ޕްރިމިއާ ލީގު: ފެނާންޑޭޒްގެ ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި

އާދިއްތަ ދުވަހު ކުޅުނު މެޗުތަކުގައި ބްރޫނޯ ފެނާންޑޭޒް ހެދި ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން 5-2 އިން އިޕްސްވިޗް ބަލިކުރިއިރު، ޗެލްސީން ވަނީ 4-3 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް ކޯޗު ޒަބީ އޮލޮންސޯގެ ފުރިހަމަ ފެށުން ދަމަހައްޓާފަ އެވެ.

ފެނާންޑޭޒްގެ މޮޅު ކުޅުމާއެކު ޔުނައިޓެޑުން ވަނީ ލީގުގެ ފުރަތަމަ ހަފުތާގައި ހަލް ސިޓީ އަތުން 2-0 އިން ބަލިވުމުން ލިބުނު މާޔޫސްކަން ފިލުވާލާފައެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓުގައި ލީފް ޑޭވިސް ޖެހި ގޯލުން އިޕްސްވިޗުން ލީޑު ނެގުމުން، މައިކަލް ކެރިކްގެ ޓީމަށް އަނެއްކާވެސް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް 40 ވަނަ މިނެޓުގައި މާސެލީނޯ ނޫނޭޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މަތެއަސް ކޫންޔާ ތަނަވަސްކޮށްދިން ފުރުސަތަކުން ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ 56 ވަނަ މިނެޓުގައި އިޕްސްވިޗްގެ ޖެކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ހެރީ މެގުއާ ފޮނުވާލި ހަމަލާއެއް ގްރީވްސްގެ ގައިގައި ޖެހިފައި ގޯލަށް ވަންއިރު، މެގުއާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ އިޕްސްވިޗުން ކުރި ޝަކުވާތަކަށް ވީއޭއާރުން ތާއީދެއް ނުކުރި އެވެ.

އޭގެ ފަސް މިނެޓު ފަހުން ގްރީވްސް އަތުން ކޫންޔާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފެނާންޑޭޒް ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ފެނާންޑޭޒް އޭނާގެ ހެޓްރިކް ފުރިހަމަކުރީ ކޮބީ މައިނޫ އާއި ބްރަޔަން އެމްބިއުމޯ ފޮނުވާލި ހަމަލާތަކެއް ބްލޮކްވުމުން ލިބުނު ފުރުސަތެއްގައެވެ. މިއީ މީގެ ފަސް އަހަރު ކުރިން ލީޑްސް ޔުނައިޓެޑް ކޮޅަށް ހެދި ހެޓްރިކަށްފަހު، ޔުނައިޓެޑަށް އޭނާ ލީގުގައި ކާމިޔާބުކޮށްދިން ދެވަނަ ހެޓްރިކެވެ.

މީގެ އިތުރުން 82 ވަނަ މިނެޓުގައި ފެނާންޑޭޒް ދިން ބޯޅައަކުން އެމްބިއުމޯ ވަނީ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. އިޕްސްވިޗްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޗޫބާ އަކްޕޮމް އެވެ.

ޕަލްމާގެ ހުނަރުވެރިކަން
ހޯމަ ދުވަހު ފުލަމް އަތުން 3-2 އިން ޗެލްސީ މޮޅުވި މެޗުގައި ޖޮއާއޯ ފެލިކްސް، މޯގަން ރޮޖާސް އަދި ކޯލް ޕަލްމާ ލަނޑު ޖެހިއިރު، ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޕެޑްރޯ އާއި ޕަލްމާ ވަނީ ލަނޑު ޖަހާފައެވެ. ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ރޮޖާސްގެ އެހީތެރިކަމާއެކު ޕެޑްރޯ ނެޓޯ އެވެ.

މި މެޗުގައި ޗެލްސީގެ ގޯލް ބެލެހެއްޓީ އަސްޓަން ވިލާއިން އެ ޓީމާ ގުޅުނު އެމިލިއާނޯ މާޓިނޭޒް އެވެ.

މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިއަކު ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގު މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މި މެޗުގެ ސްކޮޑުން އެންޒޯ ފެނާންޑޭޒްއަށް ފުރުސަތު ދީފައިނުވާއިރު، އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވެދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

މެޗުގެ ފުރަތަމަ 31 މިނެޓުގެ ތެރޭގައި ޗެލްސީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު ރޯމިއޯ ލާވިއާ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖެހީ ނެޓޯ އެވެ. އަދި ތިންވަނަ ލަނޑު ޕެޑްރޯ ކާމިޔާބުކުރީ ޗެލްސީން އުފެއްދި ހިތްގައިމު ކައުންޓާ އެޓޭކެއްގަ އެވެ.

ބްރައިޓަންގެ މަލިކް ޔަލްކޫއީ އާއި ޕަސްކަލް ގްރޮސްގެ ލަނޑުތަކާއެކު އެ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ކޯލް ޕަލްމާ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއާއެކު ޗެލްސީން މެޗު ކާމިޔާބުކުރިއެވެ. މި މޮޅާއެކު ޗެލްސީ ވަނީ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހޯދި ތިން ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.

އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑާއި ލީޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ސަންޑަލޭންޑުން ވަނީ ވިލްސަން އިސިޑޯގެ ލަނޑުން 1-0 އިން ފުލަމް ބަލިކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.