި މުޖުތަމަޢު ބިނާކުރުމާ ގުޅޭ އެހެނިހެން ވިޔަފާރި ހުނަރުތައް ހިމެނޭ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަކަށްވެސް ޔޫސުފްގެ ތަޤުރީރުގައި އަލިއަޅުވާލާފައިވެއެވެ. މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ހިތްވަރުދިނުމާއި އެހީ ލިބޭ ފަރާތްތަކަށް ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމުގެ ޤާބިލުކަން އިތުރުކޮށްދިނުމެވެ.

 

ޕްރޮޖެކްޓް ޙަސަން – ޒަކާތާއި، ވަޤުފާއި، ދަނޑުވެރިކަން އެއްފަސްކުރުން:

މީގެ އަނެއް މުހިންމު މިސާލެއްގެ ގޮތުގައި ޔޫސުފް ފާހަގަކުރެއްވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ޒަކާތުގެ އެހީއާއި، އުފެއްދުންތެރި ވަޤުފާއި، އަދި ދަނޑުވެރިކަމުގެ ތަރައްޤީ އެކުލެވޭގޮތަށް އެކުލަވާލާފައިވާ އިސްލާމީ އިޖުތިމާޢީ މާލިއްޔަތުގެ އިސްނެގުމެއް ކަމަށްވާ ”ޕްރޮޖެކްޓް ޙަސަން“އެވެ.

މި މަޝްރޫޢުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމާއި، އެ ތަކެތި ތައްޔާރުކުރުމާއި ބެހުމުގެ ނިޒާމު، އެއް ވިއުގައެއްގެ ތެރެއިން ގުޅުވައިދެއެވެ. އަދި އެހީ ލިބޭ ފަރާތްތަކަކީ ހަމައެކަނި އެހީ ލިބިގަންނަ ބައެއްގެ ބަދަލުގައި، އުފެއްދުންތެރިން އަދި މަސައްކަތް ހިންގާ ފަރާތްތަކެއްގެ ގޮތުގައި ބައިވެރިވެއެވެ.

ޔޫސުފް ފާހަގަކުރެއްވި ގޮތުގައި، މާރިޗު 2026އާ ހަމައަށް ޕްރޮޖެކްޓް ޙަސަންގެ ދަށުން 239.03 ހެކްޓަރުގެ ބިން ކަނޑައެޅިފައިވާއިރު، ޖުލައި 2026 އާ ހަމައަށް 111 ބައިވެރިންނާއި މަސައްކަތް ހިންގާ ފަރާތްތައް ވަނީ ރެކޯޑުކުރެވިފައެވެ. އަދި ޖުލައި 2026 އާ ހަމައަށް ފައިސާގެ ގޮތުންނާއި މެޝިނަރީގެ ގޮތުގައި 5.55 މިލިއަން މެލޭޝިއަން ރިންގިޓް ވަނީ ލިބިފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މި މަޝްރޫޢުގައި ސްމާޓް އަދި ބޮޑެތި ސަރަޙައްދުތަކަށް ޚާއްޞަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެއެވެ. ސްމާޓް ބޫމް-ބެލްޓް ދަނޑުވެރިކަމުގެ މެޝިނަރީ ބޭނުންކުރުމުގެ ސަބަބުން، ހަ މަސްދުވަހުގެ ސީޒަނެއްގައި ހެކްޓަރަކަށް ހިނގާ އުފެއްދުންތެރިކަމުގެ ޚަރަދުން ގާތްގަނޑަކަށް %41.9 ކުޑަކުރެވިފައިވާ ކަމަށް ޔޫސުފްގެ ތަޤުރީރުގައި ބަޔާންކުރެއްވިއެވެ.

ޕްރޮޖެކްޓް ޙަސަން އިން ދައްކުވައިދެނީ، އެ ސަރަޙައްދުގެ ކާބޯތަކެތި ފޯރުކޮށްދިނުން އިތުރުކުރުމަށާއި، އާމްދަނީގެ ފުރުޞަތުތައް ފަހިކުރުމަށާއި، އަދި އެހީ ލިބޭ ފަރާތްތަކުގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޒަކާތާއި، ވަޤުފާއި، އުފެއްދުންތެރި މުދަލާއި، ޓެކްނޮލޮޖީ އަދި މުއައްސަސާތަކުގެ ގުޅުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުން މިންއެޅުން:

ޔޫސުފް ވިދާޅުވީ، ޒަކާތުގެ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަކީ ހަމައެކަނި ފަރުދަކަށް އެހީ ދިނުން ހުއްޓާލުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެއީ އަލުން ފަޤީރުކަމުގެ ތެރެއަށް ވެއްޓުމަކާ ނުލައި، އަބުރުވެރި ދިރިއުޅުމެއް ދެމެހެއްޓުމަށް އެ ޢާއިލާއަކަށް ލިބިފައިވާ ޤާބިލުކަން ރަމްޒުކޮށްދޭ ކަމަކަށް ވާންޖެހޭނެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އެހީއަށް ބަރޯސާވުން ނިމުމަކަށް އައިސްފައިވާކަން ދަލީލުކޮށްދޭ މުހިންމު ކަންތައްތަކެއް ޔޫސުފްގެ ތަޤުރީރުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ ތެރޭގައި ދާއިމީ އާމްދަނީއެއް ލިބުމާއި، އަސާސީ ބޭނުންތައް ފުދިފައިވުމާއި، ތަކުރާރުކޮށް ލިބޭ އެހީތަކަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، އިޤްތިޞާދީ ގޮތުން އަރައިގަތުމުގެ ޤާބިލުކަން ހުރުމާއި، އަދި ޕްރޮގްރާމް ނިމުމަށްފަހުވެސް ކުރިއެރުން ދެމެހެއްޓުން ހިމެނެއެވެ.

