
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އަމުރުކުރައްވައިފި
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އަމުރުކުރައްވައިފި އެވެ.
ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް އަމުރުކުރައްވާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިސްލާމްއާބާދުގައި ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މިހެން ވިދާޅުވީ އޮކްޓޫބަރު 22 ވަނަ ދުވަހު ބޭއްވި ”ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް“ ގައެވެ.
މި ފޯރަމްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
މިވަގުތު މާލެއާއި ޕާކިސްތާނުގެ އިސްލާމްއާބާދު ނުވަތަ ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ނެތްކަން ބޮޑުވަޒީރު ޝަރީފް ފާހަގަކުރެއްވި އެވެ. އަދި މާލެއަށް ފުރަތަމަ ފްލައިޓް ބޭއްވޭނެ ގޮތްތައް ބަލައި އެކަމުގެ ފީޒިބިލިޓީ ސްޓަޑީއެއް އަވަސް މުއްދަތެއްގެ ތެރޭގައި ތައްޔާރުކުރުމަށް އެ ޤައުމުގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނަށް ވަނީ އިރުޝާދު ދެއްވާފަ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި ދަތުރުތައް ކުރާނީ ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންސް ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނަކުންނެވެ.
ފުރަތަމަ ދަތުރުތައް އަމާޒުކުރެވިފައިވަނީ ފަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި، ރާއްޖޭގެ ވަފުދަކަށް ދައުވަތު އަރުވައިގެން ގުޅިފައިވާ ޕްލޭނެއް އެކުލަވައިލުމަށް އޭވިއޭޝަން ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ބޮޑުވަޒީރު ވަނީ އަންގަވާފަ އެވެ.
ރައީސް މުޢިއްޒު ރާއްޖެއަށް އެނބުރި ވަޑައިގަތުމަށްފަހު، ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާއި ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ފޮނުވުމަށް ޕާކިސްތާނުން ވަނީ ނިންމާފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި ސީދާ ކަނޑުދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިޔަފާރީގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، ކަރާޗީ ނުވަތަ ގްވަދަރުން މާލެއަށް މުދާ އުފުލާނެ އިތުބާރު ހުރި ސީދާ ދަތުރުތަކެއްގެ ތާވަލެއް ބޭނުންވެ އެވެ.
ޕާކިސްތާނުގެ ކޮމާސް މިނިސްޓަރު ޖާމް ކަމާލް ޚާންގެ ތަފާސްހިސާބުތަކާ ހަވާލާދީ ބޮޑުވަޒީރު ވިދާޅުވީ މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގަކީ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުމަގުން މުދާ އުފުލުމުގެ ނިޒާމަކީ އިގްތިސާދީ ގޮތުން ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ވިޔަފާރީގެ ގޮތުން ފައިދާހުރި ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތައް ހޯދުމަށް ދެ ޤައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް ރައީސް މުޢިއްޒު ވަނީ ބާރުއަޅުއްވާފަ އެވެ.



