
ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޙާއްސަ ހޮސްޕިޓަލެއް އަޅާދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޙާއްސަ50 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި އެވެ.
ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ ނަފުސާނީ ބަލީގެ ނުވަތަ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނު ކޮށްފައިވަނީ މިއަދު އެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައި ވަނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ނަފުސާނީ ބައްޔަށް ޚާއްސަ، 50 އެނދުގެ އެ ހޮސްޕިޓަލު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ – އައިސީބީ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 20 އޮކްޓޫބަރު 2026 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބިޑްގައި ބައިވެރިވުމަށް 1،500ރ. ނުވަތަ 100 ޑޮލަރު އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 864,000.00ރ. ދައްކަންޖެހެ އެވެ.
މި މަޝްރޫޢުގެ ބީލަން ފޮތާއި އެހެނިހެން ލިޔެކިޔުންތައް 24 ސެޕްޓެމްބަރު 2026 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން (www.finance.gov.mv) ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންލައިންކޮށް އޮންނާނީ 7 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން އޭރު ނިންމީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށާއި، ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ. އަދި ނަފްސާނީ މައްސަލަތަކަކީ ފަހަކަށް އައިސް ދިވެހި މުޖުތަމައު ތެރޭގައި ވަރަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި އެހެން ކަމުން އެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެކަށީގެންވާ ރަނގަޅު އިސްލާހީ ކަންތައްތަކެއް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.



