އީރާނުން ދެކުނު ކޮރެއާ އަށް ވަރުގަދަ އިންޒާރެއް ދީފި

ހޯރްމުޒް ކަނޑުއޮޅީގެ މިޝަނުގައި ދެކުނު ކޮރެއާއިން ބައިވެރިވެއްޖެނަމަ، އެ ޤައުމުގެ މުދަލާއި ވަޞީލަތްތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ އެކަޑެމިކް މުޙައްމަދު މަރަންދީ މި އިންޒާރު ދެއްވާފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަސްކަރީ ގޮތުންނާއި ކަނޑުގެ ސިފައިންގެ ފައުޖުތައް ބައިވެރިކުރުމާ މެދު ދެކުނު ކޮރެއާއިން ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މަރަންދީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދެކުނު ކޮރެއާއިން ބައިވެރިވެއްޖެނަމަ، ތެހެރާނުން އެ ޤައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނެ އެވެ. އަދި ފާރިސް ކަނޑުއޮޅީގެ ސަރަހައްދުގައި ހުރި ދެކުނު ކޮރެއާގެ އިޤްތިޞާދީ އަދި އަސްކަރީ މަސްލަޙަތުތަކަށް އީރާނުން ޙަމަލާދީފާނެ އެވެ.

އަލްމަޔާދީންގެ ”ދަ ގްރޭންޑް ސްޓޭންޑްއޮފް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަރަންދީ ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ޤާއިމުކުރުމުގެ ނަމުގައި ހިންގާ ޙަރަކާތްތަކުގައި ދެކުނު ކޮރެއާއިން ބައިވެރިވުމަކީ، އެ ސަރަހައްދުގައި ހުރި އެ ޤައުމުގެ މަސްލަޙަތުތައް އީރާނުގެ ބަދަލުހިފުމުގެ ޙަމަލާތަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށެވެ.

”ދެކުނު ކޮރެއާއިން އީރާނާ ދެކޮޅަށް ކުރެވޭ މި ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ، އީރާނުން އެ ޤައުމު ބަލާނީ ދުޝްމަނެއްގެ ގޮތުގައި،“ މަރަންދީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ސަރަހައްދުގައި ހުރި ދެކުނު ކޮރެއާގެ ކޮންމެ މުދަލަކާއި ވަޞީލަތެއް ނައްތާލުމަށް އީރާނުން މަސައްކަތް ކުރާނެ ކަމަށެވެ.

މި ޙަމަލާތައް އަމާޒުވާނީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ނޫން ކަމަށާއި، ސަޢުދީ ޢަރަބިއްޔާ، ބަހްރައިން، ކުވެއިތު، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި ޤަތަރުގައި ހުރި ދެކުނު ކޮރެއާގެ މުދަލާއި ވަޞީލަތްތަކަށް ވެސް އީރާނުން ޙަމަލާދީފާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

“ ދެކުނު ކޮރެއާ އަކީ އީރާނުގެ ކުރިމަތީގައި ވަރަށް ބަލިކަށި ޤައުމެއް. އީރާނަށް އެ ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ،“ – މަރަންދީ

މަރަންދީ މިހެން ވިދާޅުވީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑުގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ދެކުނު ކޮރެއާއިން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އޮފީހުން ހުކުރު ދުވަހު ބުނި ގޮތުގައި، ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންދިޔަ ނަމަވެސް، އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަސްކަރީ ގޮތުން ބައިވެރިވުމާއި، ހަނގުރާމަވެރި ނޫން ދައުރުތަކާއި، ސާޗް އޮޕަރޭޝަންތަކުގައި ބައިވެރިވުމާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ.

”ޢަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އަދި އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ދަންނަވަން،“ ރިޔާސީ އޮފީހުން ބުންޏެވެ.

ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދަށް އަސްކަރީ ވަޞީލަތްތައް ފޮނުވުމާ މެދު ސަރުކާރުން ދަނީ ވިސްނަމުންނެވެ. އަދި އެކަމަށް ޕާލަމެންޓުގެ ހުއްދަ ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ދަ ގާޑިއަންގެ ރިޕޯޓެއްގައިވާ ގޮތުން، ފޮނުވުމަށް ވިސްނަމުންދާ ވަޞީލަތްތަކުގެ ތެރޭގައި ޕީ-8 ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓަކާއި ކަނޑުގެ ސިފައިންގެ ލޮޖިސްޓިކް ސަޕޯޓް އުޅަނދެއް ހިމެނެ އެވެ.

