
ބްރޭކިންގ: ފާޑުކިޔުންތަކަަށް ބެލުމެއްނެތި އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސްގެ މުސާރަ -/95000 އަށް ބޮޑުކޮއްފި
އެތައް ބައެއްގެ ފާޑުކިޔުންތައް އަޑުއެހުމެއްނެތި މަޖިލިސް މެމްބަރުންނާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ-/95000 އަށް ބޮޑުކުރަން ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުންތަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައި، މުސާރަ ބޮޑުކުރުމަށް ފާސްކޮށްފަ އެވެ.
އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް ވޯޓުދިނީ 12 މެންބަރުންނެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން އެހުމުން ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 42 މެންބަރަކު މުސާރަ ބޮޑުކުރަން ފާސްކުރަން ފެންނަ ކަމަށް ވޯޓުދިން އިރު، ނުފެންނަ ކަމަށް ވޯޓުދިނީ 12 މެންބަރުންނެވެ.
މި ބަދަލު ގެނައުމަށް ފާސްކުރީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހުގައެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށް މަޖިލީހުން ތާއީދުކުރި މި ނިންމުމުގެ ދަށުން، މަޖިލީހުގެ ރައީސް (އަބްދުއްރަހީމް އަބްދުﷲ) އަށް 22،000 ރުފިޔާގެ އިތުރު އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މިއާއެކު މަޖިލީހުގެ ރައީސްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ މަހަކު 73،125 ރުފިޔާއެވެ.
އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91,000 ރުފިޔާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، ހާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ ހަމަޖެއްސުމަށް ކޮމިޓީންނާއި މަޖިލީހުގެ ތަޅުމުން ފާސްވުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ ޖުމުލަ އާމްދަނީ 95,125 ރުފިޔާއަށް ބޮޑުވާނެ އެވެ.



