
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއަށް އިންޑިއާގެ ސުވާލެއް
ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރު ގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، މީހުން މެރުމުގެ ހާދިސާތަކާއި، އަދި އިންޓަނެޓް ކަނޑާލުމާ ގުޅޭގޮތުން ޕާކިސްތާނުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ނެރޭނީ ކޮން އިރަކުންތޯ އިންޑިއާއިން ސުވާލު އުފައްދައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ތިންވަނަ ކޮމިޓީގެ 81 ވަނަ ބައްދަލުވުމުގައި، އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރާއެކު ބޭއްވުނު މަޝްވަރާތަކުގައި އިންޑިއާގެ ފަރާތުން މި ބަޔާން އިއްވީ ޖެނީވާގައި ހުންނަ އިންޑިއާގެ މިޝަނުގެ ފަސްޓް ސެކްރެޓަރީ އަނޫޖް ސުވަރޫޕް އެވެ.
ސުވަރޫޕް ވިދާޅުވީ، މި މައްސަލައިގައި ޕާކިސްތާނު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން އޯ.އެޗް.ސީ.އެޗް.އާރުގެ ރިޕޯޓެއް ފެންނާނެ ކަމަށް އުންމީދު ކުރެވެނީ ކޮން އިރަކުންތޯ އެވެ.
އަދި ޕާކިސްތާނުން އަމިއްލަ ޤައުމުގެ އެތެރޭގެ ހާލަތަށް ބަލައި، ޚައިބަރު ޕަޚްތޫންޚުވާ އާއި ޕާކިސްތާނުން ޣައިރު ޤާނޫނީ ގޮތެއްގައި ހިފާފައިވާ ރާވަލަކޯޓު ފަދަ ސަރަހައްދުތަކުގައި އިންސާނީ ޙައްޤުތައް ގެއްލިފައިވާ މިންވަރާމެދު ވިސްނާލުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޕީ.އޯ.ކޭ ގެ ހާލަތާ ގުޅޭގޮތުން އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާންތަކަށް ސުވަރޫޕް އިޝާރާތް ކުރެއްވި އެވެ.
އެ ބަޔާންތަކުގައި، ސަލާމަތީ ބާރުތަކުން ހިންގާފައިވާ ކަމަށް ބުނާ މީހުން މެރުމުގެ ހާދިސާތައް މިނިވަންކަމާއެކު އަވަހަށް ތަޙްޤީޤް ކުރުމަށް ގޮވާލާފައިވެ އެވެ.
މީގެ އިތުރުން، ހައްޔަރުކޮށްފައިވާ ”ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ“ ގެ ލީޑަރުންނަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށާއި، އިންސާފުވެރި ޝަރީއަތެއްގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ވެސް އެ ބަޔާންތަކުގައި ބާރުއަޅާފައިވެ އެވެ.
އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ސަރަހައްދުތަކުން އިންޓަނެޓްގެ ޚިދުމަތަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް ސިޔާސީ ގޮތުން މަޝްވަރާ ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ޖުލައި 27 ގައި ބޭއްވުނު އިންތިޚާބުގެ ކުރިން، ޖޫން މަހުން ފެށިގެން ހިނގި ހަމަނުޖެހުންތަކުގައި އާންމުންނާއި ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު މަރުވެފައިވާކަން ހައި ކޮމިޝަނަރު ފާހަގަކުރައްވާފައިވެ އެވެ.
ނަމަވެސް ސުވަރޫޕް ވިދާޅުވީ، މިފަދަ ހާދިސާތަކުގައި އޯ.އެޗް.ސީ.އެޗް.އާރުން އަމަލުކުރަނީ ވަކި ފަރާތަކަށް ޖެހިފައިވާ އުސޫލަކުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަވަށްޓެރި ޤައުމުތަކާއި ހުޅަނގުގެ ޤައުމުތަކުގައި ކުރިއަށްދާ މުޒާހަރާތަކަށް ހަރުކަށިކޮށް ރައްދުދޭ މައްސަލައިގައި އެ އިދާރާއިން އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. މިފަދަ ”ޑަބަލް ސްޓޭންޑަރޑް“ ނުވަތަ ދެފަންތިއެއްގެ އުސޫލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ނިޒާމުތަކަށާއި އޯ.އެޗް.ސީ.އެޗް.އާރުގެ މަސައްކަތްތަކަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހާތުމާ ގާންދީގެ އިސްނެންގެވުމާއެކު އިންޑިއާއިން ކުރިއަށްގެންދިޔަ މިނިވަންކަމުގެ ހަރަކާތަކީ އަނިޔާވެރިކަމެއް ނެތް، ހަމަހަމަކަން އިސްކުރި ހަރަކާތެއް ކަމަށާއި، އިންޑިއާގެ ޤާނޫނު އަސާސީ ބައްޓަންވެފައިވަނީ ކޮންމެ ރައްޔިތަކަށް އަސާސީ ޙައްޤުތައް ކަށަވަރުކޮށްދޭ ގޮތަށް ކަމަށް ސުވަރޫޕް ވިދާޅުވި އެވެ.
އިންޑިއާގެ ރައްޔިތުން އެމީހުންގެ ޙައްޤުތަކުގެ ބޭނުން ހިފަނީ އާންމު މަސްލަހަތާއި ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތުގެ މަތިން ކަމަށާއި، ޤައުމުގެ ސަލާމަތީ ބާރުތަކުން އަމަލުކުރަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ ކޯޓުތައް މެދުވެރިކޮށް އިންސާފު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.



