
ހޫޘީން ބަލިކުރުމަށް ބައިނަލްއަޤްވާމީ ކެމްޕޭނަކަށް ޕްރިންސަސް ރީމާ ގޮވާލައިފި
ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހޫޘީން ބަލިކުރުމަށް ބައިނަލްއަޤްވާމީ ކެމްޕޭނަކަށް ޕްރިންސަސް ރީމާ ގޮވާލައިފި އެވެ.
އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޕްރިންސަސް ރީމާ ބިންތު ބަންޑަރު އިންޒާރުދިން ގޮތުގައި ހޫޘީންނަކީ މޫސަލް ހިފުމަށްފަހު ޚިލާފަތެއް އިއުލާނުކުރުމުގެ ކުރިން އައި.އެސް ފަދަ ނުރައްކާތެރި ބައެކެވެ.
އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ހޫޘީން ބަލިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ގޮވާލަމުން އެ ގުރޫޕުގެ ސަބަބުން ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކަލަކީ ހަމައެކަނި ޔަމަނަށް އޮތް ނުރައްކަލެއް ނޫން ކަމަށް ސަފީރު ފާހަގަކުރި އެވެ.
ނިއުޔޯކް ޓައިމްސްގައި ޝާއިއުކުރި މަޒުމޫނެއްގައި ޕްރިންސަސް ރީމާ ވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫޘީން ދިން ހަމަލާއަށް އިޝާރާތްކޮށްފަ އެވެ.
އެ ހަމަލާގައި 13 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ.
ޕްރިންސަސް ރީމާބުނި ގޮތުގައި 80 އަށްވުރެ ގިނަ ޤައުމު ހިމެނޭ އިއްތިހާދެއްގެ އެހީތެރިކަމާއެކު އެ ސަރަހައްދުގެ ލޯކަލް ފައުޖުތަކުން އައި.އެސް ބަލިކުރި ފަދައިން ހޫޘީން ވެސް ބަލިކުރެވިދާނެ އެވެ. އަދި މިއީ ޔަމަނުގެ ރައްޔިތުން އިސްވެ ތިބެ ކުރަންޖެހޭ ހަނގުރާމައެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
މި ހަމަލާގެ ތެރޭގައި ރިޔާޟް އެއާގެ މުވައްޒަފެއް ކަމަށްވާ އިބްތިހާލް ބިންތު ޢަބްދުﷲ އަމިއްލައަށް ޒަޚަމްވެފައި ހުރެމެ، ފަސިންޖަރުން ސަލާމަތްކުރުމަށާއި އަނިޔާވި މީހުންނަށް އެހީތެރިވުމުގައި ދެއްކި ހިތްވަރު ސަފީރު ފާހަގަކުރި އެވެ. ”ހޫޘީން މިސައިލް ފޮނުވީ ބިރުވެރިކަން ފެތުރުމަށް. ނަމަވެސް އިބްތިހާލް އެކަމަށް ރައްދުދިނީ ކެރިހިތްވަރާއެކު،“ ޕްރިންސަސް ރީމާ ލިޔެފައިވެ އެވެ.
އެއާޕޯޓަށް ދިން ހަމަލާއަކީ ޓެރަރިސްޓް އަމަލެއްގެ ގޮތުގައި ސިފަކުރަމުން، އައި.އެސް ބަލިކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ދެއްކި ސާބިތުކަމާއެކު ހޫޘީންނާ ދެކޮޅަށް ވެސް ތެދުވަންޖެހޭ ކަމަށް އެނާ ވަކާލާތު ކުރި އެވެ.
އީރާނުގެ އެހީތެރިކަމާއެކު ހޫޘީންގެ އަސްކަރީ ގާބިލްކަން އިތުރުވަމުންދާކަމުގެ އިންޒާރު ދެމުން، 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ސަޢޫދީ ޢަރަބިއްޔާއަށް 1،000 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާކަން އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން ހޫޘީންގެ އިންޖިނޭރުން ސޯމާލިއާގެ އައްޝަބާބު ހަނގުރާމަވެރިންނަށް ބޮން ހެދުމާއި ޑްރޯން ޓެކްނޮލޮޖީގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އދ. އިން ހޯދާފައިވާ ހޯދުންތަކަށާއި މިސައިލް އުފެއްދުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ހޫޘީން ކުރަމުންދާ މަސައްކަތްތަކަށް ވެސް ސަފީރު އިޝާރާތް ކުރި އެވެ.
”މިއަދުގެ ހޫޘީންނަކީ، އިރާގުގެ މޫސަލް ހިފުމުގެ ކުރިން ދުނިޔެއަށް އެ ބައެއްގެ ނުރައްކާ ކުޑަކޮށް އަންދާޒާ ކުރެވުނު އައި.އެސް ފަދަ ޓެރަރިސްޓް ހަރަކާތެއް،“ އޭނާ ލިޔެފައިވެ އެވެ.
ހޫޘީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާއިން ނިންމި ނިންމުމަށް އެހެން ޤައުމުތަކުން ވެސް ތާއީދުކުރުމަށާއި އެ ޖަމާއަތަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ހަތިޔާރު އުފުލާ އުޅަނދުތައް ހުއްޓުވުމުގެ އިތުރުން ޔަމަނުގެ ޤާނޫނީ ސަރުކާރު ވަރުގަދަކުރުމަށް ޕްރިންސަސް ރީމާ ގޮވާލި އެވެ.
”ހޫޘީންނަކީ ހަތިޔާރު އެޅި ޓެރަރިސްޓް ފައުޖެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ސާފު އަމާޒަކަށް ވާންޖެހޭ،“ ރީމާ
ޔަމަނަށް ސަޢޫދީން ފޯރުކޮށްދޭ އަސްކަރީ އަދި އިންސާނީ އެހީތެރިކަމުގެ ދިފާއުގައި ވާހަކަ ދައްކަމުން ހޫޘީންގެ އަސްކަރީ ގާބިލްކަން ނައްތާލުމުގެ މަސައްކަތުގައި އިސްކޮށް އުޅެންޖެހޭނީ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ކަމަށް ސަފީރު ފާހަގަކުރި އެވެ.
ޕްރިންސަސް ރީމާ ބުނީ ހޫޘީންގެ ހަތިޔާރު އެޅި ހަރަކާތްތައް ހުއްޓުވުމަކީ ޔަމަނުގެ ރައްޔިތުން އިސްވެ ތިބެ ސިޔާސީ ހައްލަކަށް ދިއުމަށް އޮތް އެންމެ މުހިންމު މަގު ކަމަށެވެ.
”ހޫޘީންގެ ހަތިޔާރު އެޅި ޓެރަރިޒަމް ހުއްޓުވުމަކީ، ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ތާއީދުކުރާ ޔަމަނުގެ ރައްޔިތުން އިސްވެ ތިބެ ހޯދާ ސިޔާސީ ހައްލަށް ދެވެން އޮތް ހަމައެކަނި މަގު،“ ރީމާ



