
އިސްރާއީލުން ދެކެނީ ޢަރަބި ޤައުމުތަކަކީ ”ވަކިވަކި ޤަބީލާތަކެއްގެ އެކުލެވުމެއް“ ގޮތުގައި
އިސްރާއީލުގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔަކު ހާމަކުރި ގޮތުގައި، އިސްރާއީލުގެ ސަލާމަތީ ސިޔާސަތުތައް ބިނާވެފައިވަނީ އަރަބި ޤައުމުތަކަކީ ”ވަކިވަކި ޤަބީލާތަކެއްގެ އެކުލެވުމެއް“ ކަމަށް ދެކޭ ދެކުމުގެ މައްޗަށެވެ.
ތަލް އަވީވްގެ ތިންކް ޓޭންކެއްގެ ޑިރެކްޓަރު ލިޔެފައިވާ ގޮތުގައި އޮކްޓޫބަރު 7 ގެ ފަހުން ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ޢަރަބި އަވަށްޓެރި ޤައުމުތަކާއެކު ވެވޭ ކޮންމެ އެއްބަސްވުމަކީ ”ވަގުތީ އަދި އޮޅުވާލުމެއްގެ“ ގޮތުގައި ބަލާއިރު ސުލްހައިގެ އެއްބަސްވުންތަކަކީ ހަމައެކަނި ”ޓެކްނިކަލް“ ކަންތައްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ކުރީގެ އިސްވެރިޔަކު ލިޔުނު ކަރުދާހެއްގައިވާ ގޮތުން އޮކްޓޫބަރު 7 ގެ ހަމަލާތަކަށްފަހު އިސްރާއީލުގެ ސަލާމަތީ ސިޔާސަތުތައް ބިނާކުރަނީ ލިޔެވިފައިނުވާ ވިސްނުމެއްގެ މައްޗަށެވެ.
އެ ވިސްނުމަކީ ގިނަ ޢަރަބި ޤައުމުތަކަކީ ޙަޤީޤީ ދައުލަތްތަކެއް ނޫން ކަމަށާއި އެއީ ގުޅިފައިވާ ތާރީޚެއް ނުވަތަ ޤައުމީ ތަސައްވުރެއް ނެތް ޤަބީލާތަކާއި ތަފާތު ނަސްލުތަކެއްގެ އެކުލެވުމެއް ކަމަށް ބަލާ ބެލުމެވެ.
ތަލް އަވީވް ޔުނިވަރސިޓީގައި ގާއިމުކޮށްފައިވާ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް އިން ހޯމަ ދުވަހު ޝާއިޢުކުރި ކަރުދާހެއްގައި ތަމީރު ހޭމަން ވަނީ މިހާރު ތަންފީޒުވަމުންދާ ސިޔާސަތުތަކުން ފާހަގަވާ 10 އަސާސެއް ބަޔާންކޮށްފަ އެވެ.
މި އަސާސްތަކުގެ ތެރޭގައި، ޢަރަބި ފަރާތްތަކާއެކު ވެވޭ ކޮންމެ އިންތިޒާމަކީ ވަގުތީ އަދި އޮޅުވާލުމެއް އެކުލެވޭ ކަމެއްގެ ގޮތުގައި ބެލުމާއި ސުލްހައިގެ އެއްބަސްވުންތަކަކީ ހަމައެކަނި ވަގުތީ އަދި ޓެކްނިކަލް ކަންތައްތަކެއް ކަމަށާއި އެކަންކަން ދާއިމީކޮށް މުރާޖައާކުރަންޖެހޭނެ ކަމަށް ބެލުން ހިމެނެ އެވެ.
2018 އިން 2021 އަށް އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސް ޑައިރެކްޓަރޭޓް ހިންގި އަދި މިހާރު އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި ރިޒާވް މޭޖަރ ޖެނެރަލް ހޭމަން ލިޔެފައިވާ ގޮތުގައި މި އާ ވިސްނުމަކީ ރަސްމީކޮށް އާންމުކޮށްފައިވާ ނުވަތަ ދިފާއީ މުއައްސަސާތަކުން ބޯލަނބަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ނޫނެވެ.
ނަމަވެސް، އަމަލީ ގޮތުން ބަލާއިރު، އިސްރާއީލުން ސަލާމަތީ ކަންކަމުގައި ނިންމާ ނިންމުންތަކާއި ގެންގުޅޭ އުސޫލުތައް ބިނާވަނީ މި އަސާސްތަކުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރި އެވެ.
ހޭމަން ސިފަކުރި ގޮތުގައި އޭނާ މި އެކުލަވައިލި ލިސްޓަކީ މިހާރުގެ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް، ގަސްދުގައި ކަންކަން ބޮޑުކޮށް ދައްކައިގެން ތައްޔާރުކޮށްފައިވާ ނަޒަރިއްޔާތެކެވެ. އަދި މި ކަރުދާހުގެ މަޤްޞަދަކީ އާންމުންނާއި ފަންނީ ފަރާތްތަކުގެ މެދުގައި ބަހުސެއް އުފެއްދުން ކަމަށް އޭނާ ފާހަގަކުރި އެވެ.
އޭނާ ވަކާލާތުކުރި ގޮތުގައި މި ބަދަލަކީ އިސްރާއީލުގެ ޤައުމީ އައިޑެންޓިޓީއަށް އައިސްފައިވާ ބަދަލެކެވެ. އަދި އޭނާގެ އަމާޒަކީ އޮކްޓޫބަރު 7 ގެ ފަހުން ”އަހަރެމެންނަކީ ކޮންބައެއްތޯ“ ކުރެވޭ ސުވާލަށް ޖަވާބެއް ހޯދުން ކަމަށް ވިދާޅުވި އެވެ.
ހޭމަން ލިޔެފައިވާ ގޮތުގައި، މި ވިސްނުމުގެ އަސާސަކީ ޢަރަބި ޤައުމުތައް ބަލިކަށިވުމަކީ އިސްރާއީލުގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ދެކުމެވެ.
”ނަތީޖާއެއްގެ ގޮތުން، އެ ޤައުމުތަކުގެ ހަމަޖެހުން ނަގާލުމަކީ ގުދުރަތީ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. ބާރުގަދަ ޤައުމުތަކާ ކުރިމަތިލުމަށްވުރެ މިފަދަ ހާލަތްތައް މެނޭޖުކުރުން އިސްރާއީލަށް ފަސޭހަވާނެ ކަމަށާއި އެކަމަށް ހިތްވަރުވެސް ދޭންޖެހޭނެ ކަމަށް ދެކެއެވެ“ އޭނާ ލިޔެފައިވެ އެވެ.
މީގެ އިތުރުން އޭނާ މިކަން ގުޅުވާލާފައިވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ޢަރަބި އާބާދީތަކާ ކައިރީގައިވާ ހުރިހާ ސަރަހައްދުތަކެއްގައާއި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ސީރިއާ، ލުބުނާން އަދި ގާޒާގެ ސަލާމަތީ ސަރަހައްދުތަކުގައި އާބާދީތަކާއި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމުގެ އަސާސާއެވެ.
މިގޮތަށް ފައުޖުތައް އަތުރާލުމަކީ ”ސިންތެޓިކް“ ނުވަތަ މަސްނޫއީ ޢަރަބި ޤައުމުތަކުގެ ހަމަޖެހުން އިތުރަށް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.



