މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކުރާ ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފަށައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026، މާލޭ ސިޓީގެ އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފިއެވެ. މި ކޮންފަރެންސަކީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން މި ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

”އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިޤުތިޞާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން“ މި ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ އަލަށް ފާހަގަކުރެވޭ ނާޒުކު ޙާލަތްތައް ދެނެގަތުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އަދި ޒަކާތް ޙައްޤުވާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކީރިތި ޤުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އެއަށްފަހު، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އެސްއޭޕީ 2026-2028 ވަނީ އިފްތިތާޙުކޮށްފައެވެ. އެސްއޭޕީ އިފްތިތާޙުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު އަމީޒާއެވެ. ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ މަޝްރޫޢުތައް ކުރިއެރުވުމަށް އިސްކަންދޭނެ ދާއިރާތައް ބަޔާންކޮށްފައިވެއެވެ.

މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މި ރަސްމިއްޔާތަށް އެމަނިކުފާނުގެ ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ. ވަޒީރު ފޮނުއްވި މެސެޖު އިއްވަވައިދެއްވީ އެސިސްޓެންޓް ޒަކާތު އޮފިސަރ އަލްފާޟިލާ ޢާޝިޔާ ޞާލިޙެވެ. ވަޒީރުގެ މެސެޖުގައި، ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރަށް އަލިއަޅުއްވާލައްވައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، ޖަވާބުދާރީވުމާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިންޒެކް 2026 ގައި ތިން ސެޝަނެއް ހިމެނޭއިރު، ކޮންމެ ސެޝަނެއްގައިވެސް މައިގަނޑު ތަޤްރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި މަޝްވަރާކުރެވޭ މައުޟޫޢުތަކުގެ ތެރޭގައި، ޢާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ޙާލަތްތަކުގައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މުހިންމުކަމާއި، އަދި ޒަކާތް ލިބޭ ފަރާތްތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމަޢަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތައް ހިމެނެއެވެ.

މި ކޮންފަރެންސް މެދުވެރިކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް މަގުފަހިކުރުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، އަދި ފަޤީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް ޢަމަލީ ޙައްލުތަކެއް ހޯދުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.