ވޯލްޑް ކަޕަށް ސަޢޫދީ ބިނާކުރުމަށް ރޭވި 2.5 ބިލިއަން ޑޮލަރުގެ ސްޓޭޑިއަމްގެ މަސައްކަތް މެދުކަނޑާލައިފި

2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޚާއްޞަކޮށްގެން ސަޢޫދީ ޢަރަބިއްޔާއިން ނިއޯމްގައި ބިނާކުރުމަށް ރޭވި 2.5 ބިލިއަން ޑޮލަރުގެ ސްޓޭޑިއަމްގެ މަސައްކަތް މެދުކަނޑާލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ”ދަ ލައިން“ ގެ އެތެރޭގައި، ބިމުން 350 މީޓަރު އުސްމިނުގައި ހެދުމަށް ނިންމާފައިވާ މި ސްޓޭޑިއަމަކީ 46,000 މީހުންގެ ޖާގަ ހިމެނޭ ތަނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަޢޫދީ ޢަރަބިއްޔާގެ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫޢު ކަމަށްވާ ނިއޯމްގެ މަސައްކަތްތަކަށް ދިމާވެފައިވާ ލަސްތަކާ ގުޅިގެން، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުކުރާ މި ސްޓޭޑިއަމްގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

ކޮންސްޓްރަކްޝަން ދާއިރާގެ މަޢުލޫމާތު ދިރާސާކުރާ ”މީޑް ޕްރޮޖެކްޓްސް“ އާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު މިހާރު އޮތީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ.

160 ކިލޯމީޓަރުގެ ދިގުމިން ހުންނަ ”ދަ ލައިން“ ސިޓީގެ ތެރޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސްޓޭޑިއަމަކީ، ސަޢޫދީގެ ވޯލްޑް ކަޕް ބިޑުގައި ހިމެނޭ އެންމެ ޒަމާނީ އަދި އާދަޔާޚިލާފު އެއް ބިނާ އެވެ.

2024 ވަނަ އަހަރު ސަޢޫދީން ހާމަކުރި ވޯލްޑް ކަޕް ޕްލޭންގައި ހިމެނޭ ފަސް ސިޓީއެއްގެ 15 ސްޓޭޑިއަމްގެ ތެރޭގައި މި ތަން ހިމެނެ އެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާއިން ވަނީ 2034 ގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ސަޢޫދީ ޢަރަބިއްޔާއަށް ދީފަ އެވެ.

48 ޓީމު ވާދަކުރާ މި މުބާރާތް ވެގެންދާނީ އެއް ޤައުމެއްގައި މިހާ ގިނަ ޓީމުތަކާއެކު ބޭއްވޭ ފުރަތަމަ މުބާރާތަށެވެ.

ނަމަވެސް، މި ފަހަކަށް އައިސް ފެންމަތިވަމުންދާ ކަންކަމުގެ ސަބަބުން، ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ”ވިޜަން 2030“ އިޤްތިޞާދީ އިޞްލާޙީ މަޝްރޫޢުގެ މައި ތަނބު ކަމަށްވާ ”ދަ ލައިން“ އަށް ވަނީ ހިޔަނި އެޅިފަ އެވެ.

ނިއޯމްގެ މިލްކުވެރިކަން އޮންނަ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީ.އައި.އެފް) ގެ ގަވަރުނަރު ޔާސިރު އަލް-ރުމައްޔާން މިދިޔަ އޭޕްރީލް މަހު ވިދާޅުވި ގޮތުގައި، 2030 ވަނަ އަހަރުގެ ކުރިން ”ދަ ލައިން“ އަކީ މިހާރު އެންމެ އިސްކަންދޭ މަޝްރޫޢެއް ނޫނެވެ.

އެހެންނަމަވެސް، އެއްވެސް މަޝްރޫޢެއް ރަސްމީކޮށް އުވާލިކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ. ސަޢޫދީގެ ވޯލްޑް ކަޕް ހޯސްޓިންގ އޮތޯރިޓީން ބުނެފައިވަނީ މުބާރާތަށް ބޭނުންވާ މުހިންމު ބިނާތަކުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މި ސްޓޭޑިއަމްގެ މަސައްކަތް ހުއްޓާލާފައި މިވަނީ، ރިޔާޟްގެ ”ނިއު މުރައްބާ“ މަޝްރޫޢުގެ މައި ބިނާ ކަމަށްވާ ”މުކާބް“ އިމާރާތުގެ މަސައްކަތް ވެސް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕީ.އައި.އެފް އިން މިހާރު އިސްކަންދެނީ އަވަސް މާލީ ފައިދާއެއް ލިބޭނެ އިންވެސްޓްމަންޓްތަކަށެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތަކުގެ ސަބަބުން ވެސް މިފަދަ ނިންމުންތަކަށް ބާރު ލިބެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަޢޫދީގެ ހަކަތަ އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޔަމަނުގެ ޙޫޘީން ދަނީ ސަޢޫދީގެ މުހިންމު ބިނާތަކަށް ޙަމަލާދެމުންނެވެ.

އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ރިޔާޟްގައި ހުންނަ އަރަމްކޯގެ މަރުކަޒަކަށް ދިން ޙަމަލާއެއްގެ ޒިންމާ ޙޫޘީން ވަނީ އުފުލާފަ އެވެ.

ތެލުގެ ވިޔަފާރި ދަށަށް ދިއުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ މާލީ ވުޒާރާއިން ލަފާކުރާ ގޮތުގައި މިއަހަރުގެ ބަޖެޓު ޑެފިސިޓް ވުމުގެ އިތުރުން، ޤައުމުގެ ޖީ.ޑީ.ޕީ 3.6 އިންސައްތަ ދަށަށް ދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.