
ބާރު ސްޕީޑެއްގައި ސަރުބީ ވިރުވާނީ ކިހިނެތް؟
ސުވާލު:
އެންމެ ހަލުވިމިނެއްގައި ބަނޑުގެ ސަރުބީ ދުއްވާލައި، ބަނޑު ހިންދާލުމަށް ކުރެވިދާނެ އެންމެ ފައިދާހުރި މަސައްކަތްތަކަކީ ކޮބައިތޯ؟
ޖަވާބު:
ބަނޑުގެ ސަރުބީ ވިރުވައިލުމާއި ބަނޑު ހިންދާލުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުން މުހިންމެވެ.
ކާބޯތަކެތީގެ އާދަތައް ލިމިޓް ކުރުން/ބަދަލުކުރުން:
ހަކުރު ގިނައިން އެކުލެވޭ ތަކެއްޗާއި، ފޮނި ބުއިންތަކާއި، އަދި މައިދާ ފަދަ ”ރިފައިންޑް ކާބޯހައިޑްރޭޓްސް“ މަދުކުރަންޖެހެ އެވެ. އޭގެ ބަދަލުގައި ފައިބަރާއި ޕްރޮޓީން ގިނަ ކާނާ އިޚްތިޔާރު ކުރާށެވެ.
ކަސްރަތު ކުރުން: ހަމައެކަނި ބަނޑަށް އަމާޒުކޮށްގެން ކުރާ ކަސްރަތުތަކުގެ އިތުރުން، މުޅި ހަށިގަނޑު ހަރަކާތްތެރިވާ ކާޑިއޯ ކަސްރަތުތައް (މިސާލަކަށް: ބާރަށް ހިނގުން، ދުވުން، ނުވަތަ ފެތުން) ކުރުން މުހިންމެވެ.
ނިދި ހަމަކުރުން: ދުވާލަކު މަދުވެގެން 6 -7 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދި ހަމަކުރުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދޭ ކަމެކެވެ.
ފެން ބުއިން: ގިނައިން ފެން ބުއިމަކީ ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދީ، ބަނޑުހައިހޫނުކަން ކުޑަކޮށްދޭ ކަމެކެވެ.
ސްޓްރެސް ކުޑަކުރުން: ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ބަނޑުގެ ސަރުބީ އިތުރުވުމަށް މެދުވެރިވާ ”ކޯޓިސޯލް“ ހޯރމޯން ދަށްކޮށްދޭނެ ކަމެކެވެ.
މި ކަންކަމަކީ އެއްދުވަހުން އަނެއްދުވަހަށް ނަތީޖާ ފެންނާނެ ކަންކަމަށް ނުވިޔަސް، ދެމެހެއްޓެނިވި ގޮތެއްގައި މި އާދަތަކަށް ޢަމަލުކުރާނަމަ إن شاء الله ކުރު މުއްދަތެއްގެ ތެރޭގައި އެދެވޭ ބަދަލެއް ފެންނާނެ އެވެ.
ޖަވާބު ދެއްވީ: އިސްޓްރަކްޓަރ ޢަލީ ޝަމީމު