މީގެ އިތުރުން، ގޮވާތަކެތި ނައްތާލާ ޓީމެއްވެސް ފޮނުވައިފާނެ ކަމަށް ދެކުނު ކޮރެއާގެ ބައެއް މީޑިއާތަކުން ބުނެ އެވެ.

އަސްކަރީ ސިފައިންގެ އާ ފައުޖެއް ފޮނުވާނަމަ، އެކަން ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މުރާޖައާކޮށް، ކެބިނެޓުން ފާސްކޮށް، ނޭޝަނަލް އެސެމްބްލީގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ރިޔާސީ އޮފީހުން ބުންޏެވެ.

މި މަޝްވަރާތައް ކުރެވެމުން މިދަނީ، ހޯރްމުޒް ކަނޑުއޮޅީގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ވޮޝިންޓަނުން ދެކުނު ކޮރެއާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ދެކުނު ކޮރެއާއިން އެއްބާރުލުން ނުދޭތީ އެ ޤައުމަށް ފާޑުކިޔާފަ އެވެ.

ދެކުނު ކޮރެއާގެ ޙަކަތައިގެ ބޭނުންތަކަށްވެސް މި ކަނޑުއޮޅިއަކީ ވަރަށް މުހިންމު ތަނެކެވެ. މިދިޔަ އަހަރު އެ ޤައުމުން އެތެރެކުރި ސާފުނުކުރާ ތެލުގެ 61 އިންސައްތަ އަދި ނެފްތާގެ 54 އިންސައްތަ އެތެރެކޮށްފައިވަނީ ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

މަރަންދީ ވިދާޅުވި ގޮތުގައި، ދެކުނު ކޮރެއާއިން ބައިވެރިވިޔަސް މި ހަނގުރާމައިގެ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އަދި އެ ޤައުމުގެ އަސްކަރީ ޤާބިލުކަމަކީ އެމެރިކާއަށް މާބޮޑު އެހީއަކަށް ވާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ”ދެކުނު ކޮރެއާގެ އެއް ބޯޓު ނުވަތަ ދެ ބޯޓުން ކުރެވޭނީ ކޮން ކަމެއް؟ އެއީ މޮޔަ ކަމެއް،“ އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިކަމުގައި ބައިވެރިވުމުގެ ސަބަބުން އަސްކަރީ ދާއިރާއަށްވުރެ ބޮޑަށް އިޤްތިޞާދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

”އީރާނުން ހަމައެކަނި އަމާޒުކުރާނީ ދެކުނު ކޮރެއާގެ އަސްކަރީ ވަޞީލަތްތަކަކަށް ނޫން. އީރާނަށް ވަރަށް ފަސޭހައިން ފާރިސް ކަނޑުއޮޅީގެ ސަރަހައްދުގައި ހުރި އެ ޤައުމުގެ އިޤްތިޞާދީ ހުރިހާ ވަޞީލަތްތަކެއް ސުންނާފަތިކޮށްލެވިދާނެ،“ މަރަންދީ

އެމެރިކާގެ ފިއްތުންތަކާ ހެދި، 2019 ވަނަ އަހަރު ދެކުނު ކޮރެއާއިން ވަނީ ސޯމާލިއާގައި ހަރަކާތްތެރިވާ ކަނޑުފޭރުމާ ދެކޮޅު ޔުނިޓެއް ހޯރްމުޒް ކަނޑުއޮޅީގެ ސަރަހައްދަށް ފޮނުވާފަ އެވެ.

ނަމަވެސް، ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު މާޗް މަހު ވިދާޅުވެފައިވަނީ، އެ ސަރަހައްދުގައި ކުރިއަށްގެންދާ މިޝަނަށް އެއްވެސް ބޮޑު ބަދަލެއް ގެންނަނަމަ ޕާލަމެންޓުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.