އެމްބާޕޭގެ ބަހުރުވައަކާ ގުޅިގެން ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާގެ މެޗުތައް ދެއްކުން ހުއްޓާލައިފި

އެމްބާޕޭގެ ބަހުރުވައަކާ ގުޅިގެން ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާގެ މެޗުތައް ދެއްކުން ހުއްޓާލައިފި އެވެ.

ޗައިނާގެ ރައީސް މާއޮ ޒެޑޮންގްއާ ގުޅޭގޮތުން ރިއަލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ލަލީގާގެ މެޗުތައް ދެއްކުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ގްރޫޕުން އިއުލާނުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސީ.ސީ.ޓީ.ވީ ހިންގާ ސީ.އެމް.ޖީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން ސްޕެއިންގެ ލަލީގާގެ މެޗުތަކާއި އެ ކުޅުންތެރިޔާ ހިމެނޭ އިޝްތިހާރުތައް ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ.

މާއޮ ޒެޑޮންގްއަށް މަލާމާތް ރައްދުވާ ގޮތަށް ވީޑިއޯއެއްގައި ވާހަކަދެއްކުމުން ޗައިނާގެ ބޮޑެތި ކުންފުނިތަކުން އެމްބާޕޭއާއެކު އޮތް ގުޅުން ކަނޑާލުމާ ގުޅިގެން އޭނާ ވަނީ އަންގާރަ ދުވަހު އެކަމަށް މާފަށް އެދިފަ އެވެ.

ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ ”ދަ ޕޭޕަރ“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ނޭދެވޭ އަސަރު ބޮޑުވެ ދައުލަތުގެ ޓީވީން ވަނީ ސްޕެއިންގެ ލީގު މެޗުތައް ދެއްކުން ހުއްޓާލާފަ އެވެ.

އެމްބާޕޭގެ އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އޭނާ ދުށް އެންމެ މަޖާ ”މީމް“ އަކީ އޭނާގެ މޫނު ”ޗައިނާގެ ޑިކްޓޭޓަރެއް“ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑުގައި ހަރުކޮށްފައި އިން ފޮޓޯއެއް ކަމަށެވެ.

މިއީ މާއޮ ޒެޑޮންގްގެ ފޮޓޯއަކަށް އިޝާރާތްކޮށް އޭނާ ދެއްކި ވާހަކައެއް ކަމަށް ބެލެވެ އެވެ. ނަމަވެސް މި ވީޑިއޯގެ ސައްހަކަން އޭ.އެފް.ޕީ ފެކްޓް ޗެކަށް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

”އަހަރެންގެ ބަސްތަކަކީ ވިސްނުންތެރިކަމެއް ނެތި ބުނެވުނު އެއްޗެއް. އޭގެ ސަބަބުން ޗައިނާގެ ގިނަ ބަޔަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޗައިނާގެ މުޖުތަމައުތަކަށް ހިތާމަ ލިބިފައިވާކަން މިހާރު ގަބޫލުކުރަން. އަހަރެންގެ ބަސްތަކުގެ ސަބަބުން ހިތްހަމަނުޖެހުނު ހުރިހާ ފަރާތްތަކެއްގެ ކިބައިން މާފަށް އެދެން،“ ފްރެންޗް، ޗައިނީޒް އަދި އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި އެމްބާޕޭ ބުނެފައިވެ އެވެ.

ލަލީގާ އިންވެސް ވަނީ މިކަމާ ގުޅިގެން މާފަށް އެދިފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި އެމްބާޕޭގެ ވާހަކަތަކުގެ ސަބަބުން ޗައިނާގެ ސަޕޯޓަރުންގެ ހިތުގައި ޖެހިފައިވާތީ އެކަމާ ހިތާމަކުރާ ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށެވެ.

1976 ވަނަ އަހަރު އަވަހާރަވި ޗައިނާގެ ބާނީ މާއޮ ޒެޑޮންގްއާ ގުޅޭގޮތުން މަލާމާތްކުރުމަކީ ޗައިނާގައި ވަރަށް ބޮޑަށް މަނާކުރެވިފައިވާ ކަމެކެވެ. މާއޮގެ ސިޔާސަތުތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑަށްޖެހި މަރުވި ކަމަށް ތާރީޚް އިލްމުވެރިން ބުނި ނަމަވެސް އޭނާއަށް ފުރައްސާރަކުރުމަކީ އެ ޤައުމުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި އޭއައި ބޭނުންކޮށްގެން އެމްބާޕޭގެ އިޝްތިހާރުތައް ޖެހި ބުއިންތައް އުފައްދާ ”ޑޮންގްޕެންގް“ ކުންފުނިން ވަނީ އެމްބާޕޭއާއެކު އޮތް ހުރިހާ އެއްބަސްވުންތަކެއް އުވާލާފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޤައުމީ އިހުސާސްތަކަށް ކުޑައިމީސްވާ ފަދަ އެއްވެސް އަމަލަކަށް އެ ކުންފުނިން ޖާގައެއް ނުދޭނެ އެވެ.

ޗައިނާގެ އެންމެ ބޮޑު ކިރު އުފައްދާ ކުންފުނި ”މެންގްނިއު“ އާއި ”މިލްކްގްރައުންޑް“ އިން ވެސް ވަނީ އެމްބާޕޭއާއެކު އޮތް ގުޅުން ކަނޑާލާފަ އެވެ.

ޗައިނާގެ މީސްމީޑިއާ ޕްލެޓްފޯމް ”ވެއިބޯ“ ގައި މި ޚަބަރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ.

ގިނަ ބަޔަކު ބުނަމުންދަނީ އެމްބާޕޭގެ ވާހަކަތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އޭނާ ވަނީ ރަތް ރޮނގުން ބޭރުވެފައި ކަމަށެވެ.

ޗައިނާގެ ފުޓްބޯޅަ ޚަބަރުތައް ފަތުރާ އެންމެ ބޮޑު އެއް ވެބްސައިޓް ”ޑޮންގްކިއުޑީ“ އިން ބުނި ގޮތުގައި އެމްބާޕޭގެ ބަސްތަކަކީ ޗައިނާގެ ރައްޔިތުންނަށް ކުރި ވަރަށް ބޮޑު ފުރައްސާރައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.