
ކަރާޓޭ މުބާރާތުން ދުނިޔެގެ ޗެންޕިއަންކަން ފަލަސްތީނުގެ މަރްޔަމް އަށް
ޕޮލެންޑުގައި ބޭއްވި ދުނިޔޭގެ ކަރާޓޭ މުބާރާތުން ފަލަސްތީނުގެ މަރްޔަމް ބިޝާރަތު ރަން މެޑަލް ހޯދައިފި އެވެ.
ޕޮލެންޑުގެ ބިއެލްސްކޯ-ބިއަލާގައި ކުރިއަށްދިޔަ ”ވޯލްޑް ކެޑޭޓް، ޖޫނިއާ އެންޑް ޔޫ-21 ކަރާޓޭ ޗެމްޕިއަންޝިޕް“ ގެ 66 ކިލޯއިން ދަށުގެ ކުމިޓޭ ބައިން ފަލަސްތީނުގެ މަރްޔަމް ބިޝާރަތު ރަން މެޑަލް ކާމިޔާބުކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
މުބާރާތުގެ ފައިނަލްގައި ސްޕެއިންގެ ނޯއާ ލޮޕޭޒް ގޮންޒާލޭޒްއާ ބައްދަލުކޮށް މަރްޔަމް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލަށް ދިއުމުގެ މަގުމަތީގައި އޭނާ ވަނީ ޖަޕާނުގެ ވަރުގަދަ ކުޅުންތެރިއަކުވެސް ބަލިކޮށްފަ އެވެ.
މިއީ މަރްޔަމް މި މުބާރާތުގެ ރަން މެޑަލް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އޭނާއަކީ މިހާރުވެސް ވޯލްޑް ކަރާޓޭ ފެޑެރޭޝަން (WKF) ގެ ޖޫނިއާ އަންހެން 66 ކިލޯއިން ދަށުގެ ރޭންކިންގެ އެއްވަނަ އެވެ.
ދުނިޔޭގެ އަދި އޭޝިއާގެ މުބާރާތްތަކުގެ އިތުރުން ޔޫތު ލީގުގައިވެސް މަރްޔަމް ހޯދަމުންދާ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ކަރާޓޭ މައިދާނުގައި ފަލަސްތީނުގެ ނަން ފަވާލެވޭ ކާމިޔާބީތަކެކެވެ.



