ސޫރިޔާގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ނަމަ އިސްރާއީލާއެކު ސުލްހަ ޤާއިމުނުކުރެވޭނެ – އަހުމަދު އަލް-ޝަރާ

ސޫރިޔާގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ނަމަ އިސްރާއީލާއެކު ސުލްހަ ޤާއިމުނުކުރެވޭނެ ކަމަށް އަޙަމަދު އަލް-ޝަރާ ވިދާޅުވެއްޖެ އެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ވާހަކަދައްކަވަމުން ސޫރިޔާގެ ރައީސް ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކާއި ގޯލާން ހައިޓްސްއަކީ އެ ޤައުމުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަންގާރަ ދުވަހު ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ ވިދާޅުވީ، އިސްރާއީލާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އިސްރާއީލުން ސޫރިޔާއަށް ވައިގެ ހަމަލާތައް ދެމުންދާހާ ހިނދަކު އަދި ޝަރާގެ އުފަން ރަށް ކަމަށްވާ ގޯލާން ހައިޓްސް ހިފާފައި އޮތްހާ ހިނދަކު، ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

ނިއުޔޯކް ސިޓީގައި ކުރިއަށްދިޔަ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި އެޓްލާންޓިކް ކައުންސިލުން އިންތިޒާމުކުރި ހަރަކާތެއްގައި ވާހަކަދައްކަވަމުން ޝަރާ ވިދާޅުވީ، ”ކުރީގެ ސަރުކާރު ވެއްޓުނު ފަހުން ވެސް އިސްރާއީލުން ދަނީ ތަކުރާރުކޮށް ސޫރިޔާއަށް ހަމަލާދީ އުދުވާނުތައް ހިންގަމުން“ ކަމަށެވެ.

މީގެ އިތުރުން، 8 ޑިސެމްބަރު 2024 ގެ ފަހުން ވެސް އިސްރާއީލުން އާ ސަރަހައްދުތަކެއް ހިފާފައިވާ ކަމަށް ޝަރާ ފާހަގަކުރެއްވި އެވެ.

އެއީ އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކުން ވެރިރަށަށް ވަދެ، ކުރީގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާއަށް ފިލައިގެން ދިޔަ ދުވަހެވެ.

”މިއަދާ ހަމައަށް ވެސް އެމީހުން ދަނީ ސޫރިޔާގެ އެކި ސަރަހައްދުތަކަށް ވަދެގަނެ، މީހުން ހައްޔަރުކޮށް، ބޮން އަޅަމުން. އެހެން ނަމަވެސް ސޫރިޔާއިން އިސްކަންދިނީ ސިޔާސީ މަގުން މި މައްސަލަ ހައްލުކުރުމަށް. އެގޮތުން މަޝްވަރާގެ މަގު އިހުތިޔާރުކޮށް، އިސްރާއީލާ ގާތް ގުޅުމެއް އޮންނަ އެމެރިކާ ފަދަ ޤައުމުތަކުގެ އެހީތެރިކަމަށް ވެސް އެދިފައިވާނެ،“ ޝަރާ

ނަމަވެސް، މި ކަންކަމަކީ ފަސޭހަ ކަންކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޝަރާ ވިދާޅުވި ގޮތުގައި، ސަލާމަތީ އެއްބަސްވުމެއްގެ %90 އާ ހަމައަށް މަޝްވަރާތައް ދިއުމުން، ތަފާތު ސަބަބުތަކާ ހުރެ އިސްރާއީލުން ކުއްލިއަކަށް އެއްބަސްވުމުން ފަހަތަށް ޖެހެ އެވެ.

”ސުލްހައިގެ ވާހަކަ ދެއްކުމުގެ ކުރިން ސޫރިޔާގެ ރައްޔިތުންގެ ސަލާމަތާއި ޙައްޤުތައް ހިމާޔަތްކުރަން ޖެހޭ. ސޫރިޔާގެ ރައްޔިތުންގެ ޙައްޤުތައް ފޭރިގަނެފައިވާ ހާލަތެއްގައި ސުލްހައިގެ ވާހަކައެއް ނުދެއްކޭނެ،“ ޝަރާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު، އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި އަމިއްލައަށް ބަލައިގަންނަން ނިންމަވާފަ އެވެ.

ނަމަވެސް އދ. އިން ބަލައިގަންނަ ގޮތުގައި ގޯލާން ހައިޓްސްއަކީ އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ބިމެކެވެ.

”އެ ބިންތަކަކީ ކޮން ބައެއްގެ ބިންތަކެއްކަމާ މެދު ބަހުސްކުރާނެ ޖާގައެއް ނެތް،“ ޝަރާ ވިދާޅުވި އެވެ.

ޝަރާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރެއްވި އިރު، އަމިއްލަ މިލްކިއްޔާތުގައި ނެތް ބިންތައް ދިނުމުގެ ބަދަލުގައި އެމެރިކާގެ ސްޓޭޓެއް ދިނުމަށް ލަފާދެއްވި ކަމަށެވެ.

”އަޅުގަނޑު އޭނާއާ ސަމާސާކޮށްލާފައި ބުނިން، ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއް ކަމަށް ބުނާ ނަމަ، އޭގެ ބަދަލުގައި ނިއު ޖާޒީ އިސްރާއީލަށް ނުދެނީ ކީއްވެހޭ؟ ގޯލާން ހައިޓްސްއަކީ ދޭން އުޅުނަސް ޓްރަމްޕްގެ މިލްކެއް ނޫން. އެކަމަކު ނިއު ޖާޒީއަކީ އެމެރިކާގެ ބައެއް. އަދި އެތަނުގައި ތިބީ ޑިމޮކްރެޓުން ކަމަށްވާތީ އެމީހުން ޓްރަމްޕަށް ވޯޓެއް ވެސް ނުދޭނެ. އެހެންވީމާ އެތަން އިސްރާއީލަށް ދިނުން މާ ރަނގަޅުވާނެ ނޫންހޭ،“ ޝަރާ ވިދާޅުވިއެވެ. މި ވާހަކައާ ގުޅިގެން އެތަނަށް އެއްވެފައި ތިބި މީހުންގެ މެދުގައި ހިނިގަނޑެއް ފެތުރިގެން ދިޔަ އެވެ.

ޝަރާ ވިދާޅުވީ، ގޯލާން ހައިޓްސްއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަކީ ޙަޤީޤީ ކަންބޮޑުވުންތަކެއްތޯ ނުވަތަ ހީތަކެއްތޯ ބެލުމަށް ބައިނަލްއަޤްވާމީ ކޮމިޓީއެއް ބޭނުންވެދާނެ ކަމަށެވެ. އަދި އަބަދުވެސް އިސްރާއީލުގެ ކަންބޮޑުވުންތަކަށް އެކަނި އިސްކަންދޭ އުސޫލެއްގެ ތެރޭގައި ތިބެން ބޭނުންފުޅުނުވާ ކަމަށް ވެސް ޝަރާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.