
”ދުޝްމަނުން މާޔޫސްވުމަކީ ޤައުމީ ސާބިތުކަމުގެ ނަތީޖާއެއް“ އީރާނުގެ ރޫޙާނީ ލީޑަރ
އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އަޔާތުއްލޯ މުޖުތަބާ ޚާމަނާއީ ސިފަކުރެއްވި ގޮތުގައި ދުޝްމަނުން މިއަދު ތިބި ނާއުއްމީދީ އަދި މާޔޫސީ ހާލަތަކީ އެ ޤައުމުގެ ރައްޔިތުން ދައްކަމުންދާ ޤައުމީ ސާބިތުކަމުގެ ފޮނި މޭވާއެކެވެ.
ޚާމަނާއީ އާއި ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް މުޙުސިން ރޭޒާއީ ވަނީ ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުންނާއި އަވަށްޓެރި ޤައުމުތަކާ އެކު އޮންނަ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާގެ އެކްސް އެކައުންޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ދުޝްމަނުންގެ މާޔޫސްކަމަކީ ޤައުމީ ދިފާއުގައި ދެމިތިބުމުގެ ސަބަބުން ލިބުނު ކާމިޔާބީއެކެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވާހަކަފުޅުތައް އައިސްފައިވަނީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރޭޒާއީއާ އެކު ޤައުމީ އަދި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބައިނަލްއަޤްވާމީ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދަމަހައްޓައި ޤައުމާއި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ފާރިސީ ކަނޑުއޮޅީގެ ކަނޑުގެ ސަލާމަތަށް އިސްކަންދީ އަވަށްޓެރި ޤައުމުތަކާ އެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ޚާމަނާއީގެ އެކްސް އެކައުންޓުގައިވާ ބަޔާނުގައި ބާރުއަޅުއްވާފައިވަނީ އީރާނުގެ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަކީ އެ ޤައުމުން ކުރިމަތިލަމުންދާ ޤައުމީ ސާބިތުކަމުގެ ސަބަބުން މެދުވެރިވި ނަތީޖާއެއް ކަމަށެވެ.