އަދި ޖީލުތަކަށް ދެމިގެންދާ ފަޤީރުކަމަށް ޙައްލެއް ހޯދުމުގެ މުހިންމުކަމަށްވެސް އޭނާ އަލިއަޅުވާލައްވައިފައިވެއެވެ. އެގޮތުން އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ ތެރޭގައި، ބޮޑެތި މީހުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމާއެކު، ކުދިންނަށް ތަޢުލީމާއި، ހުނަރު ތަރައްޤީކުރުމާއި، އަދި މުސްތަޤުބަލުގެ ވަޒީފާގެ ފުރުޞަތުތައް ލިބޭނެ މަގު ކަށަވަރުކޮށްދިނުން ހިމެނޭކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހުރި ބައެއް ގޮންޖެހުންތައް ވެސް ޔޫސުފްގެ ތަޤުރީރުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެހީ ލިބޭ ފަރާތްތަކުގެ ކުޅެދުންތެރިކަމުގައި ހުރި ތަފާތުތަކާއި ދިގު މުއްދަތަކަށް އެހީއަށް ބަރޯސާވެފައި އޮތުމާއި ހުނަރާއި މާކެޓުގެ ފުރުސަތުތައް މަދުވުމާއި ދެމެހެއްޓެނިވި އާމްދަނީއެއް ނުލިބުމާއި ނަތީޖާ ވަޒަންކުރުމުގައި ހުރި ދަތިތަކުގެ އިތުރުން ކާމިޔާބު އިސްނެގުންތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް އޭނާ ފާހަގަކުރައްވާފައިވެއެވެ. މި ގޮންޖެހުންތަކުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ހާއްސަކުރެވިގެން ދެވޭ އެހީތެރިކަމާއި، މެދުކެނޑުމެއްނެތި ބެލެހެއްޓުމާއި މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މުހިންމުކަން އިތުރަށް ހާމަވެގެންދާކަމަށް ވެސް ޔޫސުފް ވިދާޅުވިއެވެ.

 

އަސްނާފުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމަށް އިސްކަންދޭންވީ ކަންކަން:

ޔޫސުފްގެ ތަޤުރީރު ނިންމަވާލައްވަމުން، އޭނާ ވަނީ ޒަކާތުގެ މުއައްސަސާތަކުން އިސްކަންދޭންވީ ސްޓްރެޓީޖިކް ފަސްކަމެއް ފާހަގަކުރައްވާފައެވެ. އެއީ ބާރުވެރިކުރުވުމުގެ ކުރިން އާއިލާތަކަށް ރައްކާތެރިކަން ދިނުން، ވަކިވަކި ފަރުދުންގެ ކުޅެދުންތެރިކަމަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދިނުން، ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުން، ދެމެހެއްޓެނިވި ނަތީޖާތައް ވަޒަންކުރުން، އަދި ކުރިއަށް އޮތް ޖީލަށް އިންވެސްޓްކުރުމެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކާމިޔާބު ކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި، ރައްކާތެރިކަމާއެކު ތަރައްގީގެ ފުރުސަތުތައް ގުޅުވާލަދޭ، ހަމަޖެހޭ އުސޫލުތަކެއްގެ މަތިން މަސައްކަތްކުރަން ޖެހެއެވެ. އެހީ ލިބޭ ފަރާތްތަކަށް ތައުލީމާއި ތަމްރީނާއި އުފެއްދުންތެރި ވަސީލަތްތަކާއި މާލީ އެހީތެރިކަމާއި ކުރިއެރުން ލިބޭނެ މާކެޓުތަކާ ގުޅުވައިދިނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ޔޫސުފް ވަނީ، ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމުގެ އިތުރަށް، ފަގީރުކަން ނައްތާލުމާއި، އިންސާނީ ތަރައްގީ އަދި އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގައި ޒަކާތުގެ މުއައްސަސާތަކަށް އަދާކުރެވިދާނެ ސްޓްރެޓީޖިކް ދައުރަކާ މެދު ވިސްނުމަށް އިންޒެކް 2026ގައި ކަނޑައަޅާފައިވާ ފުޅާ އަމާޒަށް އިތުރަށް ބާރުއަޅުއްވާފައެވެ.

އިސްލާމިކް ސެންޓަރުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގެ މި އަހަރުގެ އަމާޒަކީ ބައިނަލްއަގުވާމީ ތަޖުރިބާތަކާއި އަމަލީ ގޮތުން ބޭނުންކުރެވޭ މޮޑެލްތައް ހިއްސާކުރުމުގެ ތެރެއިން، އެހީ ލިބޭ ފަރާތްތަކަކީ އެހީ ލިބިގަންނަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ބަދަލުގައި، އެމީހުންގެ އާއިލާތަކަށާއި، މުޖުތަމައަށާއި އަދި މުޅި އިގްތިސާދަށް ފައިދާހުރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ދެމެހެއްޓެނިވި ގޮތްތަކަށް ހިތްވަރުދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.