
އެފްއާރުއެސްއިން ހުޅުމާލެ ފޭސް 2ގައި ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ގުޅިގެން، ހުޅުމާލެ ފޭސް 2ގެ ”އަމާން އުދަރެސް“ ޓަވަރުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
”އަމާން އުދަރެސް“ ޓަވަރު 15 އަދި 16 އާ ދެމެދު އޮންނަ ހުސްޖާގައިގައި އަމާން އުދަރެސް ޓަވަރު 15،14،13 އަދި 16ގައި ދިރިއުޅޭ ފަރާތްތަކަށް މި މަހުގެ 9ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދިނުމުގެ އިތުރުން ޚާއްޞަކޮށް ބަދިގޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ވެސް މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.
މި ސެޝަންގައި ބައިވެރިވެލެއްވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަށް ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ.
އާންމުންގެ ގިނަ ފަރާތްތަކެއް ބައިވެރިވެލެއްވި މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.



