
ސަޢޫދީގެ ރައްޔިތުންނަށް އެޑޯބީގެ އޭއައި ހިލޭ
ސަޢޫދީ އަރަބިއްޔާއާއެކު ވެވުނު 4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން، އެޑޯބީގެ އޭއައި ވަޞީލަތްތައް އެ ޤައުމުގައި ހިލޭ ބޭނުންކުރުމުގެ ފުރުޞުޠު ދިނުމަށް ނިންމައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އިޢުލާންކުރި މި ޕާޓްނަޝިޕްގެ މައިގަނޑު މަޤޞަދަކީ ޢަރަބި ބަހުން ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކުރުމަށް ”ހިއުމަން“ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި، ސަރުކާރުގެ ޙިއްސާ އޮންނަ އޭއައި ކުންފުނި ”ހިއުމަން“ އާއެކު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، ސަޢޫދީގެ ރައްޔިތުންނަށް 12 މަސްދުވަހުގެ މުއްދަތަށް އެޑޯބީގެ އޭއައި ވަޞީލަތްތައް ހިލޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެޑޯބީން ހޯމަ ދުވަހު ހާމަކޮށްފި އެވެ.
މި ނިންމުމުގެ ދަށުން، ޝަރުތު ހަމަވާ 27 މިލިއަނަށްވުރެ ގިނަ ސަޢޫދީ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް ”އެޑޯބީ ފަޔަރފްލައި ސްޓޭންޑަޑް“ ސަބްސްކްރިޕްޝަނާއި ”އެޑޯބީ އެކްސްޕްރެސް ޕްރީމިއަމް“ ފީޗާތައް ހިލޭ ލިބިގެންދާނެ އެވެ.
މީގެ ތެރޭގައި ސަޢޫދީގެ ޘަޤާފަތާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އައު އިމޭޖް ޖެނެރޭޝަން މޮޑެލްއެއްވެސް ހިމެނެ އެވެ.
މި މަޝްރޫޢުގެ އަގު 4 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
އެޑޯބީ އާއި ސަޢޫދީގެ ސޮވެރިން ވެލްތު ފަންޑުގެ އެހީތެރިކަން ލިބޭ ”ހިއުމަން“ ކުންފުނި ގުޅިގެން ތަރައްޤީކުރާ މި މޮޑެލް މެދުވެރިކޮށް، ޢަރަބި ބަހުގެ އަމުރުތައް ބޭނުންކޮށްގެން އެ ޤައުމުގެ ޘަޤާފަތާ އެއްގޮތް ތަސްވީރުތައް އުފެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.
އެޑޯބީން ހާމަކުރި ގޮތުގައި، މި ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭން ފަށާނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.
މި ކުންފުނިތަކުގެ މެދުގައި އޮތް ގުޅުން ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ ޢަރަބި ބަހުންނާއި މެދުއިރުމަތީގެ ސަރަހައްދަށް ޚާއްޞަކޮށްގެން ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކުރުމުގައި ”ހިއުމަން“ ކުންފުންޏަށް އެހީތެރިވުމެވެ.
މި ޕާޓްނަޝިޕްގެ ސަބަބުން އެޑޯބީގެ އޭއައި އުފެއްދުންތަކާއި ވަޞީލަތްތައް ބޭނުންކުރާ މީހުންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މިއީ ކުދި ކުންފުނިތަކުން ބާރުގަދަވަމުން އަންނަ ޑިޒައިން ސޮފްޓްވެއަރގެ ވާދަވެރި ބާޒާރުގައި އެޑޯބީގެ ކުރިއެރުމަށް މުހިންމު ފިޔަވަޅެކެވެ.



